މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2024″ ވިލާ ނޯޓިކާގައި މިއަދު ފަށައިފިއެވެ.
މިއީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެން ބާއްވަމުންދާ ކޮންފަރެންސް އެކެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން އިޙްސާން އެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވަގުތެއް. ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، އަޅުގަނޑުމެންގެ މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި، މި ދާއިރާގެ މުސްތަޤްބަލް ބައްޓަންކުރުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެން."
ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެކެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރަންސްގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.

