ދެ ބިމެއް ހުޅުމާލޭގައި ޓޯޔާޑެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް މާލެ އޭރިއާ ސަރަހައްދުން ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ހުޅުމާލެއިން ދެ ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަން ލިބިފައިވާ ކަމަށެވެ.
ނުގަވާއިދުން ޕާކުކުރާ އުޅަނދުތައް ގެންދާނީ އެ ސަރަހައްދަށް ކަމަށާއި ވެހިކަލްތައް ނެގުމުގެ ކުރިން އެ އުޅަނދުތައް ގަވާއިދުގެ ދަށުން ޕާކު ކުރުމަށް ސަމީރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުރި ސައިކަލުތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މިހާތަނަށް 100 އަށް ވުރެ ގިނަ ސައިކަލު ނަގައި ޓޯކޮށްފައިވެއެވެ. މާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައިވާ ހުރި އިންޖީނު ނެތް ތޮށިގަނޑުތަކުގެ ތެރެއިން މިހާތަނަށް 156 ވެހިކަލެއް ވެސް ނައްތާލާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ހިތުހުރި ގޮތަކަށް މާލޭގައި ޕާކުކުރަމުން އަންނައިރު، ސޯސަން މަގަކީ ބޮޑު ޕާކިން ޒޯނެއް އޮތް ތަނަކަށްވާއިރު އެ ޕާކިން ޒޯނުގައި ޖާގަ އޮއްވައި ވެސް އެތަނުގެ ކައިރީ މަގުމަތީގައި ޕާކުކުރަމުންދާ ކަމަށެވެ. އެހެންވެ، ވެހިކަލްތައް ނަގައިގެން މާލޭގެ މަގުތައް ހަމައަކަށް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ޕާކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށިއިރު، މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށާއި ގަވާއިދާ ހިލާފަށް ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

