މާލެ ފިޔަވާ އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ޕީޖީގެ އަރުޝީފެއް ގާއިމް ކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މީގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލަތައް އަރުޝީފު ކުރަމުން ދިޔައީ މާލޭގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައި އޮފީހުގައި ކަމަށާއި، އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ގޮފިތަކުން ބަލަހައްޓާ މައްސަލަތައް އެ ގޮތްޕެއްގައި ކަމަށެވެ. މިގޮތުން މި ފަދަ ގޮއްޕެއް ޕީޖީ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުވުމާއެކު މީގެ ފަހުން އެންމެހައި މައްސަލަތައް މަރުކަޒީކޮށް އަރުޝީފު ކުރަމުން ގެންދާނީ ފުވައްމުލަކުގައި ކަމަށެވެ.
ކޮންމެ އަހަރަކުވެސް އެ އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށަހެޅޭ ކަމަށާއި، މައްސަލައެއް އަރުޝީފުކުރަނީ މައްސަލައިގެ އެންމެހައި މަރުޙަލާތައް ނިމި ފަހު ގޮތެއް ކަނޑައެޅުމުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް އެ އޮފީހުގެ އަރުޝީފަށް ދާނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން އެފަދަ ސްޓޯރޭޖެއް ޤާއިމުކުރުމަށް މާލެއަކީ އެންމެ އެކަށީގެންވާ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާތީއާއި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ އުޞޫލުން މަސައްކަތްތައް ރާވާލުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ ފުވައްމުލަކު ސިޓީގައި މި އޮފީހުގެ އަރުޝީފު ޤާއިމުކުރަން ކަމަށްވެސް ބުނެފައި ވެއެވެ.
ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި، ސިޓީ ކައުންސިލާއި، އެރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ގާތުން އެހީތެރިކަން ދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޕްރޮސިކިއުޓަރެއް އެރަށުގައި ޤާއިމުވެ ހުންނަވާގޮތަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން އެ އޮފީހުގެ އަރުޝީފު ފުވައްމުލަކުގައި ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ، ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށަކަށްވެފައި، ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ޤާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނޭކަމުގެ ޔަޤީންކަން ސިޓީ ކައުންސިލުން ދެއްވާފައިވާތީއެވެ. އަދި ފުވައްމުލައް ސިޓީއަކީ ތަޢުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ޝަހަރަކަށްވެފައި، އަރުޝީފާއި އޮފީސް ހިންގުމަށް އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބެން އޮތުމަކީވެސް ފުވައްމުލަކުގައި އަރުޝީފު ޤާއިމުކުރުމަށް އެ އޮފީހުން ނިންމި އެއް ސަބަބު ކަމަށްވެސް ބުނެފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީ ކަމުގައިވެސް ޕީޖީން ބުނެއެވެ.

