ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބޯހިޔާވާހިކަމުގެ މަޝްރޫޢުތައް މިއަހަރު ފައްޓާވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު މިހެން ވިދާޅުވީ ވ.ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަށްވާއިރު އެކަމާއި އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި، ސަރުކާރުން ޢަމާޒުކޮށްފައިވަނީ އަތޮޅުތަކުގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ މި ދަޢުރުގެ ތެރޭގައި ކުރިއަށްގެންދިއުންކަން ފާހަގަކުރައްވަމުން ވިދާޅުވީ މި މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ޢަމަލީގޮތުން ފައްޓާވާނެކަމަށެވެ.
އެގޮތުން ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫޢުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެލިދޫގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެލިދޫގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެކަމަށެވެ. އަދި އެ ބިމުގައި ހައުސިން މަޝްރޫއުވެސް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

