ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖުމެންޓުން ހިންގާފައިވާ ނާޖާއިޒު ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ނިންމާފައިވާކަމަށް އެޗްޑީސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވެފައިވަނީ ވ. ފެލިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ރޭ އެރަށުގެ ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަޒުލް ވިދާޅުވީ، ކުރިން އެޗްޑީސީގެ ހިންގުމާ ހަވާލުވެ އޮތް މެނޭޖްމަންޓުން ދައުލަތައް ގެއްލުންވާގޮތައް އެތައް ކަމެއް ކޮށްފައިވާކަމަށެވެ. އަދި އެކަންތައްތައް އިތުރަށް ތަހުގީގުކޮށް އެ ކުންފުނީގެ އޮޑިޓެއް ހެދުމަށްފަހު އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަވުޅުދައްކަވަމުން ފަޒުލް ވިދާޅުވީ އެޗްޑީސީގެ ހާލަތު ވަނީ ދަށަށް ގޮސްފައިކަމަށެވެ. އެގޮތުން އެ ކުންފުނި 10 ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާއިރު، އެޗްޑީސީގެ ހާލަތު މިޙަ ދަށަށް ގެންދިޔަ ބަޔަކު ތިބޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ހަދަމުންދާ އޮޑިޓު ރިޕޯޓުތަކުގެ ސަބަބުން ނުރުހުންވާ ފަރާތްތަކެއް ހުރިނަމަވެސް، ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ފަސްނުޖެހޭނެކަމަށް ފަޒުލް ވިދާޅުވިއެވެ.
އޭގެ އިތުރުން، “ދިވެހީންގެ ރާއްޖެ، މަޖިލީހަށް” ނަމުގައި ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ފަރާތުން މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި 2 ވަނަ ވިޔަވަހީގެ އިތުރުން، ނުހިއްކާ ހުރި ބިންތައް ލައިގެން 50އަކަށް ބިން އެކި ފަރާތްތަކަށް ވިއްކައި ހަލާސްކޮށްފައިވާކަމަށް ފަޒުލް ވިދާޅުވެފައިވާއިރު، ރޭގެ ޖަލްސާގައި ފަޒުލް ވިދާޅުވީ، ވަގުތީގޮތުންކަމަށް ބުނެ ތިލަފުށީގެ 35 ބިމެއް އެކި ފަރާތްތަކަށް ދޫކޮށްފައިވާކަމަށެވެ.

