އެމްޓީސީސީގެ މާލީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް މިހާރު ކުރަމުންދާ ވިޔަފާރީގެ އިތުރުން މަސްވެރިކަމާއި، ޓޫރިޒަމް ވިޔަފާރިތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ ސީއީއޯ މިހެން ވިދާޅުވީ އެކުންފުނިން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
އިއްްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، މި ސަރުކާރުން އެމްޓީސީސީ ހިންގަން ފެށި އިރު، ކުންފުނީގެ 85 ޕަސެންޓު އާމްދަނީ އަކީ ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަށާއި އެކަން ބަދަލު ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ވަރަށް އަވަހަށް މަސްވެރިކަމުގެ ވިޔަފާރި އަށް ވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ވިޔަފާރި ފުޅާ ކުރުމަށް ކުރާ މަސައްކަތުން އެ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ އިތުރަށް ލިބޭނެ ކަމަށެވެ.
“މި ކުންފުނިން މަސްވެރިކަމާ ގުޅޭ ސިނާއަތަށް ވެސް މަޑުމަޑުން އެބަ ވަންނަން. އޭގެ ތަފްސީލު ފަހުން ހާމަކުރާނަން. އަޅުގަނޑުމެންގެ ވިސްނުމަކީ މިތަނުން ޕްރޮޖެކްޓްތަކަށް އެކަނި ޑިޕެންޑު ނުވުން،”
އެމްޓީސީސީގެ ސީއެފްއޯ ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ ކުންފުނީގެ ދަރަނި އަދާކުރުމުގައި ފައިސާ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ޕްރޮޖެކްޓްތަކުގެ އިތުރުން ޓްރޭޑިން ދާއިރާ ފުޅާ ކުރުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މަސްވެރިކަމުގެ އިތުރުން ޓޫރިޒަމް ދާއިރާއިން ވެސް ކުރެވޭނެ ކަންކަން އެބަ ހުރި ކަމަށް މަނިކު ވިދާޅުވި އެވެ.
“ކުރީގައި މި ކުންފުނީގެ ވިސްނުން ހުރީ ޓްރޭޑިން ޑިވިޝަން ވެސް އެއް ލެވެލްއެއްގައި ބެހެއްޓުމަށް. މިހާރުގެ މެނޭޖްމެންޓުގެ ވިސްނުމަކީ ޓްރޭޑިން ޑިވިޝަނަކީ ވަރަށް ޑައިވާސިފައި ޕްރޮޑަކްޓްތަކެއް ގެންގުޅޭ ޑިވިޝަނެއްގެ ގޮތުގައި ޓްރޭޑިން ޑިވިޝަން ހެދުމަށް،”
އޭނާ ވިދާޅުވީ، ކުންފުނި އަބަދުވެސް ހިންގަމުން ދިޔައީ ސަރުކާރުން ހިންގާ މަޝްރޫއުތަކުން ލިބޭ ފައިސާއިން ހިންގާ އުސޫލުން ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ސަރުކާރަށް އަބަދު ބަރޯސާ ނުވެ “ސެލްފް-ސަފިޝަން” ކުންފުންޏަކަށް ހެދުމަށް އާ މެނޭޖްމެންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިކަމާ ޓޫރިޒަމަށް ވަނުމަށް އެމްޓީސީސީގެ އާ މެނޭޖްމެންޓުން މަސައްކަތް ކުރާ އިރު ކުރީގެ މެނޭޖްމެންޓުން ވަނީ އެ ކުންފުނި ރިއަލް އެސްޓޭޓް ވިޔަފާރި އަށް ވަނުމަށް ޕްލޭންތައް ހުރި ވާހަކަތައް ވެސް އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

