އެމްޕީއެލްގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން، ޕީރިއަޑް މުއްދަތުގެ ތެރެއިން އެެއްދުވަސް އޮފްދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
މިގޮތަށް އެމްޕީއެލުން، ނިންމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެކުންފުނިން އެކަމުގެ ޝަރަފުގައި ބޭއްވި ހަފްލާގައެވެ. މިކަން އިއުލާން ކޮށްދެއްވަމުން ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ދޭ ލުޔެއްގެ ގޮތުގައި މަހަކު 1 ދުވަސް އޮފްކޮށްދެއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ތަފްސީލާއި ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު ވަރަށް އަވަހަށް ހާމަކުރައްވާނޭ ކަމަށެވެ.
އެމްޕިއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ ވިދާޅުވީ އެކުންފުނީގައި ވަޒީފާ އަދާކުރުމުގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދެއްވުމުގެ ގޮތުން އަންހެން މުވައްޒަފުންނަށް، ޕީރިއަޑް ދުވަސްވަރުން 1 ދުވަސް އޮފް ކުރުމަށް ސީއީއޯ ނިންމި ނިންމުން ވިހާވެސް އަވަހަށް ތަންފީޒް ކުރުމަށް މަސައްކަތް ކޮށް ކުރިއަށް ގެންދާނެ ގޮތް ވަރަށް އަވަހަށް ހާމަކުރައްވާނޭ ކަމަށެވެ. މިސަރުކާރުން އެމްޕީއެލް މެނޭޖްމަންޓަށް ގެނައި ބަދަލާއި ގުޅިގެން މުވައްޒަފުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން މެނޭޖްމަންޓް އިން ހާމަކުރެއެވެ.
މިގޮތުން އެމްޕީއެލް މުވައްޒަފުންގެ ފްލެޓްތަކަށް ކުލި ހިނގަން ފަށާނި ހުރިހާ ފްލެޓް ތަކަށް މީހުން ވަދެނިމުމުން ކަމުގައި އެމްޕީއެލުން ވަނީ މީގެ ކުރިން ނިންމާފައެވެ.

