މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
ހުޅުލެ ސާފުކުރުމަށް އެމް.އޭ.ސީ.އެލް އިން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

މިއަދު ހެދުނު 8:00 ގައި މި ކެމްޕެއިން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުންކަމަށް ސީ.އީ.އޯ އަދި އެމްޑީ ޝަރީފް ވިދާޅުވިއެވެ.

މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ވެސް ވަނީ ބައިވެރިވެފައެވެ.
މިއަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ހުޅުލޭގެ މައިގަނޑު 9 ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ.
ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަށް އެމް.އޭ.ސީ.އެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

