ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ކްލަބް ވެލެންސިއާ ސަސްޕެންޑު ކުރުމަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. އަދި މިނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު އެކަން އެ ކްލަބަށް ވަނީ އަންގާފައެވެ.
ވެލެންސިއާގެ މައްސަލަތައް ބޮޑުވެފައިވަނީ، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ދެ ކެނޑިޑޭޓުންގެ އަތުގައި ވެސް އެ ކްލަބުގެ ތާއީދު ސިޓީ އޮތުމުންނެވެ. އަދި ޖެނުއަރީ 31 ގައި ބޭއްވުމަށް މަސައްކަތްކުރި އެފްއޭއެމް އިންތިހާބު ފަސްކުރަން ޖެހުނު އެއް ސަބަބަކީ ވެސް މި މައްސަލަ ފެންމަތިވުމެވެ.
އޭރު އެފްއޭއެމް އިން ނިންމީ ވެލެންސިއާގެ ތާއިދު ސިޓީ ކެންސަލް ކުރުމަށެވެ. ފުރަތަމަ ޑިވިޝަނުގެ 3 ޓީމެއްގެ ތާއީދު ކޮންމެ ކެނޑިޑޭޓަކަށް އޮންނަން ޖެހޭއިރު، އެފްއޭއެމްއިން މިގޮތަށް ނިންމުމުން، އަހުމަދު ތޯރިގު (ޓޮމް) ގެ ކެނޑިޑެންސީ ބާތިލްވިއެވެ. އެ މައްސަލަ ތޯރިގު އެޕީލް ކުރިއިރު، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ، ފީފާ އާއި އޭއެފްސީން އެންގީ އިންތިހާބު ކެންސަލްކުރުމަށެވެ.
ނަމަވެސް ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި، އެ އެސޯސިއޭޝަންގެ ކޮމެޓީތައް ވަނީ މިހާރު އެކުލަވާލާފައެވެ. މި ކޮންގްރެސްގައި ވެލެންސިއާ ބައިވެރިވެފައެއް ނުވެއެވެ.

