ރާއްޖެއަށް ކަނޑު މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްސްޕޯޓް ކުރަން ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މިނިންމުން ހާމަކުރައްވަމުން އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ޗީފް އެކްސެކިއުޓިވް އޮފިސަރު މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް، ކުންފުނިތައް ބާރުވެރި ކުރުވައި، މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ކުރަމުންދާ މި މަސައްކަތުގެ ތެރެއިން ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްސްޕޯޓް ކުރުރުމުގެ ތައްޔާރީތައް ފަށައިގެން ކުރިޔަަށް ގެންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހުގެ ވާހަކައިގައި، ވަރަށް ގިނަ މުދާ ކޮލޮމްބޯ މަގުން ރާއްޖެ އައިސްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާތައް ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާނެ އިންތިޒާމުތައް ހަމަޖައްސަން އެއާލައިންސްތަކާ މަޝްވަރާކޮށް މުދާ އެކްސްޕޯޓު ކުރަން ތައްޔާރުވަމުންދާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، ޑޮލަރުން އާމްދަނީ ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނީގެ އެތެރޭގެ އިންތިޒާމުތައް ޒަމާނީ ވަސީލަތްތަކާ އެކުވުމުން، ޖުމުލަ 3000 ވުރެ ގިނަ ކޮންޓެއިނަރު ބަހައްޓާނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުންވެ ފަތުރުވެރިންގެ ހިދުމަތްތަކަށް ބޭނުންވާ “ބޮންޑެޑް ވެއާ ހައުސް” ތަކަށް ކުރިމަތިވި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭ ޕޯޓުގައި އިތުރު 150 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ އިތުރު ކުރަމުން ގެންދާ ކަމަށާއި އެކަމުން ރިސޯޓުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

