ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި ބޭސްތަކުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ.
މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ.
މިހެންވެ، ޑަކްޓަރުން އިންސާނާއަށް ރޯދަހިފުމަށް އަމުރުކުރެއެވެ. އެއީ މި ރޯދައިގެ ސަބަބުން މުހިއްމު މި ދެ މަޤްޞަދެއް ޙާޞިލުކުރެވޭތީއެވެ.އަދި ހަށިގަނޑު ކެއުމާއި ބުއިމާއި ހަޖަމުކުރުމުގެ ރަނގަޅުމިންގަނޑެއްމަތީގައި ވަކިއަތަކަށް ބުރަނުވާގޮތަށް ބަހައްޓާދޭތީއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "صُومُواتَصِحُّوا- ތިޔަބައިމީހުން ރޯދަ ހިފާށެވެ. އޭރުން ތިޔަބައިމީހުންނަށް ދުޅަހެޔޮކަން ލިބޭނެއެވެ."
ރޯދައަކީ އިންސާނާއަށް ލިބޭ ރަނގަޅު ފުރްޞަތެކެވެ.
މި ދުޅަހެޔޮކަން ޙާޞިލުކުރުމަށްޓަކައި ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ކެއުންބުއިމުގެ ކަންތައްތައްވެސް ކީރިތިރަސޫލާގެ ސުންނަތާ އެއްގޮތްކުރަން ޖެހޭނެއެވެ.
- ރޯދަވީއްލުން
- ރޯދަވީއްލުން: ރަސޫލުﷲގެފާނު ރޯދަފުޅު ވީއްލަވާފައިވަނީ ކަދުރުކޮޅަކާއި ފެންފޮދަކުންނެވެ. އެއަށްފަހު އެކަލޭގެފާނު ދެންކުރެއްވީ މަޣްރިބު ނަމާދެވެ.
- މަޣްރިބު ނަމަދަށް ފަހު ދެން ހޫނު ސުރުވާފޮދެއް ބޯލާށެވެ.
- ކޮންމެބާވަތެއްގެ ސުރުވާއެއް ވެސް ރަނގަޅުވާނެކަމަށް ޑައިޓްރީޝިއަނުން ބުނެއެވެ. އެއަށްފަހު ތާޒާ ސަޓަނިތަށްޓެއް ކާލާށެވެ. މިއީ މަޢިދާއަށް ބޭނުންވާ ހަކަތައިގެ ކެލޮރީ ހޯދައިދިނުމަށްޓަކައެވެ.
- ރޯދަވީއްލާއިރު ކާންބޭނުންވާ ބޮޑު ކެއުން ކާނީ މިއަށްފަހުގައެވެ. މި ކެއުމުގައި މަހުގެ ކޮންމެވެސް މިންވަރެއް ހުންނަން ޖެހޭނެއެވެ.
- އެންމެ ރަނގަޅުގޮތަކީ ރޯދަވީއްލުމަށްފަހު ދެތިންގަޑިއިރު ފަހުން ފޮނިއެއްޗެހި ކެއުމެވެ. މިއީ އަޅުގަނޑުމެން މިކިޔާ ތަރާވީހެވެ. ވީމާ ތަރާވީހަށް ފޮނިއެއްޗެހި ބެހެއްޓުން ރަނގަޅުވާނެއެވެ.
-
ރޯދަވީއްލާއިރު ދުރުހެލިވަންޖެހޭ ބައެއްބާވަތްތައް ޑަކްޓަރުން ފާހަގަކުރައްވައެވެ. އޭގެތެރޭގައި:
- ތެއްލިއެއްޗެއްސާއި ސަރުބީއެއްޗެހި
- ކޮފީއާއި ސަޔާއި ގޭސްހުންނަ ބުއިންތައް
- ހަކުރު ގިނަ ހެދިކާތައް
- މީގެ ބަދަލުގައި ޑަކްޓަރުން ނަސޭހަތްދެއްވަނީ
- ފެނާއި ތާޒާ މޭވާގެ ފަނި ގިނައިން ބުއިން
- ކިރާއި ކިރުގެ ބާވަތްތައް ގިނައިން ބުއިމާއި ކެއުން
- މާމުއި ފަދަ ޠަބީޢީ ހަކުރު ހުންނަ ބުއިންތަކާއި ކިރާއި މޭވާގެ ބާވަތްތައް ގިނައިން ކެއުން
- ހާރު ކެއުން
ދެން އޮތީ ހާރެވެ. ހާރުކެއުމަކީ ވަރަށްމުހިއްމު ކަމެކެވެ. އެއީ ކީރިތިރަސޫލާގެ ސުންނަތެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ "تَسَحَّرُوافإن فى السحوربركة – ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއް ވެއެވެ." އެކަލޭގެފާނު އަންގަވަނީ ފެންފޮދަކުން ވިޔަސް ހާރުކާށެވެ. މިކަމަކީ ރޯދައަށް ހުރުމަށް ބޭނުންވާ ހަކަތައާއި ކާނާ، ހަށިގަނޑަށް ހޯދާދިނުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ.
("ލިޔުންތެރިންގެ ގުޅުން" ގައި އިބްރާހީމް ރަޝީދު މޫސާގެ ލިޔުން "ރޯދައާއި ދުޅަހެޔޮކަން"…)

