އެއްވެސް އަޑެއް ނީވޭ ހިމޭން މެންދަމުގެ ތެރެއިން ބައެއް ފަހަރު ފަނިފަކުސައިގެ ރުއިމުގެ އަޑު ވެސް އިވެނީ ބިރުވެރި ރާގަކަށެވެ. ދުނިޔެމައްޗަށް ވެރިވެފައި ވަނީ އެކަނިވެރި ރޭގަނޑެއްގެ ހަނުކަމެވެ. ދުރުން މާދުރުން ކޮންމެވެސް އެކަނިވެރިއަކު އޭނާގެ ވޭނީ އާހުތައް ޖެހޭ ފިނިރޯޅިތަކާ ހިއްސާ ކުރަނީ ކަހަލައެވެ. އެހެނީ ފަނިފަކުސައިގެ އަޑަކީ ބައެއް ޝާއިރުން ބުނާ ގޮތުގައި އެފަދަ އެކަނިވެރިންގެ ވޭނީއާހުތަކުގެ އަޑެވެ. ނޫނީ ކޮންމެވެސް އާބެޙަޔާތެއްގެ ގޮވުމުގެ އަޑެވެ.
ހީވާހީވުމެއް ނޫނެވެ. ފަޅު ހިމޭންކަމުގެ ތެރޭގައި ދުރުގައި އެއްކަނުގައި އެހެރަ ގޭގެ ގޯތިތެރެއިން ހިލަމެއް އެބަވެއެވެ. އާއެކެވެ. މިލަހަނދުވަރުން ތެމެމުން ހެއްލިލަ ހެއްލިލާ ހުރި އުނދޯލީގައި ކޮންމެވެސް މީހަކު އެބައިނެވެ. އެމީހާގެ ކުރަކި ވެފައިވާ ނިކަމެތި އަޑުން ކޮންމެވެސް ރާގެއްވެސް އެބަކިޔައެވެ. ފާރުވެފައިވާ ވޭނީ އަޑެކެވެ. ރިހުމުން ކަޅިވެފައިވާ ރާގެކެވެ. އޭނާގެ ކޮށިއަޑު ކިތަންމެ ކުރަކި ވިޔަސް ހިތްފަޅައިގެންދާ ފަދަ ރިހުމެއް އޭގައި އެބަހުއްޓެވެ.
ވީރާނާވެފައިވާ ފަން ގެގަނޑުގެ ތެރެއިން ފާނޫޒެއްގެ އަލި ކަނިލާތަން ފެނެއެވެ. އެގޭގެ ދޮރަކަށް ހުރި ސަތަރުގަނޑު ހިއްލާލާފައި ޒުވާން ފިރިހެން ކުއްޖަކު ބޭރަށް އެބަނުކުމެއެވެ. އަދި ލައިގެން ހުރި ގަމީހުގެ ގޮށް އަޅުވަމުން އުނދޯއްޔާ ދިމާއަށް އަތުވެއްޖެއެވެ.
“އޭ މަންމާއެވެ. ނިދާކަށް ނުވޭތޯއެވެ.” ސަތާރަވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ އޭނާގެ މަންމަގެ ގާތުގައި އުނދޯލީގައި އިށީނެވެ. އަދި އުނދޯލީގެ ވަލުގައި ހިފައިގެން އިން އަންހެންމީހާގެ އަތްތިލައިގައި ހިފާލިއެވެ. “މަންމާއެވެ. މިހާރު މާބޮޑަށްވެސް ދަންވެއްޖެއެވެ. ދެން އެތެރެއަށް ވަންނަން އުޅޭށެވެ.”
އަންހެންމީހާގެ ލަވައިގެ އަޑު މެދުކެޑުމާއެކު ހިނިތުންވެލައިފިއެވެ. އަދި ދަރިފުޅުގެ ކޮނޑުގައި ބޯޖައްސާލަން ކަމަށް ހީކޮށްލިއެވެ. އެހެންނަމަވެސް އޭނާ ސިހިއްޖެއެވެ. ބަލިކަށިވެފައިވާ ދެލޮލުން ފެނުނު ވިދުން ފަނޑުވެއްޖެއެވެ. ދަރިފުޅެއް ނެތެވެ. އެއީ ފާތިމާއަށް ހީވި ގޮތެވެ. ފަހަކަށް އައިސް ކޮންމެ ރެއަކުވެސް ހީވާ ގޮތަށެވެ.
ދަރިފުޅުގެ އެގޮތަށް ވަކިވުން ފާތިމާގެ މުޅި ދުނިޔެ ވަނީ އަނދިރިކޮށްފައެވެ. ދުނިޔޭގެ ބިކައިގައި ތެޅުމުގެ ތެރެއިން ލިބުނު ހަމައެކަނި އުފަލަކީ މީހަކު ލޯބީގެ ނަމުގައި ދިން ބޮނޑިއަކުން ފޭދުނު ލަފެއްހެން ޖެހުނު ބަދުނާމުގެ ލައްގަނޑަކާއެކު ފާތިމާގެ އުނގު ފަޅުފިލުވާލަދިން ދަރިފުޅު އަންވަރެވެ. މައިބަފާ މަރުވެ ޔަތީމު ހާލުގައި އެގޭ ދޮށުން މިގޭ ދޮށުން އުޅެން ޖެހުނަސް ފާތިމަގެ އުޅުމާއި އަހުލާގެއް ހުރެއެވެ. މިގެގަނޑުގައި އޭނާ ދިރިއުޅެމުން ދިޔައީ ފުރާވަރުގައި ބައްޕަ ނިޔާވެ އެކަނިވުމުން ގޭގެއަށް މަސައްކަތް ކޮށްދޭ މީހެއްގެ ގޮތުގައެވެ. މަންމަ އޭގެ އެތައް އަހަރެއް ކުރިން ކެއްސުން ބަލީގައި މަރުވުމުން ބައްޕަ އެހެން މީހަކާ ނީނދެ އުޅެމުން ދިޔައީ ހިތްދަތިގޮތަކަށެވެ. އޭރު ބައްޕައަށްވެސް މަންމަގެ ފުށުން ކެއްސުންބަލި ހުރީ ޖެހިފައެވެ. ދެމީހުން ދުނިޔެއިން ވަކިވީއިރު ފާތިމައަށް ހިބައިން ލިބުނީ މިގެގަނޑު އެކަންޏެވެ.
ފާތިމާ އުޅުނީ ބާރައަހަރުން ފެށިގެން ގޭގޭގެ މަސައްކަތްކޮށްދިނުމުގައެވެ. އެހެން އުޅުމުގެ ތެރޭގައި އެތައް އެތައް ހުށަހެޅުމެއްވެސް އައެވެ. އެހެންނަމަވެސް އެއީ ފާތިމައާ އިންނާކަށް އޯގާތެރިވެ ބަލަހައްޓަން ބޭނުންވެގެން އަންނަ ހުށަހެޅުންތަކެއް ނޫނެވެ. އެހެންކަމުން ފާތިމާވެސް އެއިން ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެކަމަކު ޝަރީފުގެ ފަރާތުން ފާތިމާއަށް ޖެހުނީ ކޮންފަދަ ޖާދޫއެއް ކަމެއް ނޭނގެއެވެ. ހަމަ އެންމެ ބައްދަލުވުމަކުން ޝަރީފު ދެއްކި ހުރިހާ ދަޅަތަކެއްގައި ފާތިމަ ޖެހި ނިމިއްޖެއެވެ.
ޝަރީފަކީ އެރަށަށް ކޮންމެވެސް އަތޮޅުތަކުގެ ސާވޭއަކަށް އައި ވަފުދެއްގެ އިސްމީހަކަށް އައިސް އުޅުނު މީހެކެވެ. ފާތިމާމެންގެ ގޭގައި އޮތް ހުސްބިމާއި އެގޭގެ ގޯތިތެރޭގައި ފާތިމާ އިންދާ ހައްދަމުން ގެންދިޔަ ގަސްތަކާއި ގޯތީގެ ބޮޑުކަމާއި މިނިވަންކަމުން ޝަރީފު އެރަށުގައި ހިންގަން އައި ޕްރޮޖެކްޓަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބުނެވެ. ރަށުގައި ހުރި މަހެއްހާ ދުވަހު ޝަރީފު އުޅުނީ މިގޭތެރޭގައެވެ. އޭނާގެ މުހިންމު މަސައްކަތު ބައްދަލުވުންތައް އޮންނަނީ މިގޭ ގޯތިތެރޭގައެވެ. ފާތިމަ އަކީ އެމީހުންނަށް ސަޔާއި ޖޫހާއި ހެދިކާ ގެނެސްދިނުމުގައި ވެއިޓަރެއް ކަހަލައެވެ.
މަސްދުވަސްފަހުން ޝަރީފު ފުރީ ހަމަ އެންމެ އަވަހަށް އަންނަ ބޯޓަކުން ފާތިމާއާއި އޭނާގެ އަމިއްލަ ގެއަށް ބޭނުންވާ ސާމާނު ހިފައިގެން އަންނާނެ ކަމަށެވެ. ފުރައިގެން ދިޔަތާ ހަފުތާވީތަނާހެން ފާތިމަ ބަލިވެއްޖެއެވެ. މުޅި ރަށުގައި ވާހަކަ ފެތުރުނުލެއް އަވަހެވެ. ފާތިމަ ރަށްމެދަށް ބަލިވެ އިނީއެވެ. އެންމެ ކުޑަމިނުން ބަލިވެ އިނީ ކާކަށް ކަންވެސް ފާތިމައަށް ނޭނގޭ ކަމަށް ރަށުތެރެގައި ކިޔަމުން ދިޔައެވެ. ފާތިމަ ތަކުރާރުކޮށް ޝަރީފުގެ އޭ ބުންޏަށް އެއީ ކޮންރަށެއްގެ ކިހިނެއްވާ ޝަރީފެއްކަމެއް ފާތިމައަކަށްވެސް ނޭނގެއެވެ.
ކޮންމެއަކަސް ބަދުނާމާއި ފުރައްސާރައިގެ ތެރޭގައި ފާތިމަ ލޯބިލޯބި ފިރިހެންދަރިއަކު ވިހައިފިއެވެ. އެދަރިފުޅު ލިބުނުފަހުން ފާތިމަގެ ދުނިޔެ އުޖާލާވެ އުފާވެރިވެއްޖެއެވެ. ޝަރީފަށް އިންތިޒާރު ކުރުން ހަމައެކަނި ހިތުގެ ސިއްރަކަށް ބާއްވައިގެން ފާތިމަ އޮނުުޅެމުންދިޔައީ އުފަލުގައެވެ.
ދަރިފުޅު ބޮޑުކުރުމަށް، ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދިނުމަށް ފާތިމަ ރެއާދުވާލު ހޭބޯނާރާ މަސައްކަތް ކުރިއެވެ. ރަށުމަދަރުސާއަށްވެސް ދަރިފުޅު ފޮނުވިއެވެ. އެއްވެސް ކަމަކުން އުނިވިޔަ ނުދެއެވެ. ދުނިޔޭގެ އޮޔާވަޔާއެކު އަންވަރު ބޮޑުވަމުން ދިޔައީ ވަރަށް އުފާވެރިކޮށެވެ. އެހެންނަމަވެސް ބޮޑުވަމުން ދިޔަދިޔަ ހެން އަންވަރުގެ އެއްސުވާލު ތަކުރާރުވުންވެސް ދިޔައީ ކުރިއަށެވެ. އަދި އެސުވާލު ދިޔައީ އިތުރުވެސް ވަމުންނެވެ.
އެންމެ ފަހުން ބައްޕަ ހޯދަން އަންވަރު ބޭނުންވެއްޖެއެވެ. ބައްޕަ ހުރި ތަނަކުން ހޯދައިގެން މަންމައަށް އެހެން ހެދީ ކީއްވެތޯ އަހަން ބޭނުން ކަމަށް އަންވަރު ދިޔައީ ކިޔަމުންނެވެ. އެންމެ ފަހުން އަންވަރު އޭނާގެ ބައްޕައަކީ ކޮންތާކުން އައި ކާކުތޯ ހޯދުމުގައި ކާމިޔާބުވެސްކޮށްފިއެވެ. އަދި ބައްޕައާ ބައްދަލުވާނެ މަގުވެސް ހޯދައިފިއެވެ. ފަނަރައަހަރުގެ އަންވަރު މާލެ ދިއުމަށް ފުރީ އެއްދުވަހެއްގެ އިރުއޮއްސުނު ގަޑީގައެވެ. އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން އަންވަރު ފުރީ އެބޯޓު ކައްޕިގެ އެހީގައެވެ. ހަމަ މާލެ ގޮސްފައި އަންނައިރު އެބޯޓުން އަންނާނެކަމަށް ޔަގީންކަން ދީ މަންމައަށް އަހުދުކަށަވަރު ދީފައެވެ.
ބޯޓު އެދަތުރު ނިންމާފައި އެނބުރި އައެވެ. އެހެންނަމަވެސް އަންވަރެއް ނާދެއެވެ. އޭގެ ފަހުން ހަފުތާއެއް، ހަފުތާ މަހަށް މަސްތައް އަހަރުތަކަކަށް ވެއްޖެއެވެ. އަންވަރު އެނބުރި ރަށަށް ނާދެއެވެ. ދެއަހަރަށްވުރެ ގިނަ ދުވަސްވީފަހުން ފާތިމާއަށް ރަށު އޮފީސް މެދުވެރިކޮށް މެސެޖެއް ލިބުނެވެ. އެއީ އަންވަރު ދިޔަފަހުން ލިބުނު އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހަބަރެވެ.
އަންވަރަށް ބައްޕައާ ބައްދަލުވެއްޖެއެވެ. އުޅެނީ ބައްޕައާއެކު ބައްޕަގެ ރިސޯޓުގައެވެ. މިހާރު ކިޔަވަން ބޭރަށް ފުރައިފިއެވެ. ރަށުގައި އަންވަރު އެނބުރި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މުސްކުޅި މަންމައަށް އެ ފަން ޖިފުޓިގަނޑުގައި ފަންކާއެއް ނެތި ކަރަންޓާ ނުލައި އުޅެވުނަސް އަންވަރަށް އެގޮތަށް ނޫޅެވޭނެއެވެ. އެހެންކަމުން އަންވަރު ދެން އެނބުރި ރަށަށް އަންނާކަށް ގަސްދެއް ނުކުރެއެވެ.
އެ ސިޓީ ލިބުނުފަހުންވެސް ދިގު ފަސް އަހަރު ވޭތުވެއްޖެއެވެ. އަންވަރުގެ ވެސް އަދި ޝަރީފުގެވެސް އެއްވެސް ހަބަރެއް ފާތިމާއަކަށް ނުލިބެއެވެ. ރަށު އޮފީހުގައި ބުނެގެން ޝަރީފުގެ މައުލޫމާތު ހޯދައިދިނުމަށް މަސައްކަތް ކުރީ ރަށްރަށުގެ ކައުންސިލުތަކަށް ރައީސުން ހޮވިއިރު މިރަށުގެ ރައީސަކަށް ހޮވުނު ފަރާތުންނެވެ. އަންވަރު ހޯދުނީ ފޭސްބުކްއިންނެވެ. މަންމަގެ ހާލު ކިޔައިދިނުމުން ޖަވާބެއް ދޭނެކަމަށް ބުނެފައި އޮފްލައިންވީއެވެ. ދެން އައީ މެއިލްއެކެވެ. އެއަށްފަހު އަންވަރުގެ އެފްބީ އެޑް ޑިލީޓްވެއްޖެއެވެ.
އެ މެއިލްގައި ޕެއިޕާލްމެދުވެރިކޮށް ރަށު ފިހާރައެއްގެ އެކައުންޓަށް ދުއިސައްތަ ޑޮލަރު ފޮނުވާފައި ވާނެ ވާހަކައަށްފަހު އޮތެވެ. “އަހަންނަކީ މިހާރު ތިރަށާ ގުޅުން އޮތް މީހެއް ނޫނެވެ. އަހަރެން ހޯދަން ދެން ނޫޅޭށެވެ. ވިހައި ބަލައި ބޮޑު ކުރީތީ އަގެއްގެ ގޮތުން 200 ޑޮލަރު ފޮނުވީމެވެ.”
ރަށު ކައުންސިލު ރައީސު އެމެސެޖުގައި އޮތް ވާހަކަ ފާތިމައަށް ކިޔައެއް ނުދެއެވެ. ހަމައެކަނި ލާރީގެ ވާހަކަ ބުނުމުން ފާތިމަ އުފަލުން އޭނާގެ ދަރިފުޅުގެ ހެޔޮވާހަކަ މީހުން ގާތު ދައްކައި އުފާ ފާޅުކޮށް އެލާރިން ސޮދަގާތްދީ އުޅުނެވެ. ހަގީގަތް އެނގޭ މީހުން ފާތިމައަށް ހަމްދަރުދީވެ އޯގާތެރި ވަމުންދެއެވެ. ދުވަސްތައް ފާއިތުވަމުން ކުރިއަށް އޮވެދެއެވެ. މަޑުމަޑުން ފާތިމަގެ ސިކުނޑި ގޯސް ވަމުން ގޮސް މުޅިން ތަކުލީފު ކެނޑިފައިވާ މީހަކަށް ބަދަލުވެއްޖެއެވެ.
އޭގެ ފަހުން އެރަށު އަދި އެއަތޮޅުގައިވެސް އެވާހަކަ ދަންނަ ބައެއް ނަމަ ފާތިމައާއި އަންވަރުގެ ވާހަކަ މިސާލަކަށް ކިޔައި އުޅެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އަންވަރަށް ބޭރުގައި އުޅުމުގެ ތެރޭގައި އެއިޑްސް ޖެހުނީއެވެ. މަރުވީވެސް ބޭރު ގައުމެއްގެ ހޮސްޕިޓަލެއްގައި އަޅާލާނެ މީހަކު ނެތި އެކަނި އޮއްވައެވެ. ފާތިމަ ފަކީރު މަރުދުވަހާ ހަމައަށްވެސް އަންވަރު އަންނާނެ ކަމަށް އިންތިޒާރުކުރިއެވެ. އެންމެ ފަހު ވަގުތު ހާލުދެރަވެގެން ދިޔަ ވަގުތުވެސް “މަންމަގެ ދޮންފުތާ، އައީދޯ. ދަރިފުޅު އެނބުރި އާދޭތޯ މަންމަ މި އިންނަނީ ބަލަން….ދުއާ ކުރުމުގައި… ބުނެލީ މިހެންނެވެ. މިއީ ފާތިމަގެ ދުލުން ބުނި އެންމެ ފަހުގެ ބަސްތަކެވެ. އާއެކެވެ. ލޯބިވާ ދަރިފުޅު އެނބުރި އާދޭތޯ އެހެން އެމަގަށް ބަލަން އިނދެއިނދެ އުމުރު ހުސްވެ ދިޔައީއެވެ.

