ޝަފައްތަގެ ވާހަކަ-1
މަކުނުގެ ބުއްދި، ތިމާ ކުރަންވާނީ އެކަމަކަށް ތިމާގެ ގާބިލުކަން ހުރި ކަމެކެވެ!
ވާލަކާއި ކާށްޓަކާއި އިރުވާހުދަކާ ހިއްސާވެގެން ވިޔަފާރިއެއް ކުރުމަށް އެއްބަސްވެ އެގްރީމެންޓް ކޮށްފިއެވެ. ވާ ކޮންމެވެސް ފައިސާވެރިއެއްގެ އަތުން ނަގުދު ރުފިޔާ ގެނެސްފިއެވެ. ކާށި ގެނައީ ފޮތިފޭލި ތަކެކެވެ. އިރުވާހުދު އެތައް މަނެއްގެ ރަންވަންލޯ ގެނެސްފިއެވެ. އޭގެ ފަހުން ތިންމީހުން ވެގެން ނަވަކަށް މުދާތައް ލައިގެން ދަތުރަށް ފަށައިފިއެވެ.
ނަމަވެސް ގަދަފަދަ ވައިރޯޅިއެއްގައި ޖެހި ނާގަަނޑު ކަނޑަށް ގެނބިއްޖެއެވެ. ހިއްސާދާރުންގެ ތިންމީހުންމެ ވަރަށް ހާލުގައި އުޅެމުން މި ތޫފާނުން ފުރާނައާގެން ސަލާމަތްވިއެވެ. މިކަންތަކަށްފަހު ވާ އެއްގޮތަކަށްވެސް ދުވާލު ބޭރަކަށް ނުނިކުމެއެވެ. އެއީ އެއްކަލަ މުއްސަނދި މީހާގެ އަތުގައި ޖެހިދާނެތީއެވެ. ކާށި އެދުވަހުއްސުރެ އެކިމީހުންގެ ގާތުގައި އާދޭސްކުރަމުން މިދަނީ ގެއްލުމުގެ ބަދަލުހޯދައިދޭތޯއެވެ. އިރުވާހުދު ކޮންމެ ކޯރެއްގެ ގޮނޑުދޮށުގައި ހިނގަހިނގާ އިންނަނީ ގެއްލުނު ރަންވަންލޯތަކުގެ އަސަރެއްވެސް ފެނޭތޯއެވެ. ފަހަރެއްގައި ކޯރެއްގެ ރާޅުތަކުގެ ބާރުން ގޮނޑުދޮށަށް ގެނެސް ލައްކޮށްފައި އޮވެދާނެ ކަމަށް ހީކޮށްފައެވެ.
މިހަބަރު ލިބިގެން ބުއްދިވެރި ކާފަ މަކުނު މި މީހުންގެ ހާލުގެ ވާހަކަ އޮޅުން ފިލުވަން މިބައިމީހުންނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ އަންގައިފިއެވެ. ހަވީރެއްގެ ސަޔަށް ދައުވަތު ދިނުމުން ވަރަށް ބޮދަބޮދައިގެން މަކުނުގެ މަޖިލިހަށް، ވާލާއި ކާށްޓާއި އިރުވާހުދު ހާޒިރުވެއްޖެއެވެ. މަކުނުގެ ފުރަތަމަ ސުވާލަކަށް ވީ “ވިޔަފާރިއެއް ކުރުމަށް އެއްބަސްވުން ހެދުމުގެ ކުރިން ގެއްލުމެއް ވެދާނެ ކަމަށް ވިސްނައި ސައްލާ ކުރިންހެއްޔެވެ؟” ޖަވާބުގައި ތިންމީހުންވެސް މި ކުރީ ސުވާލެކެވެ. “ވިޔަފާރި ފެށުމުގެ ކުރިން ގެއްލުންވާނެކަން އެނގޭނީ ކާކަށްހެއްޔެވެ؟ އަހަރެމެން ދަންނަނީ ވިޔަފާރި ފެށްޓުމަށްފަހު ފައިދާ ވާ ވާހަކައާއި ގެއްލުން ވާ ވާހަކައެވެ. ފެށުމުގެ ކުރިން ގެއްލުން ވާ ވާހަކައެއް ނާހަމެވެ.”
މަކުނު ހީނގެންފައި ބުނެދިނެވެ. “ބަލަގަ މިހާރު ތިޔަތިބީ ވިޔަފާރި ފެށުމުގެ ކުރިން ލިބުނު ގެއްލުމެއްގައި ތާށިވެފައި ނޫންހެއްޔެވެ؟”
ތިން އެކުވެރިންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ތިޔައީ ކުރިއަކުން އެނގޭ ކަމެއް ނޫނެވެ. މީހުން ވިޔަފާރި ކުރާތީ އަހަރެމެންވެސް ވިޔަފާރިއެއް ފަށަން ބޭނުންވީއެވެ.”
“ކަމަކުން އެކަކު މޮޅުވިޔަސް އަނެކަކު ހަމަ އެކަމަކުން މޮޅުވުން ލާޒިމެއް ނޫނެވެ، ވިޔަފާރި ކުރުމަކީ އެންމެނަށް ކުރެވޭ ކަމެއް ނޫނެވެ. އަދި ހަމަ އެންމެނަކަށް ދަނޑުވެރިކަމުން ނަފާވެސް ނުހޯދޭނެއެވެ، ހަމައެހެންމެ އެންމެނަކަށް ގައުމުގެ ވެރިކަމެއްވެސް ނުކުރެވޭނެއެވެ. ބަޔަކު ކުރާހާ ކަމެއް ކުރުމަކީ މޮޔައިންގެ އުސޫލެވެ. ތިމާ ކުރިމަތިލައި ކުރިއަށް ދާން ޖެހޭނީ އެކަމެއްގައި ތިމާގެ ހުނަރާއި ހިލްމު ހުރި ދާއިރާއަކުންނެވެ. އެންމެނަކީ ލިޔުންތެރިންނެއްވެސް ނޫނެވެ، އަދި އެންމެނަކީ ސިޔާސީ މީހުނެއްވެސް ނޫނެވެ. އެންމެނަކީ ވިޔަފާރިވެރިންނެއްވެސް ނޫނެވެ. އެކިމީހުންގެ ހުންނާނީ އކެި ހުނަރާއި އެކި ގާބިލުކަމެވެ. ތިމާގެ ގައިގައި ހުރި ތިމާ އެކަމެއްގައި ހުށިޔާރު، ތިމާ އެކަމެއްގައި ތޫނުފިލިކަމާއެކު ކުރިއަށްދާ، އަދި އެންމެ މުހިންމު ކަމަކަށް އެކަމަކަށް ތިމާގެ ޝައުގާއި ޔަގީންކަން ހުރި ކަމަކުން ކުރިއަށްދާން ވިސްނާށެވެ. ކާމިޔާބާއި ކުރިއެރުން އޮތީ އެފަދަ ކަމެއްގައެވެ.”
އިރުވާހުދު ތެދުވީ އުފާވެރިކަމާއެކު ޝުކުރު ދަންނަވައި ނޭނގޭކަމެއް އެނގުނީތީ އުފާކުރަމުންނެވެ. އިރުވައިހުދު އެދިޔައީ އޭނާއަށް އެމަސައްކަތް ކުރުމުން ނުހަނު އުފާވާ އަދި ނަފާވާ، މެހިމާބުރު ހިފައި އެތަކެތިން ގޭގެ ސަލާމަތްކޮށްދިނުމުގެ މަސައްކަތް ފެށުމަށް އިއުލާން ކުރުމަށެވެ.
ކާށި އަވަސްވެގަތީ އޭނާގެ އަމުރަށް ތެޔޮހާނާއިދޭނެ އެހެން ކާށި ހޯދައި އެކަން ކުރުމަށް އަނބިކަނބުލޭގެ އަށް އެންގުމަށެވެ. އޭރަށް ތެޔޮހާނައި ތެޔޮވިއްކައިގެން ދިރިއުޅެވިދާނެއެވެ.
ވާ އުދުހިގެން ގޮސް ޖެއްސީ މޭވާ ގަހެއްގައެވެ. އޭނާގެ މޭވާތަކަކީ އެންމެ ތާޒާ މޭވާއެވެ. އެ ގަންނަން އެހިސާބުގެ ހުރިހާ ވާ އަންނާނެއެވެ. ތިން އެކުވެރިން އުފާވެފައި އަވަހަށް ދަރަނި އަދާކުރުމަށް ފެށިއެވެ.
ތެދުވާހަކައެކެވެ. ބަޔަކު ކުރާހާ ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ތިމާ ކުރަން ވާނީ އެކަމެއްގައި ތިމާ ގާބިލު ތިމާއަށް ކުރެވޭ ކަމެކެވެ، އަދި އެކަމެއް ކުރުމުގައި ތިމާގެ އިލްމު ހުރިކަމެކެވެ. އެނޫނީ ދެރަގޮތެއް ވެދާނެއެވެ.
==ނިމުނީ==

