މެންދަމުގެ މި ފިނި އަދި ހިމޭން ވަގުތުކޮޅު "ދަންފަޅި" ގެ މި ދަރުބާރަށް އައިސް ތިބި ތިޔަ އެންމެހާ މިތުރުންނަށް ރަމަޟާންމަހުގެ މުބާރިކާއި ތަހުނިޔާ ކިޔަމެވެ. ނިކަން އުފާވެރި ރޭގަނޑަކަށްވެސް އެދޭ ހާލު މަގޭ ހަޔާތުގެ ފަށްފުށްތަކުގެ ތެރެއިން ނުހަނު ބޮޑަށް ފޮރުވާފައި އޮތް ސޮފްހާއެއް ހުޅުވާލައި ހިއްސާކޮށްލަން ކަމަށް ހީކޮށް މި ދަންފަޅީގެ ފަތްޖެހި އެނދުގައި އިށީނދެ ފެށީމެވެ.
އަހަރެމެން މީ ދެހާހުގެ އަހަރުތަކުގައި ހެދިފޯދިގެން އައި "މިލީނިއަލްސް" ގެ ޒުވާނުންނެވެ. ދެހާސްވަނަ އަހަރަކީ ފިސާރި ފޯރިގަދަ އަހަރެކެވެ. މަށަށް ވާނީ ހަމަ ބަރާބަރު 19 އަހަރެވެ. ފުރާވަރު ނިމޭ އެންމެ ފޮނި އުމުރުތާއެވެ.
ލޯތްބަކީ ނިކަން ފާޑެއްގެ އެއްޗެއް ކަމަށް ކިޔާތީއަހަމެވެ. "ފަސްޓްލަވް، ޓްރޫލަވް" މިއީ އެކުވެރިންގެ މެދުގައި ބަހުސް ހޫނު، ފުޅާ މައުޟޫއެކެވެ. އަހަރެމެން ގްރޫޕުގައި ހައެއްކަ ފިރިހެންކުދިން ތިބޭ އިރު ދެތިންއަންހެން މަންޖެއެއް ވެސް އުޅެއެވެ. އެކަމަކު މަންޖެމެންނަކީ ގްރޫޕްގެ ބައެއް ކަންކަމުގައި ބައިވެރިވާ ކުދިންނެއް ނޫނެވެ.
ރައްޓެހިން ގިނަޔަސް އަހަރެމެންގެ މިބުނި ހައެއްކަ ފިރިހެން ކުދިންގެ ގްރޫޕަށް ނަމެއްވެސް ދީފައި އޮވެއެވެ. ސިކްސްސެން، އަހަރެމެންގެ ހަމީހުންގެ ވެސް ނަންފެށޭ އަކުރަށް ނިސްބަތްކޮށް ކިޔާފައި އޮންނަ ނަމެކެވެ. އަހަރަކީ އަހަރެމެން ސުކޫލު ނިންމާލުމަށްފަހު އާއިލާގެ މީހުންގެ ނުފޫޒުން ދުރުވެ ވަޒީފާ އަދާ ކުރަން ފެށި އަހަރެވެ.
ދަންފަޅި އަށް އައިސް ތިބި ގާތް މިތުރުންނޭވެ. ކުރިންވެސް ބުނިހެން 2000ވަނައަހަރު ފެށުނު ރެއަކީ ފިސާރި ބޮޑު ރެއެކެވެ. އަހަރެން ނޫން އެހެން ހުރިހާ އެކުވެރިންގެވެސް ލޯބިވެރިން އޭރު ހަމަވެއްޖެއެވެ. އެއްތަންވެއްޖެއްޔާ އަބަދުވެސް އޮންނަނީ އެމީހުންގެ ލޯބީގެ ކުޅިވަރުގެ ވާހަކައަޑުއަހަން ޖެހިފައެވެ. އަހަރެން ބެލީ ސުކޫލުގައި އުޅުނުއިރު ކިޔެވޭތޯއެވެ. ސުކޫލު ނިމި ވަޒީފާއަށް ދާން ފެށުމުން ދެން ބެލީ މަގޭ މައިންބަފައިންނާއި އާއިލާ އެދޭފަދަ ހަރުދަނާ ދަރިއަކަށްވޭތޯއެވެ. އެހެންކަމުން ތިންފަހަރު ލިބުނު މުސާރައިން މަގޭ ކޮޓަރި ކުރިއަށްވުރެ ބޮޑުކޮށް ރީތިކޮށްލީމެވެ. ދެން ލިބުނު ހަތަރުމުސާރައިން ބޮޑުބައި ބައްޕަ އަހަންނަށް ކޮންމެ މަހަކު ސޭވިންގެ އެކައުންޓަށް ލައިދެމުން އަންނަ ފައިސާގެ ތެރެއަށް އެއްކުރީ މަގޭ އަތުން ބައި ލާރިވެސް މަންމަމެން ނުހޯދާނެތީއެވެ.
ކޮންމެއަކަސް ބޮޑުރާޅު މި އެރީ ސާސްކަފަށް ފެށުނުރޭގެ ޝޯވގެ ތެރެއިންނެވެ. މަގޭ މުޅި ހަޔާތަށް މުޅިން އައު ކުލައެއް ޖެހުނީއެވެ.
މަގޭ އަލަތު ލޯބިވެރިޔާ ފުރަތަމަ ފެނުނީ ޖޭލޯގެ މިލީނިއަމް ލަވަ "ވެއިޓިންގފޯ ޓުނައިޓް"ގެ ލަވަ އަށް ނެށުން ފެށުނުތަނާހެންނެވެ. އަހަރެމެން އެންމެން ތިބީ ނިއުއިޔާ ނައިޓް ފާހަގަ ކުރަންވެގެން ބޭއްވި ޝޯވއެއް ތެރޭގައެވެ. ސްޓޭޖުގައި ޑާންސްގްރޫޕް ނަށަމުން ދިޔައެވެ. ހުރިހާ އެކުވެރިންގެ ލޯބިވެރިންނާއެކީ އެމީހުން ތިބި އިރު އަހަރެން ހުރީ އެކަނިވެފައެވެ. ކުއްލިއަކަށް އަހަރެންގެ ހަމަދާދި ގާތުން ނިކަން އަސަރުގަދަ ސެންޓެއްގެ ވަސް ސަމާލުކަން ދަމައިގެންފިއެވެ. ހީވީ ހަމަ ހިއްސުތައް އުތުރިއަރައިގަތީ ހެނެވެ.
ފަހަތަށް އެނބުރިލިއިރު މަގޭ މޫނަށް އެ އެޅުނީ މަންޖެގެ ނޭވާގެ ހޫނުވައެވެ. ހުރީ އެހާވެސް ގާތުގައެވެ. ފަހަތަށް ފިޔަވަޅެއް އެޅުނީ ހާސްވިވަރުންނެވެ. އަންހެންކުދިންގެ ކަންކަމުގައި މަށަކީ ހަމަ "ރަނޑު ފިނޑި" އެކެވެ. އެކަމަކު ދިމާވި މަންޖެ މާ ހުށިޔާރެވެ. އެ ފަށުވި އިސްތަށިގަނޑުން އަހަރެންގެ މޫނުގައި ފިރުމާލީ އެނބުރިލިވަގުތު ބޮލަށް ގެނައި ކުއްލި ހަރަކާތަކުންނެވެ. މަ ފަކީރު އަރިއަޅާލައިގެން ނުވެއްޓުނީ ހަމަކިރިޔާއެވެ.
"ވަރަށް ރީތި … ލޯ… ހީވަނީ ހަމަ ކުރަނގި ދެލޯ ހެން، އަނދުން އަޅާފައި ހުރިހެން ހީވަނީ، އަނދުން އަޅަންތަ؟" ސުކޫލުގައި ވެސް ކުދިން އެހެން ކިޔާ އުޅުނަސް އަހަރެން އެހާ ސަމާލުކަމެއް ނުދެމެވެ. އެކަމަކު އެރޭ ހަމަ ހަގީގަތުގައިވެސް މަގޭ ދެލޯ ހަމަ އެހާ ރީތީހޭ ހިތަށް އެރިއެވެ.
ގައިގަ ޖެހޭ ނުޖެހޭ ހިސާބުގައި ރަތްކުލައިގެ މެކްސީއެއްގައި ހުރި މަގޭ ހިތުގެ މަލަކާއަށް ފުރަތަމަ ނަޒަރުންވެސް ހިތް ދެވިއްޖެއެވެ. މަގޭ މަލަކާ އަކީ ވަރަށް ރީތި ޖިންސުއްލަތީފެކެވެ. އެރިކްކްލެޕްޓަންގެ "ލޭޑީ އިން ރެޑް" ލަވަ ސްޓޭޖުން ޖަހައިދިނީ އަހަރެންގެ ކޮންމެވެސް ލާނެތް އެކުވެރިއަކުގެ ސަމާސާއަކަށް ކަމަށްވިއަސް އެއީ މަށަށް ލިބުނު ވަރަށްވެސް އުފާވެރި ފުރުސަތެކެވެ. މަގޭ ހިތުގެ މަލަކާ ހުރީ ރަތްހެދުމެއްގައި މުޅިރޭ ރޯޝަންކުރަން މަގޭ ގާތުގައެވެ. ލަވައިގަ ބުނިހެން އަހަންނާއެކީ ނަށާށެވެ.
އެރެއަށްފަހު އަހަރެމެންގެ ލޯބީގެ ބަގީޗާގައި މާތައް ފޮޅި އެމާތަކުން ދުވާ މީރުވަހުން މާދުރުންވެސް ކޮކާލާއި މާބުރު އެ ބަގީޗާއަށް އަންނަން ފަށައިފިއެވެ، އެކަމަކު މަށަށް ނޭނގުނީ މަގޭ ބަގީޗާގައި ފޮޅޭ މާތަކުގެ ވަހަށް އަންނަ ކޮކާތައް އެއަންނަނީ ހަގީގަތުގައި މަގޭ ބަގީޗާގެ މާތަކަކަށްޓަކައި ނޫންކަމެވެ. އެ މާބުރު، ބަޅިނދު، ކޮކާތައް އެއަންނަނީ މަގޭ މަލަކާގެ ގަހަށް ތިރިކޮށް އެމަލުގެ ވަށައިގެން އެނބުރެން ވެގެންކަން އޮތީ ވަންހަނާ ވެފައެވެ. އެއަށްވުރެ އަހަރެން އުޅުނީ މާ ބޮޑު އުފަލެއްގެ ތެރޭގައެވެ. ރައްޓެހި ގްރޫޕާވެސް މުޅިން ވަކިވެގެން އަހަރެންގެ ހުރިހާ ހުސްވަގުތެއް ދެވެނީ މަގޭ ހިތުގެ މަލަކާއަށެވެ. މަލަކާ އަހަންނާ ބައްދަލުވާން އަންނަނީވެސް އަހަރެމެންގެ ގެއަށެވެ.

މަގޭ ހިތުގެ މަލަކާއަށް ފުރަތަމަ ނަޒަރުންވެސް ހިތް ދެވިއްޖެއެވެ…ފޮޓޯ:ޑެޕޮސިޓްފޮޓޯސް
އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އަހަރެންގެ އުފަލަށް ވުރެ އެމީހުންނަށް އެހެންކަމެއް މުހިންމު ނުވާތީ މަލަކާއާއި އަހަރެންގެ ގުޅުމަށް އެމީހުން ތިބީ ރުހިގެންނެވެ. އަހަރެން ކަހަލަ ގައިގެ ކުލަ ދޮން ހިމަތޮޅި، މާބޮޑު "ބޮޑީޝޭޕްނަލަ" މޮޑެލް ސްޓައިލް ނުހުންނަ، އާދައިގެ ޒުވާނަކާ މަލަކާ ހިތާވެގެން އުޅޭތީ މީހުންވެސް އެވާހަކަ ދައްކައެވެ، މަލަކާގެ ރައްދު ޖަވާބަކީ "މިއީލޯބި"ކަމެވެ.
ކޮންމެ ރަށެއްގެ ކޮންމެ މީހަކަސް ތަފާތެއް ނާންނަވަރަށް ލޯބިވާ ވާހަކަ ބުނީ ހަގީގަތުގައިވެސް އެކަން އޮތީ އެހެންކަމަށްވާތީއެވެ. މަލަކާ ހުރީ އަހަންނާ އިންނަން ތައްޔާރަށެވެ. މައްސަލައެއް ނެތްތާއެވެ. އޭނާއަކީ ފުވައްމުލަކު ކުއްޖެއްކަން އަހަންނަށް އޮތީ އެނގިފައެވެ. އޭނާގެ މަންމަ އުޅެނީ ވިލިމާލޭގައި ކުއްޔަށް ކަމާއި އޭނާވެސް އުޅެނީ މަންމަ ގާތުގައި ހަގު ކޮއްކޮމެނާ އެކުގައިކަން އެނގުމުން އަހަރެން ބޭނުންވީ ކައިވެނިކުރެވެންދެން ވެސް މަލަކާ މަގޭ ގޭގައި ހުރުމެވެ. އޭނާ އެހާ ހާލުގައި އެ ހުރިހާ ކުދިންނާއެކު އެ ކުޑަކޮޓަރީގައި އުޅޭކަން އަހަރެންގެ ހިތެއް ނުރުހުނެވެ. އަހަރެމެންގެ ގޭގައި އިތުރު ކޮޓަރިއެއް ހުރެއެވެ. އެއީ ޕާޓިޝަން ޖަހާފައި ހުންނަ ކޮޓަރިއެކެވެ. ދެބަޔަކަށް ހަދާފައި އެނދު ބަހައްޓާފައި ހުންނަނީ ބައެއް ފަހަރު ދަތުރުތަކުގައި މަންމަގެ ދުރުތިމާގެ މީހުން އައިސް ތިބޭތީ ދެ އާއިލާއެއްދެ މީހުންނަށް އުޅެވޭނެހެން ހަދާފައި ހުންނަ ފުދޭވަރެއްގެ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކައިވެންޏަށް އަދި ދެމަހެއްހާ ދުވަސް އޮތުމުން ބައްޕައާއި މަންމަވެސް މަލަކާ އެކޮޓަރީގެ އެއްބައިގައި އުޅެން އައުމުގެ ހިޔާލަށް ތާއީދު ކުރިއެވެ.
ކޮންމެއަކަސް މަލަކާ ގެއަށް އައުމުން ކުރިއަށްވުރެ އަހަރެން ރައްޓެހިންނާ ދުރުވިއަސް އެމީހުން އަހަރެންދެކެ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ބަރާބަރަށް އަހަންނާ ބައްދަލުވާން ވެސް އާދެއެވެ. އެކަމަކު މަލަކާއާ އެމީހުން އެއްގޮތަކަށްވެސް ނުރުހެއެވެ.
ދެން ވީ ހިތަށްވެސް ނާރާ ކަހަލަ ކަމެކެވެ. ފެންނަމުން ދިޔަ ކުލަހުވަފެނުގެ އަސްލު ހަގީގަތް ހާމަވެ އެނގެން ފެށީ އެހިސާބުންނެވެ. އަހަންނަން ބޭބެ ކިޔާ މަގޭ މަންމައާ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޮ ރިސޯޓު ވަޒީފާއަކަށް ފުރަންވަންދެން މާލެ ފައިބާ ހުރީ އަހަރެމެންގެ ގޭގައެވެ. އޭރު އަހަރެންގެ ކައިވެނީގެ ތައްޔާރީތައް ވަމުންދަނީއެވެ. އަހަރެންގެ މަލަކާއަކީ ޖާދޫގެ މަލަކާއެކެވެ. މަލަކާގެ ޖާދޫގައި ޖެހި އަހަރެން ހުރީ ދެލޯ އަނދިރިވެ އީމާންތެރިކަންވެސް ގުޑުން އަރާފައެވެ. މަލަކާގެ ގާތުގައި އަހަރެން ނިދަން ބޭނުންވިޔަސް އެކުގައި ވަގުތު ހޭދަކުރުމަށްފަހު އަބަދުވެސް މަލަކާ ބޭނުންވާނީ އަހަރެން އެކޮޓަރީގައި ނިދަން ނޯވެ ދިއުމަށެވެ. މަލަކާގެ ބަހަކީ ގޭ މީހަކަށް އެކޮޓަރީގައި އަހަރެން ނިދާކަން އެނގިއްޖެނަމަ ވަރަށް ހަޑި ކަމަކަށް އެކަން ވާނެކަމަށެވެ. އެވާހަކަ މަށަށްވެސް ގަބޫލުކުރެވުނެވެ،
ކޮއްކޮ ހުންނަނީ މަލަކާ ހުންނަ ކޮޓަރީގެ އެއްފަޅީގައެވެ. އެ ދެމެދުގައި ހުންނަނީ ޕާޓިޝަން ވަރަށްވަރުގަދަކޮށް ޖަހާފައި ކަމަށްވިޔަސް އެއްބައިން އަނެއްބަޔަށް ބޭނުންނަމަ ވަދެވޭނެ ދޮރެއް ހުންނާނެއެވެ. އެދޮރު ހުންނަނީ އަހަރެން ހިތުން އަބަދުވެސް ތަޅުލާފައެވެ. އެކަމަކު ކޮއްކޮ މާލެ އައިތާ ހަފުތާއެއް ވީފަހުން އައި ފުރަތަމަ ހުކުރުވިލޭރޭ އަހަރެންގެ އެ ކުށްހީ ދުރުވެގެންދިޔައެވެ. ގޭގައި ބޮޑު ބޮމެއް ގޮވާނެ ފަދަ އެމަންޒަރު ފެނުނީ ސީދާ މަގޭ ދެލޮލަށެވެ. ރެއަކީ އަހަރެންގެ ޑިއުޓީ ތަންކޮޅެއް ލަހުން ނިމ ރެއަކަށް ވީތީ މަލަކާ އަހަންނަށް އިންތިޒާރުނުކޮށް ނިދާނެއެވެ. އެކަމަކު އެރޭ އަވަހަށް އާދެވުމުން މަލަކާއަށް ކުއްލި ހައިރާންކަމެއް ދޭން އެކޮޓަރިއަށް ދާން ހިތުލައިގެން އޮފީހުން ގެއަށް އައި މަގުމަތީ އައީ ޗީޒްކޭކާއި ޖޫގޯވެސް ގަނެގެންނެވެ.
އަތުގައި ހުރި ޖޫގޯތަށްޓާއި ކޭކުތަށި ވެއްޓުނީ ސީދާ އެނދު ކުރިމަތީ ބިންމައްޗަށެވެ. އެނދުގައި އޮތް ދެ ހަށިގަނޑު އަވަހަށް ނިވާކުރެވޭތޯ ތެޅިގަތެވެ. މަށަށް އިށީނދެވުނީ އެތާ ހުރި ގޮނޑިއެއްގައި ފާޑަކަށް އަރިއަކަށެވެ. ސޮރީ ބުނާނެ ތަނެއް ނެތެވެ. މަންޒަރު ވަރަށް ސާފެވެ. އަހަރެން ބޭނުންވީ ޖަވާބެވެ. އެހެންވެ ތެދުވެގެން ގޮސް ދޮރު އެތެރެއިން ތަޅުލައފީމެވެ.
ހަގީގަތް ވަރަށް ވެސް ހިތިރަހަ ގަދައެވެ. މި ފިލްމުގެ ބަތަލު ހުރީ މަގޭ ކުރިމަތީގައެވެ. އަސްލުގައި މަށަކީ ފިލްމުގެ ހީރޯއާއި ހީރޮއިން ރޭވުންތެރިކަމުން އުފަންކޮށްފައި ހުރި "ޝުގަރޑެޑީ"އެކެވެ. މޮޅުތަންކޮޅަކީ އެކަހަލަ ޑެޑީއަކަށް ވެވުނުކަމެއް މަށަށްވެސް ނޭނގޭތީއެވެ. ތެދަށް ބުނަންޏާ މަ ހުރީ ހަމަ "ރޮލަ"އެވެ.
މަލަކާއާއި ކޮއްކޮއަކީ މާކުރިންވެސް ދެލޯބިވެރިންނެވެ. މަލަކާއާއި ކޮއްކޮ ކައިވެނި ކުރާކަށް ކޮއްކޮގެ މަންމަވެސް ބައްޕަވެސް އެއްބަސް ނުވާނެކަން އެމީހުނަށް އެނގެއެވެ. މަލަކާއަކީ މާ ހުށިޔާރު "ޝުގަރބޭބީ"އަކީއެވެ. ކޮއްކޮގެ އަތަކު ދެމީހުން އެކީ ވަކިން އުޅޭނެ ފައިސާއެއް ނެތެވެ. މަލަކާ އެކި ދިމަދިމާލުން ހޯދާ ފައިސާއިން ދެމީހުން އެކީގައި އުޅުން ފަސޭހަ ނުވާނެތީ ތަންކޮޅެއް ރަނގަޅު ޕްލޭނެއް ބޭނުންވީއެވެ. ޓާގެޓަށް އެރީ މުއްސަނދި ބޮޑުބޭބެއާއި ފަހަރީގެ ހަމައެކަނި ވާރިސް ހުރީ ހުހަށެވެ. ބޭނުންވަނީ ހަމަ އެންމެ ތީރެކެވެ. އަމާޒުވެއްޖެ ނަމަ ކާމިޔާބުވީއެވެ.
ރޭވިފައި އޮތީ ކައިވެނިވެސް ކުރާ ގޮތަށްކަން އެނގުމުން އިތުރަށް ދެރަވެ ހިތްދަތިވިއެވެ. މާނައަކީ ކައިވެނިކޮށްގެންވެސް ….. ކޮއްކޮއާއެކީ…..
މާތްކަލާކޯއެވެ. މަލަކާ އެވީ ދެބެންގެ ކެޔޮޅަށްތާއެވެ.
އަހަރެންގެ އެކުވެރި ހެޔޮ ރަހްމަތްތެރިން މަގޭ ހަލާކުވި ދިރިއުޅުމާއި ޒަހަމްވި ހިތުގައި ވޭސްއަޅައި ކުނިނަގާ ލޮރީއެއްގެނެސް ހަފުތާއެއް ފަހުން ގޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ހަފުލާއަށް ގެނެސްފައިވާތަކެތި، މިހާރު ބޭކާރުވެ ބޭނުންނެތިފައިވާ، "ކުނިބުނި" ގެއިން ބޭރުކޮށް ހިތުގެ މަލަކާވެސް އެއިން ޑަސްޓބިންއކާއެކު ގެއިން ބޭރަށް ކުނިގޮނޑަށް ފޮނުވާލީއެވެ. އަހަރެންގެ މުޅި ނަފުސު އޮތީ ނުތާހިރުވެފައި ކަމުން އަވަހަށް ބެލީ އެ ހަޑިން ސާފުތާހިރުވެ ފެންވަރާލެވޭތޯއެވެ.
އޭގެ ތޭވީސް އަހަރު ފަހުން މިހާރު އަހަރެން އަމިއްލަ ބޮޑު ވިޔަފާރިއެއް އެބައޮތެވެ. ނުހަނު ކާމިޔާބު ފޯނާއި ކޮމްޕިއުޓަރ ސާމާނުގެ އައިޓީ ޓެކް ވިޔަފާރީގެ އަސްލު ވެރިއަކީ އަހަރެންގެ ހަތަރުކުދިންގެ މަންމަ، އަދި މަގޭ ވިޔަފާރީގެ ހިއްސާދާރު މަގޭ އަނބިމީހާއެވެ.
މަލަކާ ފަދަ ޗާލު ރީތި އަނތްބަކަށް ނުވިޔަސް މަގޭ އަނބިމީހާއަކީ ޖަވާހިރެކެވެ. އެހެންވިޔަސް އަދިވެސް އަހަރެމެންގެ އާއިލާ ތެރޭގައި ދެބެންގެ ކެޔޮޅު ކިޔާ ގޮވާލަން ކޮއްކޮ އެއުޅެނީ ހަމަ އެމަލަކާ އާ އިނދެގެންނެވެ. އެމީހުންގެ ދިރިއުޅުން އަދިވެސް އޮންނަނީ އެ ގޮތަށް ހަމައެއް ލަމައެއް ނެތިއެވެ. ދެބެންގެ ކެޔޮޅަށްވިޔަސް، މަލަކާ ދެކެ ލޯބި ވެވުނުކަމާއި މަލަކާއަށްޓަކައި އަހަރެން ނުހަނު ހިތާމަކުރި ކަމީވެސް ހަގީގަތެކެވެ.
ދަންފަޅީގައި ހިއްސާ މިކޮށްލީ އަހަރެންގެ އަލަތުލޯބީގެ ހިތި ތަޖުރިބާއެވެ. އަދިވެސް ހިތުގެކޮންމެވެސް ކަނެއްގައި މަލަކާގެ އެރީތި ލޫޅާފަތި ސޫރަ ފޮރުވިފައި ހުރުން އަހަންނަކަށް ނުހުއްޓުވުނެވެ. ތެދަށް ބުނަންޏާ މަލަކާއަކީ އަހަރެންގެ އަލަތު އަދި ހަގީގީ ލޯތްބަށްވީއިރު މަގޭ އަލަތު ހުރިހާވެސް ކަމެއްގެ އަލަތުލޯބިވެރިޔާއެވެ. އެކަމެއް ހަނދާންނައްތާލާނެ ހިތްވަރެއްހަމަނެތީއެވެ،

