“ރަމަޟާން އުމްރާ ކުއިޒް 1445” ގެ ނަމުގައި ހާއްޖު ކޯޕަރޭޝަނުން ކުއިޒެއް ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ދީނީ މައުލޫމާތު އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ފެށިގެންދިޔަ މި ކުއިޒްގައި ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގައިވެސް 3 ސުވާލު އެ ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށް ޖަވާބު ދިނުމުގެ ފުރުސަތަށް ހުޅުވާލެވޭނެ ކަމަށެވެ.
އަދި އުމްރާ ދަތުރު ލިބިގެންދާނީ އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަށް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މި ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޝާން މަހުގެ ނިޔަލަށެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ހައްޖާއި އުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލާރާވައިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ގާއިމްކުރުމުގެ މަގްސަދުގައި 2013 ވަނަ އަހަރު ރަޢީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ކުންފުންޏެކެވެ.

