ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.
ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ، ގަވާއިދަށް ގެނައި އިސްލާހު އުވައިލަން ހުށަހަޅުއްވާ ކަމަށެވެ.
ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ، ގަވާއިދަށް ގެނައި އިސްލާހު އުވައިލަން ހުށަހަޅުއްވާ ކަމަށެވެ.
“މަޖިލީހުގެ އެއްވެސް މަސައްކަތެއް އަޅުގަނޑަށް ކުރިއަށް ގެންދެވޭނީ ގޮތެއް ނިންމާފައި. މަޖިލީހުގެ ގަވާއިދުގައި އަމަލު ނުކުރެވޭ ގޮތަށް މާއްދާއެއް ނުއެއް އޮންނާނެ. އެ މާއްދާ އުނިވާން އެބަޖެހޭ،”
މެންބަރުންގެ އަދަދު ގުނާއިރު އިސްތިއުފާ ދީފައި ތިބި މެންބަރުން ވެސް ގުނަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެ ކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކޮށްފައިވާ ހުކުމެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ޖަލްސާގެ އެއްވެސް ވޯޓެއް ނެގޭނީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.
އެކަމަކު، އެ މަނިކުފާނުގެ ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޖަލްސާ ފައްޓަވަމުން މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ވިދާޅުވުމުން އަޑުއައްސަވަން އުނދަގޫވި ކަމަށެވެ.
“ދިރިދިރި އޮތް މާއްދާއެއް ނެތް މާއްދާއެއް ކަމުގައި ބައްލަވައިގެން ޖުމުލަ އަދަދަކީ 87 ކަމުގައި ފާހަގަކުރެއްވި ފާހަގަކުރެއްވުން އެއީ އަޅުގަނޑަށް އަޑުއަހަން އެހާ ފަސޭހަ ވާހަކައަކަށް ނުވި،”
ނައިބު ރައީސް އަހުމަދު ސަލީމް (ސައްލޭ) ވެސް ވަނީ ޖަލްސާ ފައްޓަވަމުން އަސްލަމް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމުގައި ވިދާޅުވުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މަޖިލީހުން ގޮތެއް ކަނޑައަޅުއްވަން ހުށަހެޅުއްވީއިރު، ރިޔާސަތުން އެ ކަމުގައި ވަކި ގޮތެއް ނިންމަވައިގެން ނުވާނެ ކަމަށެވެ.
“މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމުގައި އިއުލާނު ކުރެއްވި ހިސާބުން ރިޔާސަތުން އެ އޮތީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ހުކުމާ މެދު ގޮތެއް ނިންމަވާފައި،”
ސަލީމް ވަނީ އެ މައްސަލައިގައި މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ ކުރީގައި ޕީޖީ ގްރޫޕުތަކުގެ މެދުގައި އަދި ވަކިވަކި މެންބަރުންގެ މެދުގައި މަޝްވަރާކުރަން ފުރުސަތު ދެއްވަން އެދިވަޑައިގެންފައެވެ.
“ޖަލްސާ ފަށާއިރުގައި ރިޔާސަތުން ވަކި ގޮތެއް ނިންމެވީމާ ދެން އެ މައުލޫގައި މެންބަރުން ދައްކާނެ ވާހަކައަކީ ކޮބައިތޯ އަޅުގަނޑުގެ ހިތުގައި މި އުފެދޭ ސުވާލަކީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މައުލޫގައި ކައުންސެލް ޖެނެރަލްގެ ލަފައެއް މެންބަރުންނަށް ބޭނުންވާނެ،”
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން މީގެ ފަހުން މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ކަނޑައަޅައިދިނުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ. އެކަމަކު، އެމްޑީޕީ މެންބަރުން ވަނީ އެ ކަމާ ދެކޮޅު ހައްދަވައިފައެވެ.
އެހެންވެ، މި މައްސަލައިގައި މެންބަރުންގެ މެދުގައި މަޝްވަރާކުރަން ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.
ސުޕްރީމް ކޯޓަށް ގާނޫނު ހެދުމުގެ ބާރު ނޯންނާނެ ކަމަށް ވިދާޅުވެ، މައްސަލައިގައި ބަހުސް ކުރެއްވި މެންބަރުން ވަނީ ހުކުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ހުކުމާ ދެކޮޅަށް ގާނޫނުތައް ފާސްކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވެއެވެ.

