ރޯދަމަހަކީ އެމަހެއްގައި ގިނަގިނައިން އަޅުކަން ކުރުމާއި ﷲ ހަނދުމަ ކުރުމާއި ޒިކުރުކުރުމާއި އަސްތަޣްފާރު ކުރުމުގައި ހިތާއިދޫ އަބަދުމެ ހަރަކާތްތެރިވުން އައުލާކަން ބޮޑު މަހެކެވެ. ފަޖުރުލީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއިން ބުއިމާއި ރޯދަގެއްލޭ ކަންތައްތަކުން ދުރުވެ، ﷲއަށް ޢިބާދާތް ކުރުމުގައި ވަގުތު ހޭދަކުރަން ޖެހެއެވެ. މިގޮތުން ރޯދަމަހު އެންމެ ދުރުވާން ޖެހޭ އެއްކަމަކީ ޣީބަ ބުނުމެވެ.
ޣީބަ މި ލަފުޒު ނެގިފައިވަނީ "ޣައިބު" މިބަހުންނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗެއްސެވެ. "ޣީބަ" އަށް ޣީބަ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެ ވާހަކައެއް ދެއްކުމެވެ.
ޣީބައަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ޣީބައަކީ ކޮންއެއްޗެއްކަން އެނގޭހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. "ﷲއާއި އެކަލާނގެ ރަސޫލާ މޮޅަށް ދެނެވޮޑިގެންވެއެވެ." ޙަދީޘް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ." އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެއީ އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަ ދެއްކި ނަމަވެސްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަ ކަމަށް ވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ."
ޣީބަ ބުނުމުގެ ޙުކުމަކީ ޙަރާމް ކަމެއްކަމަށް އުންމަތުގެ ދަންނަބޭކަލުން އިޖުމާޢުވެލައްވައެވެ. އެކަމަކީ ބޮޑު ފާފައެއްތޯ ނުވަތަ ކުޑަ ފާފައެއްތޯ މިކަމާމެދުގައި ކުޑަ ޚިލާފެއް ހުއްޓެވެ. އަލްއިމާމު ޤުރްޠުބީ ވިދާޅުވަނީ ޣީބަބުނުމަކީ ބޮޑު ފާފައެއް ކަމަށެވެ. ސަބަބަކީ ޤުރުއާނާއި ސުންނަތުގައި ވަޢީދުގެ ބަސްފުޅުތައް މިކަމާ ގުޅިގެން އައިސްފައިވާތީއެވެ. އެހެންކަމުން ޤުރުޠުބީ ދެކެލައްވާ ގޮތުގައި މިކަމުގައި ޚިލާފު އުފެދެންވީ ސަބަބެއް ނެތެވެ.
އަލްއިމާމު ޣަޒާލީހެ ކިބައިން އައިސްފައިވާ ގޮތުގައި ޣީބަ ބުނުމަކީ ކުދި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިދެޤައުލު ޖަމްޢު ކުރައްވާ އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވަނީ ޞާލިޙު ތަޤުވާވެރި ރަނގަޅު އަޅަކު ނުވަތަ ޢިލްމުވެރިންގެ ޣީބަ ބުނުމާއި އާދައިގެ އިންސާނެއްގެ ޣީބަ ބުނުމާ ތަފާތު ކަމަށެވެ. އެހެނީ ތަޤުވާވެރިންގެ ޣީބަ ބުނުމަކީ ބޮޑު ފާފައެކެވެ. އަދި އާދައިގެ މީހެއްގެ ޣީބަ ބުނުމަކީ ކުޑަ ފާފައެކެވެ.
ޣީބަ ބުނުން ޙަރާމް ކަމެއްކަން އަންގަވައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި، ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚުގެ މަސްމުޅަކޮށް ކެއުމަސް ލޯބި ކުރާނޭ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. ތިޔަބައިމީހުން މާތްﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން މާތްﷲއީ ތައުބާ ގަބޫލުކުރައްވާ ރަޙުމަތްވަންތަ އިލާހެވެ."

މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެ ވާހަކައެއް ދެއްކުމަކީ އީބަބުނުމެވެ……
ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ރަސޫލާޞައްލަﷲއަލައިހި ވަސައްލަމައަށް ދެންނެވީމެވެ. ޞަފިއްޔާގެ ކިބައިން ކަލޭގެފާނަށް ފުދިއްޖެއެވެ. އެކަމަނާ ހާދަ ކުރެވެ. އެހިނދު ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ތިޔަ ވިދާޅުވި ކަލިމަ މޫދުގެ ލޮނުގަނޑާ އެކުވެހެން ހިނގައިދާނެއެވެ." މިޙަދީޘްގެ ޝަރަޙައިގައިވެއެވެ. "ޣީބައަކީ ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވޭނެ އެއްޗެއްނަމަ އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ކުލަ ބަދަލުވެގެން ހިނގައިދާފަދަ އެއްޗެކެވެ."
މިއިން ދޭހަވަނީ "ޣީބަ"ބުނުމުގެ ނުބައިކަންބޮޑު ކަމެވެ. ކަމުގެ ޚުޠޫރަތްތެރި ކަމެވެ. ކުޑަކަމެއްގެ ގޮތުގައި ހީވިނަމަވެސް ކަމަކީ އާދައިގެ ކަމެއް ނޫން ކަމެވެ.
ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް:
- ތަގުވާވެރިކަމާއި އީމާންކަން ބަލިކަށިވުން
- ނުބައި ރަހުމަތްތެރިންނާއެކު ބޭކާރު ވާހަކަދެއްކުމުގައި ވަގުތު ހޭދަކުރުން
- އަނެއް މުސްލިމު އަޚާއާ މެދުގައި ޙަސަދަވެރިވުން، ނަފުރަތުކުން
- ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުން
ޣީބަ ބުނުމުން ސަލާމަތް ވުމަށް ﷲއަށް ތަޤުވާވެރިވުމާއި ﷲއަށް ލަދުވެތިވާން ޖެހެއެވެ. ޣީބަ ބުނުމުގެ ސަބަބުން ތިމާގެ ހެޔޮކަންތަކުން އުނިވެގެންދާ މިންވަރު ހަނދުމަކޮށް އޭނާ ޣީބަބުނި މީހާއަށް އަމިއްލަ ހެޔޮކަންތައް ހަދިޔާ ކުރެވުނީކަމާމެދު ވިސްނާ ފިކުރު ކުރަންޖެހެއެވެ. އަމިއްލަ ނަފުސުގައި ހުރި ޢައިބުތަކާމެދުގައި ވިސްނާފިކުރުކޮށް، އެހެންމީހުންގެ ޢައިބު ހޯދަން މަސައްކަތް ނުކުރާށެވެ. ޞާލިހު ރަނގަޅު އެކުވެރިންނާއެކުގައި އުޅޭށެވެ. އަދި ނުބައި އެކުވެރިންނާ އެކުގައި އުޅުން ދޫކޮށްލާށެވެ. ޞަލަފުއްސާލިހުންގެ ސީރަތު ދިރާސާކުރުމާއި އެބޭކަލުން ހަވާނަފުސާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ގޮތް ބަލައި އަމިއްލައަށް ޣީބައެއް ބުނެވިއްޖެނަމަ އަމިއްލަ ނަފުސަށް އޭގެ އަދަބު ދޭން އާދަ ކުރުމުން ވެސް މިނުބައި އާދައިން ދުރުވެވެނެއެވެ.

