ރޯދަ މަހަށް ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.
ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވި މަސް މާރުކޭޓް ހަދާފައިވަނީ ޑިންގީ ހާބަރު ސަރަހައްދުގައެވެ. ލޯކަލް މާރުކޭޓް ހަދާފައިވަނީ ހިޔާ ފްލެޓް އެކެއް، ދޭއް އަދި ވިނަރެސް 9 އަދި 10 ދެމެދުގައެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގަން ބޭނުންވާ މީހުންނާ އެތަންތަން މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހަށް އެ މާރުކޭޓު އެތަނުގައި ހުންނާނެ ކަަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައި ދިނުމަށް ކަމަށާއި އެގޮތުން މި ރޯދަމަހުގައި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންތައްކުރުމުގެ މަސައްކަތް ރާވައި ހިންގަމުން އަންނަ ކަމަށެވެ.

