އަށް އަހަރުގެ އަޒާން އަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އަޒާނަށް ގޭގައި މަނާ އެއްވެސް ކަމެއް ނޯވެއެވެ. އަޒާން ބޭނުން ކަމެއް ބޭނުން އިރަކު ކޮށްލެވެއެވެ. މާލޭގައި އަޒާންގެ މަންމަމެން އުޅުނަސް އަޒާންގެ ކާފަ ހުންނަނީ ހުވަދުއަތޮޅު ތިނަދޫގައެވެ، އެއީ އަޒާންގެ ބައްޕަގެ ބައްޕަގެ ރަށްވެސް މެއެވެ. ކުޑަކުޑަ އަޒާން ދެކިލާ ހިތުން ކާފަ މިޑްޓާމް ޗުއްޓީގައި އަޒާން ތިނަދޫއަށް ގެނައުމަށް އެދި އަޒާންގެ މަންމައާއި ބައްޕަ ގާތު ބުނެފިއެވެ.
އަޒާންވެސް ނިކަން ރަށްރަށަށް ދަތުރު ކުރާ ހިތްވެއެވެ. އެހެންވެ އަވަހަށް ކާފަ ގާތަށް ތިނަދޫ އަށް ދާނަމޭ ބުނެފިއެވެ. މިޑްޓާމް ޗުއްޓީ ފެށުނު ދުވަހު އަޒާން ފްލައިޓުގައި ކޫއްޑޫއަށް ދިޔައެވެ. ކޫއްޑޫގައި ކާފަ އަޒާން ބަލައި އައިސް ހުއްޓެވެ. ކާފަ ފެނުނީމަ އަޒާން ގޮވައިގެން އައި ބޮޑުދައިތައަކު ކާފަ އާ އަޒާން ހަވާލުކުރިއެވެ.
މާލޭގެ ކޮޓަރީގައި އަބަދު ނުނިމެ ޓެބްލެޓާއި ޓީވީއާއި ކޮމްޕިއުޓަރު ނޫން އެއްޗެއް ކުޅެން ނުލިބޭ އަޒާނަށް މިރަށް ވަރަށް މަޖާވެއްޖެއެވެ. އަޒާން ގޮވައިގެން ކާފަ ރަށުތެރޭގެ އެކި ގޭގެއަށާއި ތަންތަނަށް އެދުވަހު ދިޔައެވެ. އެކަމަކު ކޮންމެ ނަމާދު ގަޑިއެއް ޖެހުމީމާ ކާފަ އަޒާން ގާތު ނަމާދަށް ދާން ހިނގާށޭ ބުނާތީ އަޒާން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އަސުރު ނަމާދަށް ގޮސް އަޒާން އިނީ ފޫހިވެފައި މިސްކިތުބޭރުގައި ހުރި ގަސްތަކެއް ބަލާށެވެ. ނަމާދަށް ގަމަތަށް ގޮވީމަވެސް އަޒާން މިސްކިތަށް ވަންނަ ފިކުރެއް ނުކުރިއެވެ.
ނަމާދުން ނިމިގެން ކާފަ މިސްކިތުން ފޭބިއިރު އަޒާން އިނީ ބޭރު މާގަސްތައް ކައިރީ ގާގަނޑެއްމަތީ އިށީނދެގެންނެވެ. މިއަދު މެންދުރު ނަމާދަށް ގެނައިމާވެސް އަޒާން ހެދީ ހަމަ މިހެންނެވެ.
ކާފަ ވަރަށް ދެރަވެފައި އަޒާން މިހާތަނަށް ކިތައް ނަމާދުކޮށްފިންތޯ އަދި ކިތައް ރޯދަ ހިފައިފިންތޯ ސުވާލުކުރިއެވެ. އަޒާން ދިނީ ތެދު ޖަވާބެެވެ. ކުޑަކުޑަ އަޒާނަކަށް ނަމާދުގެ ރަކްއަތްތަކެއްވެސް ހަރަކާތްތަކެއް އަދި ނިޔަތެއްވެސް ނޭނގެއެވެ.
“ދަރިފުޅާ، އަޒާން، އެކޮޔަށް އެނގޭތަ، އެކޮއިގެ ނަމުގެ މާނައަކީވެސް ބަންގި، ބަންގި ގޮވީމަ އަވަސް ވާނީ ނަމާދަށް. ކިތަންމެ މޮޅު މީހަކަސް ފައިސާ ހުރި މީހަކަށް މަރުވީމަ ބަލާނީ ﷲ އެންގެވި މަގުން އުޅުނު ކުއްޖެއްތޯ، ކާފަގެ އަޒާން ބޭނުންވަނީ ކާފައަށް ނުފެނި އަލިފާނަށް ދަރިފުޅު އެއްލައިލެވެންތަ؟ ދަރިފުޅޫ ނަމާދަށް ފަރުވާކުޑަކުރާ މީހާއަށް ދިމާވާނީ މުޅިން ވެސް ދަތިތައް ﷲ ތައާލާ އަހަރެމެން މި ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރަން، ދަރިފުޅު ބޭނުމެއް ނޫންތަ ސުވަރުގެ ދާކުއްޖަކަށް ވާން؟ ނަރަކައިގެ އަލިފާނަށް އަމިއްލައަށް ފުންމާލާނީތަ؟”
ކާފަގެ ނަސޭހަތް އަޑުއިވުމުން އަޒާން ދެލޯ ބޮޑުވިއެވެ، ނޫނެކެވެ، އަޒާން ނަރަކައަށް ދާކަށް ބޭނުމެއް ނޫނެެވެ. އަޒާން ބޭނުމީ ކާފައާއެކު ސުވަރުގެ ދާށެވެ. ހަމަ އެރެއިން ފެށިގެން ކާފައާއެކު އަޒާން މިސްކިތަށް ނަމާދަށްދާން ފެށިއެވެ. އަޒާންގެ މަންމައާއި ބައްޕަ އަޒާން މާލެ ގެންދަން ބަލާ އައެވެ. އެކަމަކު އަޒާން ދެން މާލެ ދާކަށް ބޭނުމެއް ނުވިއެވެ. އަޒާންއަށް މާ ގިނަ ރައްޓެހިން ވެސް ލިބިއްޖެއެވެ، އަބާން ގުރުއާން ކިޔަވަން ދަސްކުރަން ފަށައިފިއެވެ.
އަޒާން ބުނެލަން ބޭނުންވީ “ނަމާދަށް ވުރެ މުހިންމު އެހެން އެއެވެސް ކަމެއް ނޯންނާނެ. ހުރިހާ ކުދިންވެސް ނަމާދުކުރަން، ހާއްސަކޮށް ފަތިސް ނަމާދު، އަދި އަސުރުނަމާދު ވަގުތުން ކުރަން ވާނެ. ސަވާބާއި ދަރުމަ ލިބިގަތުމަށް ނަމާދަށް އަވަސް ވެގަންނާށެވެ!”
އަޒާންގެ މި ނިންމުމަށް އެންމެންގެ ލޯތްބާއި އިހުތިރާމް ލިބުނެވެ. އޭގެ ކުރިންވެސް އަޒާން ޗުއްޓީއަށް ރިސޯޓުތަކަށް މަންމައާއި ބައްޕައާއެކު ދިޔައެވެ. އެހެންނަމަވެސް އަޒާން އޭނާގެ ކާފައާއެކު ތިނަދޫއަށް ކުކރި މި ދަތުރު އަބަދުވެސް ހާއްސަވެފައި ހަނދާން ހުންނާނެއެވެ. މިއީ އަޒާންގެ އެންމެ އުފާވެރި ތިނަދޫ ދަތުރެވެ.
(ތިކުދިންވެސް ބަރާބަރަށް ގަޑިއަށް ނަމާދު ކުރާ ކުދިންނަށް ވާންވާނެއެވެ، ނަމާދު ފުރިހަމަވުމުން އެހެން ކަންތައްވެސް ފުރިހަމަވާނެއެވެ، އަދި ހުރިހާ ކަމެއްވެސ ރަނގަޅުވާނެއެވެ.)

