ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަގުހެޔޮކޮށްފި އެވެ.
މޯލްޑިވިއަންއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެތެރޭގެ އުދުހުންތަކުގެ ޕްރޮމޯޝަނަލް ފެއާތަކުގެ ޓިކެޓް އަގުތައް އިއުލާނުކުރުމަކީ މޯލްޑިވިއަން އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިހާރު ޓިކެޓް ބުކް ކުރެވޭނެކަމަށެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަން އިން "ހުވަދޫ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ ވަކި މުއްދަތަކަށް ހެޔޮކުރި އަގެއް ނޫންކަމަށެވެ. ރައްޔިތުންނަށް ހެޔޮއަގުގައި ދަތުރު ކުރެވުމަކީ މޯލްޑިވިއަން އިން އަބަދުވެސް ދެކޭގޮތް ކަމަށެވެ. ކުރިން ޓިކެޓް ތަކުގެ ސީޓް ލިބެން ނުހުންނަ ކަމަށް ޝަކުވާ ކިބޭ ކަމަށެވެ. އެހެންނަމަވެސް މި ފެއާ ތަކުގެ ގިނަ ސީޓުތަކެެއް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަން އިންވަނީ ރާއްޖޭގެ 8 އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގު ހެޔޮކޮށްފައެވެ. ޖުމްލަ ކޮށް ކޮންމެ ޓިކެޓަކުންވެސް 400 ވަރަކަށް ރުފިޔާ ވަނީ އަގުހެޔޮކޮށްފައެވެ.
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުބޮޑުވެ ގިނަ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ދަނީ ކުރަމުންނެވެ. އަދި ޓިކެޓް އަގުހެޔޮ ކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

