ހުވަދޫ ނޫހުގެ "ދަންފަޅި" އަށްޓަށް އައިސް ތިބި ހުރިހާ މިތުރުންނަށް މަރުހަބާކިޔަމެވެ. ދަންފަޅި އަށްޓަށް އަހަރެން މިއައީ މަގޭ ހިތުގައި ކުރަލައި ނުފިލައިގެން އުޅޭ ޒަހަމެއްގެ ވާހަކަ ހިއްސާ ކޮށްލާށެވެ.
ދަންފަޅީގެ އަށީގައި ތިބި ތިޔަ އެކުވެރިންނަށް އަހަރެން މި ކިޔައިދެނީ މަށަށް ސަލާމަތް ނުވެވިގެން އުޅޭ "ބިލަމަގުލޯތްބެއްގެ" ވާހަކައެވެ. ކޮންމެ ދުވަހަކު ފެނި ކައިރިން ދިމާވިޔަސް އަތްވެސް ނުޖެއްސޭ، ރަހަ ނުފެންނާނެ ބިލަމަގެއްގެ ވާހަކައެވެ.
މިހާރު އަހަރެންގެ ކައިވެންޏަށް ތޭރަ އަހަރުފުރި ތިން ކުދިންވެސް އެބަތިއްބެވެ. އެކަމަކުވެސް ބިލަމަގު ލޯބީގެ އެ ހަނދާންތައް އަދިވެސް އުނދަގޫ ކުރެއެވެ.
ދަންފަޅި އަށީގެ ބައިވެރިންނަށް އެނގޭހެއްޔެވެ. އޭރު މަގޭ އުމުރު އޮތީ އެންމެ ގޯސްހެދޭ ނޫކަށިފުރާގައެވެ. ސުކޫލުގައި މަށަކީ ނިކަން މަޑުމަޑުން އުޅޭ ބަސްއަހާ ދަރިވަރެކެވެ. މަގޭ ގައިގެ ދޮންކުލައާއި ފަންއިސްތަށިކޮޅާއި ދިގު އެސްފިޔަތައް އެއީ މަންމަގެ ރީތިކަމުން ލިބިފައިވާ ސިފަތައް ކަމަށްވިޔަސް އެއީ ފިރިހެންސިފަތަކެއް ނޫންކަމަށް ބުނެ ދިމާކުރާ ކުދިންވެސް އުޅެއެވެ.
ސިފަ ކޮންމެ ފާޑެއް ވިޔަަސް މަށަށް ލިބުނު ބިލަމަގު ލޯބިވެރިޔާ ފިސާރި ތާޒާ ލޫޅާފަތި ކަމަނާއެކެވެ،
މަގޭ އަލަތުލޯބިވެރިޔާއަކީ އަހަރެންގެ އެކުވެރިޔާގެ ގެޔަށް ކުއްޔަށް އައި އަންހެންކުއްޖެކެވެ. އެންމެ ފުރަތަމަ އަހަންނަށް އަލަތުލޯބިވެރިޔާ ފެނުނީ ވަރަށްވެސް އާދަޔާހިލާފު ތަފާތު ގޮތަކަށެވެ.
އެކުވެރިޔާގެ ގޭގައި ހިތާނީ ޕާޓީއެއް އޮތް ދުވަހެކެވެ. ޕާޓީއަށް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުމުގެ ތެރޭގައި ގޭގެ އަނެއް ފަރާތަށް ދާން ޖެހުނެވެ. އެއީ އެގޭގައި ކުލީ މީހުން އުޅޭބައެވެ. ދެކޮޓަރިއެއް ހުންނައިރު ވަޅުކޮޓަރިއެއް ހުންނަނީ ބޭރު ބަދިގެއާ އިންވެގެންނެވެ. މިވަޅުކޮޓަރީގައި ބިލަމަގުގަހަކާއި ހިކަދިފަތްގަހެއް ހުރެއެވެ.
އެކުވެރިޔާގެ މަންމަ ބުނެގެން އެފަރާތު ވަޅުކޮޓަރީގައި ހުރި ހިކަދިފަތްގަހުން ފަތްކޯޅިއެއް ބިންނަން ގޮސް ވަން އިރު އެތެރޭގައި މީހަކު ހުރި ކަމެއް ނޭނގެއެވެ. ދޮރުހުރީ އެތެރެއިން ތަންޑުއަޅުވާފައެއް ނޫނެވެ. ވަޅުކޮޓަރިއަށް ވަދެގެން އެއްފަރާތުން ގަސްހުރި ދިމާއަށް ދިޔައިރުވެސް މަށެއް އެހެން މީހަކު ނުދެކެމެވެ. ހިކަދިފަތް ބިނދެގެން އެނބުރިލިތަނާ މީހެއްގެ ގައިގައި ލައިގެންފިއެވެ. ވެއްޓިދާނެތީ އެމީހެއްގެ ގައިގައި ހިފައިގަތުމާއެކު ގަހުގައި ލައްވެގަނެވުނެވެ.
އަހަރެންގެ ހުދާއި ރީދުލުގެ ގަމީހުގައި އޮތީ ހުސް ބިލަމަގެވެ. ލޯބިވެރިޔާ ބިދެގެން އައި ބިލަމަގުތައް ޗަސްވީ އަހަރެންގެ މޭމައްޗަށެވެ. ހިކަދިފަތާއި ބިލަމަގު ވަހުގެ ތެރެއިން މަށަށް ލޯބިވެރިޔާގެ މޫނު އަލަށް ފެނުނީ ހާސްކަމާއި ކަންބޮޑުވުމާއި ބިރާއި މިހެންގޮސް އެތައް އިހުސާސަކާއެކުގައެވެ.
ދެމީހުން އެކަކުއަނެކަކަށް ނެއްޓެން ނޭނގިފައި ތިއްބާ ބޭރުން އަހަންނަށް ގޮވާ އަޑު އިވިއްޖެއެވެ. ގޮވަމުން އައި ދައްތަ ވަޅުކޮޓަރިއަށް ވަންނަން ވާ އިރަށް ލޯބިވެރިޔާ އަވަހަށް ބިލަމަގުގަހާއި ހިކަދިފަތްގަހާ ދެމެދަށް ވަދެ ނިވާވެގަތެވެ. އަހަންނަށްވެސް އޭނާ ނުފެނުނީ އެހެންވެއެވެ. އެތަން ހުންނަގޮތުން އެތަނުގައި ހުރި ފާރާއި ތަނބުގެ ނިވަލުގައި ހުންނައިރު ނުފެެންނާނެތީއެވެ.
"ތިޔޯ. މުޅި ގަމީހުގައި ކޯޗެއް ތިހިރީ ހޭކިފައި….ސާބަސް….ބިލަމަގާއި ހިކަދިފަތް ފުނޑާފައި ގައިގައި ބޭހެއްހެން ހާކައިގެންތަ ތިހިރީ….؟"
އެއީ އެދުވަހު އެގަޑީގައި ވީކީއްކަން ނޭނގި އެކުވެރިޔާވެސް އަދި އެހެންމީހުންވެސް ބުނި ބަސްތަކެވެ.
އަހަރެމެންގެ ލޯބި ފެށުނީ ހިކަދިފަތް ގަސްބުޑުންނެވެ. ބިލަމަގު ގަސްދޮށުން އެލޯބި ތަރައްގީ ވަމުން ގޮސް މަހެއްހާ ދުވަސްވީއިރު ކޮންމެ ރެއަކު ކޮންމެވެސް އެއްގަޑިއެއްގައި އެތަނުން އަހަރެމެން ބައްދަލުކުރުން އޮތީ އާންމުވެފައެވެ.
މެންދަމުގެ މިގަޑީގައި މަގޭ ހިތުގެ އުދާސްތައް ކިޔަން ތިބި ފަރާތްތަކަށް މި ކިޔައިދެނީ މަގޭ އަލަތުލޯބީގެ އަސަރުކުރުވަނިވި ތަޖުރިބާއެވެ.
އަހަރެންގެ ލޯބިވެރިޔާ ހުރީ އަހަންނާ އެކީގައި މަރުވާންވެސް ތައްޔާރަށެވެ. އެކަމަކު ވާން މިއުޅޭ ގޮތް އެނގޭހެއްޔެވެ. ޒަމާނުއްސުރެވެސް އައްޑޫ މީހަކާ އިނުމަކީ މާލޭ މީހުން މާ ރުޅިއަންނަ ކަމެކެވެ. އަހަންނަކީ ހަތަރުކަށިމަތި މާލޭ މީހެކެވެ.
އަހަރެންގެ އެކުވެރިޔާއަކީ އަނެއްގޮތަށް ބުނަންޏާ އަހަންނާ ދެބެންގެދެދަރިބޭބެއެކެވެ. އެހެންކަމުން އެގޮތަށް ބުނަންޏާ ބުނެވޭނީ، އަހަރެންގެ ލޯބިލޯބި "ބިލަމަގުމާ" އުޅެނީ ބޮޑުބޭބެގެ ގޭގައި ގެންގުޅޭ ކިޔަވާ ކުއްޖެއްގެ ގޮތުގައެވެ. އައްޑޫ ފޭދޫ ކުއްޖެކެވެ. ބަލާލަން އަހަންނަށްވުރެ ޅަގޮތެއް ހުރެފައި އިސްކޮޅުން ކުރުވިޔަސް މަށަށްވުރެ ހަތަރުއަހަރުދޮށްޓެވެ. އެކަމަކުވެސް މަގޭ ބިލަމަގުމާ ހާދަހާ ރީތިވެފައި ފުރިހަމައެވެ.
ގޭމީހުންނަށް ރޭކާލީ އަހަރެމެން ބިލަމަގުގަސްބުޑުން، އަހަރެންގެ ބޭބެގެ ކޮޓަރިއަށްވެސް ލޯބި ތަރައްގީކުރި ފަހުންނެވެ. ދެނަކާ ދެނެއް ނެތެވެ. ހަމަ ވަގުތުން ފޮށިތަންމަތި ބަދެފައި ލޯބިވެރިޔާ ބަލައިއައުމަށް އޭނާގެ މުސްކުޅި މަންމައާއި ބައްޕައަށް އަންގައިފިއެވެ.
ނުވިބަފާބެ މަގޭ ލޯބި ބިލަމަގު މަލުގެ ފައިގެ ފަލަމަސްގަނޑުގައި ހައްދު ޖެހީ ދުއްރައަކުން ނޫނެވެ. އެކަމަކު ލަކުޑި ފިލާގަޑަކުންނެވެ. ތަޅައި ދައްކާލީ ހެޓަކަށެވެ. އިސްތަށިގަނޑުވެސް ބުރިކޮށް ތުންބުރިކާޅަކަށް ހަދާލިއެވެ. މިހުރިހާ ކަމެއް ކުރީ އަހަރެންގެ ބޮޑުފަހަރިއާއި މަންމައަށް ދެއްކުމަށްޓަކައެވެ. އެމީހުންނަށް އެނގިގެން ކުރި ކަމެއް ނޫންކަމަށް ބުނަމުންނެވެ.
އެދުވަހު އަހަންނަށް އެކަން އެނގިގެން އެގެއަށް ދިޔައިމެވެ. އެކަމަކު އަމިއްލަ ފިނޑިކަމުން ބޮދައިގެން އިނީ ބަދިގެތެރޭގައި ރޮވިފައެވެ. ލޯބިވެރިޔާ ބަދިގެއަށް އައީ އައިސްޕެކެއް ބަލައެވެ. އަހަރެން ފެނުމުން ނިކަން ބާރަށް ރޮއިގެންފައި ގާތަށް އައެވެ. އޭނާގެ ރީތިމޫނާއި ނަލަނަލަ ތުންފަތް ލޭއަރައި ނޫފައިގެންފައެވެ. ދުޅަވެފައި ހުރި ދެލޮލުން ހުސްވެދާނޭހެން ހީވާވަރަށް ކަރުނަ ބޭލިއެވެ. މަންމަމެން އޭނާ ގޮވައިގެން ފުރަން އުޅެނީކަމަށް ބުނެ އަހަންނާ ނުލައި އޭނާ މަރުވެދާނެއޭވެސް ބުންޏެވެ. އަހަރެން ފަކީރަށް އެއްކަމެއްވެސް ނުކުރެވުނެވެ. އޭނަ ގްރޭޑު ހަތަކުން ވަކިވެ ވަޒީފާއެއްގައި އުޅޭތާ ތިން އަހަރުވިޔަސް އަހަންނަކީ ކިޔަވާ ކުއްޖެކެވެ.

ފޮޓޯ: ބަޒްފީޑް
ދަންފަޅީގެ މިތުރުން ނިކަން ބުނެބަލާށެވެ! ގޭމީހުންނާ ދެކޮޅަށް މީހަކާ އިނދެގެން ދާނެ ތަނެއް ހަދާނެ ގޮތެއް ނޭނގެއޭ ބުނުމަކީ ގޯހެއް ހެއްޔެވެ.
ލޯބިވެރިޔާ ހިތުގައި ޖެހި ރުޅި އައިސްފައި ބުނި ބަސްތައް އުމުރަށް ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ.
"ބޭނުންހާ ގޮތަކަށް ލޯބިލޯތްބޭ ހާދަ ލޯތްބޭ އަބަދުލޯބިން ލޯބިދޭހާއޭ ކިޔާ ކުޅެލިއިރު ދާނެތަނާއި ހަދާނެ ގޮތާވެސް ވިސްނުނެއްނު. މިއަދު އަހަންނާ ކައިވެނި ކުރަންވީމަ ތިކިޔަނީ މުޅިން ތަފާތު ރާގެއްގެ އާ ލަވައެއް. ނުކެރޭނެއޭ އަޅެ ހަމަލާހިކެއްނޫނޭ ކިހިނެއްހޭ ކެރޭނީ ތިކިޔަނީ. ތިހާވަރު މީހަކު ލޯބިލޯބިއޭ އޭ ނުކިޔާނީ. ހުރިހާ ތަދެއް ވޭނެއް ބަދުނާމެއް ދެރައެއް މަށަށް. ރާއްޖެތެރޭ މީހާ ވީމަ، އައްޑޫމީހާ ވީމަ، ނިކަން ބަލަން ހުންނައްޗޭ.
ހަމަ މިއާއިލާ ތެރެއިން ހަތަރުކަށިމަތި ކީއްކުރަން ހަތަރުކަޅިމަތިވެސް މާލޭ މިއާއިލާއަށް އުފަން ތިއަށްވުރެ ޅަޒުވާނަކު މަގޭ އަލަތުފިރިއަށް ނުވެއްޖެއްޔާ ފޮނުއްވިގޮތަށް މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގާނަން. މީ މަގޭ ވައުދެއް ހުވައެއް އަހުދު ކަށަވަރެއް. ކުރިއަކުން އިސްތިރިހާހޫރައެއް ނުހަދަން. ކަންނުވެ ނަންވީ. ދެން އެކަމަކު އެކަން ކުރަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނަން. ދުނިޔެއިން ފިރިހެނުން ހުސްވެ ކަލޭ އެކަނި ހުއްޓަސް މަ ވައިވެސް ނޭޅޭނަން. ޗީޗީ. ފިރިހެނުންނަށްވެސް ހުތުރު. މީހުން ރަނޑޭ ކިޔަނީ ކިޔަން ޖެހޭތީ،"
ލޯބިވާ "ބިލަމަގު" ދިޔައީ އަހަންނަށް ބަވާ ފުކަކަށް ހަދާފައެވެ. މަޑުމަޑުން ގޭތެރެ ހަމައަކަށް އެޅުނަސް އަހަރެންގެ ހިތް ހަލާކުވެ މުޅި މީހާ ބޮއްސުންލައިފިއެވެ. ކެއިން ބުއިމުން ދުރުވެ ބަލިވެސް ވާން ފެށިއެވެ. އެކަންތައްގަނޑު ހަމައަކަށް އެޅެން އަށެއްކަ މަސް ނެގިއެވެ. ދެން އެއްދުވަހަކު ތެޅެމުން ފޮޅެމުން އެއްކަލަ ދެބެންގެ ދެދަރި އެކުވެރިޔާ އަތުވެއްޖެއެވެ. ދިނީ ނުރައްކާތެރި ހަބަރެކެވެ. އެކަމަކު ކުރާނެ ކަމެއް ކުރެވޭނެ ކަމެއްވެސް ނެތް ހަބަރެކެވެ.
ލޯބިވާ ބިލަމަގާއި އަހަރެންގެ ކުޅިވަރުގަނޑު ހިނގިއިރު ބޮޑުބޭބެގެ ހަގުސޮރު ހުރީ ކޮންމެވެސް ވޯކްޝޮޕެއް ހިންގުމަށް ހަމަހުގެ ދަތުރެއްގައި މާލެއިން ބޭރުގައެވެ. މާލެ އެއައީ މީހަކާ އިނދެ އަނބިމީހާ ގޮވައިގެންނެވެ. ގޭތެރޭގައި ހައިޖާނު ހިނގައިގަނެ ޒުވާބަކަށް ދާހިސާބަށް ކަންތައް ނުދާނެނޫންހެއްޔެވެ. ހަގުމީހާ ވިޔަސް އެގޭގެ އަސްލު މީހަކީ އެއީއެވެ. ވަރަށް ޅައިރު އަމިއްލަ ފައިމައްޗަށް ތެދުވެ އެސޮރު ހުރީ އަމިއްލަ ވިޔަފާރިއެއްވެސް ފަށާފައެވެ. ވީއިރު އޭނާގެ ދިރިއުޅުމަށް ފާޑު ކިޔައި އަމުރު މަައުރުފު ހިންގޭނީ ކާކަށް ހެއްޔެވެ؟ ކުރެވޭނީ އަދި ބުނެވޭނީ ކީކޭހެއްޔެވެ؟
ކޮއްކޮއަށް އަހަރެމެންގެ ވާހަކަ ކިޔައިދޭން އަނގަހުޅުވި ބޮޑުބޭބެގެ ބަސް މެދުކަޑާލާފައި "އެއީ މަގޭ އަނބިމީހާގެ މާޒީ، ބަލާކަށް ބޭނުމެއް ނޫން. ނަވީން ކޮއްކޮ ބޭނުން ނުވެގެން އެއްލާލީމަ އަހަރެން ހޮވި ޖަވާހިރެއް އެއީ. އެއީ މިހާރު މަގޭ ލިބެން އުޅޭ ދަރިފުޅުގެ މަންމަ، ދެން ރަނގަޅުވާނީ މިކަމާ އެކަކުވެސް ނުބެހުނިއްޔާ،" މިހެން ބުނެފައި އޭނާގެ އަންހެނުން ގޮވައިގެން ގޭގައި އަމިއްލައަށް ހަދާފައި ހުރި ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ.
ދަންފަޅީގެ އެކުވެރިންނޭވެ! ހުރިހާ ދިމާއަކުންވެސް ހިތްހަލާކުވެ ނާކާމިޔާބުވީ އަހަންނެވެ. ލޯބިވެރިޔާ އޭނާގެ ވައުދަށް ކަމޭހިތައި ހުވާކުރި ގޮތަށް މިއާއިލާގެ ޅީދަރިއަކަށް ވެއްޖެއެވެ. މިހާރުދެން ހަޔާތުގެ ކޮންމެ ހިސާބަކުންވެސް އަހަރެންގެ ބިލަމަގު ލޯތްބާ ކުރިމަތިލާން ޖެހުނީއެވެ.
ދަންފަޅީގެ އެކުވެރިންނޭވެ! މިއީ ގޯހަކަށްވިޔަސް ފަހަރިއަކަށްވިޔަސް ބިލަމަގުގެ ރަހަ މީރުވެފައި އެލޯބި ހަނދާނަކުން ނުފިލައެވެ. އަދިވެސް އަހަންނަކަށް ލޯބި އަސްތާ ނޫން ފަހަރި އާ ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކާކަށް ނުކެރެއެވެ. އޭގެ ފަހުން ސޯޅަ ސަތާރަ އަހަރުވެ އަހަރެންގެވެސް ދަރިން އެބަތިއްބެވެ. އެކަމަކުވެސް ބިލަމަގުގެ ވަހާއި ރަހަ އަހަންނަށް އަދިވެސް ހަމަ ވަރަށް ކަމުދެއެވެ. ފަހަރިއަށް ވުމުން ގައިކޮޅު ގައިދުރު ކިޔަސް ހަގީގަތް ވާނީ ހަގީގަތަށެވެ.
އޭނާ ވަފާތެރި ތެދުވެރިއަކަށް ނުވިނަމަ އަދިވެސް އަހަރެން ބިލަމަގު ބިންނަން އެރަހަ ބަލަން ދާނެކަން ގައިމެވެ. އެކަމަކު އެއީ ބަހުގައި ސީދާ، ވައުދަށް ހުރުމަތްތެރިކޮށްހިތާ އަމާނާތްތެރި، ވަފާތެރި ފަހަރިއެކެވެ. އެކަމާ އަހަރެން ހަގީގަތުގައި ވަރަށް އުފާވެސްވެއެވެ، މަގޭ ހިތުގެ ހޮވުން ގޯހެއް ނޫންތާއެވެ. މާލެރާއްޖެރެތެރޭގެ ތަފާތުބޮޑު، އަދި ފިނި ހަނގުރާމައިގެ ސަބަބުން މަގޭ ނަސީބުގައި ބިލަމަގު ރަހަ ހަލާލުވުން ލިޔެވިފައި ނެތަސް މަށަށް ލޯބިވެވުނީ އިހުލާސްތެރި، ތެދުވެރި، ވަފާތެރި މަންޖެއެއް ދެކެކަން އިހުސާސްވުމުން ވަނީ އަމަށަކު އުފަލެއް ނޫނެވެ. އެހެންނަމަވެސް އެ އުފާވެރިކަން ސިކުންތެއްގެ ތެރޭގައި ހިތަށް ތަދުވެ ރިއްސައިގަނެއެވެ. ކުރާނެ ކަމެއް ނެތެވެ. ބިލަމަގުގެ ރަހަ ހަލާލުވީ މަގޭ ކޮއްކޮއަށެވެ. ކޮއްކޮގެ ނަސީބު ހަމަރަނގަޅީއެވެ. އޭނާއަށް ކެރޭވަރަށް މަށަށް ނުކެރުނީއެވެ. މަ ފިނޑިވީއެވެ. ކުރާނެ ކަމެއް ނެތެވެ.

