ސަރުކާރުން ހަދިޔާ ކުރި ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މީގެ ކުރިން ދުވާލުގެ ވަގުތުގައި ވެސް ހިލޭ ކާޑު ދޫކުރުން ކުރިއަށްގެންދިޔަ ނަމަވެސް، އެ ކައުންސިލުން ބުނީ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު 09:00ން 12:00ށް ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ބަހަމުންދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށެވެ. މާލެ ސަރަހައްދުގައި އެ ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަ ތަނެއް ގާއިމް ކޮށްފައިހުންނާނެއެވެ. އެ ތަންތަނަކީ:
- ގަލޮޅު ދަނޑު މާލެ
- އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
- ސޯޝަލް ސެންޓަރ
- ބިއްރި މިސްކިތް ހޯލް ވިލިމާލެ
- އުމަރު ޒާހިރު ބިލްޑިންގ ހުޅުމާލެ ފޭސް-1
- ވިނަރެސް 10 ހުޅުމާލެ ފޭސް-2
ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހުއެވެ. ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް، ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަން ޖެހެއެވެ.
މީގެ ދެ ދުވަސް ކުރިން މާލެސިޓީ ކައުންސިލުން ވަނީ 1723 ގެއަކަށް ސަރުކާރުން ހަދިޔާ ކުރި ކާޑު ބެހި ކަމަށް ބުނެފައެވެ.
އެ ދުވަހާ ހަމައަށް، ސޯޝަލް ސެންޓަރުން 440 ގެއަކަށް ކާޑުގެ ބާވަތްތައް ދޫކޮށްފައިވާއިރު، ގަލޮލު ދަނޑުން ދޫކޮށްފައިވަނީ 317 ގެއަކަށެވެ. އަދި މާލެސިޓީ ކައުންސިލުން 188 ގެއަކަށް ކާޑުގެ ބާވަތްތައް ދޫކޮށްފައިވާއިރު، އުމަރު ޒާހިރު ބިލްޑިންގް އިން 274 ގެއަކަށް ކާޑުގެ ބާވަތްތައް ވަނީ ދޫކޮށްފައެވެ. އަދި ވިލިމާލެ އިން 110 ގެއަކަށް ކާޑުގެ ބާވަތްތައް ދޫކޮށްފައިވާއިރު، ހިޔާ ޓާވަރުގެ ޔޫތް ސެންޓަރުން 416 ގެއަކަށް ކާޑުގެ ބާވަތްތައް ދޫކޮށްފައިވެއެވެ.

