ހިޔާލުގާ މުޅި ރޭދުވާ ވަކިކޮށް ހަދަން ނޭނގިފާ ހުރިން
ލޯބިވާ ޔާރާ ކަލާ ހިތުގާ މަށަށް ޖާގައެއް ދޭނުތޯ
ބޭނުންވަނީ ލޯތްބާ ވަފާ އޭރުގަ ތިބާ ދިންހާ އުފާ
ވޭނެކޭ ލިބެނީ ހިތަށް ނުވެވޭ ކެތެއް ރިހުމާތަދަށް."
ވެންޓިލޭޓަރުން ނަގާ އެނދުމަތިކުރެވިފައި އޮތް ވީނާގެ އަތުގެ އިނގިލިތަކަށް ހަރަކާތެއް އަތުވެއްޖެއެވެ. އެނދުކައިރީގައި ހުރި ގޮނޑީގައި އިން ވީނާގެ ފިރިމީހާ ފަޒަލްއަށް އޭނާގެ އަތުގެތެރޭގައި އޮތް ވީނާގެ އިނގިލިތަކަށް އައި ހަރަކާތް އިހުސާސް ކުރެވުނެވެ. ހީވި ގޮތެއްކަމަށްވިޔަސް، އެވާހަކަ ޑޮކްޓަރުންނަށް އަންގަންޖެހޭނެތީވެ، އަވަހަށް ޑޮކްޓަރަށް ގޮވުމަށް ތެދުވަންކަމަށް ހީކޮށްލިވަގުތު އަނެއްކާވެސް ވީނާގެ އިނގިލިތަކުން އޭނާގެ އިނގިލިތަކުގައި ހިފަން މަސައްކަތް ކޮށްލައިފިއެވެ.
އެނދުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ނަގާފައި އޭގެއިން އިވެމުން ދިޔަ ލަވަ ނިވާލަމުން، ފަޒަލް އޭނާގެ އަތްތިލައިގެ ތެރޭގައި އޮތް ވީނާގެ އަތްތިލަ ދުރުކޮށް އެނދުމަތީގައި ބާއްވަންކަމަށް ހީކޮށްލިއެވެ. މިކަންތައް ކުރުމުގެ ތެރޭގައި އަނެއްކާވެސް ފޯނުން އެލަވަ އޮންކޮށްލެވިއްޖެއެވެ. މިފަހަރު އެއަޑާއެކު ވީނާގެ އަތް އުފުލިއްޖެއެވެ. ހިމޭންވެފައި އޮތް ވީނާގެ ހަށިގަނޑަށް ގުޑުމެއްވެސް އަތުވެއްޖެއެވެ. ފަޒަލްއަށް މިވާގޮތެއް ނޭނގުނު ނަމަވެސް ވީނާއަށް އެހަރަކާތް އެއަންނަނީ އޭނާގެ ފޯނުން އެއިވޭ ލަވައިގެ ސަބަބުންކަން ޔަގީންކުރެވިއްޖެއެވެ.
ޑޮކްޓަރުންނަށް ގޮވުމުގެ ކުރިން ނަސީބު ކަންދިމާކުރި ރަނގަޅު ގޮތުން އެތަނަށް ކޮންމެވެސް ކަމަކު ވަން ނަރުހަކަށް މިމަންޒަރު ފެނިއްޖެއެވެ. ދުވެފައި ކަހަލަ ގޮތަކަށް ދިޔަ ނަރުސް ކުއްޖާއާއެކު ދެޑޮކްޓަރުންނާއި އަދިވެސް އިތުރު މީހަކު އައިސް ވީނާގެ އެނދާ ގާތްވެލިއެވެ. އަދި ފަޒަލްއަށް ފޯނު ނިއްވާލުމަށް އިޝާރާތްކޮށްލިއެވެ. ފަޒަލް ލަވަ ނިވާލާ، ފޯނު ޖީބަށް ލުމުގެ ކުރިން އެއީ ކޮންތާކުން އިވެމުން ދިޔަ ކޮންލަވައެއްތޯ ބަލާލިއެވެ. ކޮންމެވެސް ޒުވާނަކު އޭނާގެ ޒަމާންވީ އެކުވެރިއެއްގެ ހަނދާނުގައި ކިޔާފައިވާ ލަވައެއްގެ ކަޑިއެކެވެ.
ހައިރާންވެ އަންތަރީސްވާން ޖެހުނީ އެލަވައިގެ އަސްލު ރާގާއި ޅެމާއި އަދި އޭގެ ހިންދީލަވައެއްވެސް ހަދާފައިވާކަމަށް އެޒުވާނާ ބުނެފައިވާ މީހާ މިހާރު ދުނިޔޭގަ ނެތުމުންނެވެ. އަދި އެމީހާ ދުނިޔެ ދޫކޮށް ގޮސްފައިވަނީ ގުދުރަތީ މަރަކުން ނޫނީ ކޮންމެވެސް ބައްޔެއްކަމެއް ހާދިސާ. ކާރިސާއެއްގައި ނޫންކަމެވެ. އެއީ ގިނަބަޔަކަށް އެނގޭނެ ވާހަކައެކެވެ.
ދަފްތަރުނަންބަރު 542، ހުސެން މުރުތަޟާ ނޫނީ ހުސެން މުރޫ މަރުވީ އަމިއްލައަށް ދަންޖެހިގެންކަން ނޭނގޭ މީހުން ތިއްބަސް މާލޭގެ ގިނަ ބަޔަކަށް އެކަން އެނގޭނެއެވެ. ފަޒަލްގެސިކުނޑީގައި ސުވާލުމާކު ޖެހެމުން ދިޔައީ އޭނާގެ ލޯބިވާ ނުހަނު ލޮބުވެތި، އަދި އެހާ އީމާންތެރި، ދީނުގައި ނުހަނު ސާބިތުވާ އަނބިމީހާއަށް އެކަހަލަ މީހެއްގެލަވައެއްގެ އަޑު އިވުމުން އެއައި ބަދަލާމެދުއެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއިނދެ ދުވަސްފުރާ ވިއްސަން ގެނައި އިރު ދަރިފުޅު ތަންކޮޅެއް ނާޒުކު ފައްތަރެއްގައި ހުރުމުން ސިޒޭރިއަން ހަދަން ޖެހުނީއެވެ. އަދި މިހާރު ވީނާ އެއޮތް ދެރަހާލުގަ އޮންނަން ޖެހުނު ހާލަތު ދިމާވީ، ސިޒޭރިއަން ހެދުމުގެ ތެރޭގައި ކަމެއް ނުވަތަ އެހެން ކަމަކުން ކަމެއް ނޭނގެއެވެ.
ސިޒޭރިއަނަށްފަހު ހަތަރުވަނައަށް ވީދުވަހު އާދަޔާ ހިލާފު ގަދަފަދަ ބޮލުގެ ރިހުމެއްގައި އުޅެފައި ހަބަރުހުސްވެގެން ވެއްޓުނު ގޮތަށް ވީނާ އެއޮތީ ވަރަށް ހާލުދަރެވެގެން ބޮޑު ވަރުގަދަ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. ވީނާގެ ބޮލުގައި ގަދައަށް ރިއްސުމާއެކު އުނަގަނޑުން ތިރީގެ ބާރުދިޔައީއެވެ. ނެޕީ ޖައްސައިގެން ގޭގައި ގެންގުޅެން ޖެހުނީ ޑޮކްޓަރުންނަށް އެއްވެސް މައްސަލައެއް ނެތްކަމަށް ތަކުރާރުކޮށް ބުނުމުންނެވެ.
އެހެންނަމަވެސް ހަވަނައަށްވީދުވަހު ފަޒަލްއަށް އެގޮތަށް ގޭގައި ވީނާ ގެންގުޅޭކަށް ނުކެރުނެވެ. ތުއްތު ދަރިފުޅުވެސް އޮތީ ބޭބީނާސަރީގައެވެ. އެހެންކަމުން ވީނާގެ ޙާލު ދެކެން ކުޅަދާނަނުވެގެން އަނބުރާ އަނެއްކާވެސް ހޮސްޕިޓަލަށް ގެނައީއެވެ. އޭރު ވީނާގެ ސިކުނޑީގެ އެއްފަޅި ދުޅަވެގެންގޮސް އެފަޅީގެ ލޮލުގެ ފެނުމަށް އަސަރު ކުރުމުގެ އިތުރަށް އުނަގަނޑުން ތިރީގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ކުރަން ޖެހުނީ ބޮޑު އޮޕަރޭޝަނެކެވެ. އަދި އޭގެ ފަހުން ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު ވެންޓިލޭޓާރ "ވީންއޯފް" ކޮށްގެން ވީނާ އެނދުމަތި ކުރެވުނީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް ވީނާ އަދިވެސް އެއޮތީ ފާޑެއްގެ ކޯމާއެއްގައެވެ.
ޑޮކްޓަރު ވީނާ ހަރަކާތް ކުރީ ކޮންކަމެއް ދިމާވެގެންތޯ ސުވާލުކުރުމުގެ ކުރިން ފަޒަލް އޭނާގެ ފޯނުން އެއިވުނު ލަވަ ދައްކާ އެވާހަކަ ކިޔައިދިނެވެ. ޑޮކްޓަރުންގެ ތެރޭގައި ދެކެވުނީ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ. ހަމަވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި އައިސް އެލަވަ ވީނާއަށް އަޑު އިވޭތަނުގައި ޖެހުމަށް މަޝްވަރާ ދިނުމަށްފަހު އެމީހުން ވީނާ އޮތް އެނދާ ގާތުގައި ފަޒަލްގެ ފޯނުން އެލަވަޖައްސައިފިއެވެ. ވީނާގެ އިނގިލިތަކަށް ހަރަކާތް އަންނަން ފަށައިފިއެވެ. އަދ ދެން އިނގިލިތައް ހަރަކާތްކުރަމުންގޮސް އެއަތް މަޑުމަޑުން އުފުލިއްޖެއެވެ. އަދި އެސްފިޔަތަކަށްވެސް ހަރަކާތެއް އަތުވެއްޖެއެވެ. އެސްފިޔަތައް ފުރޭނިގެން ކޯތާފަތްމަތިން ފޭބި ކަރުނަތިކިތަކަކީ ކޮންފަދަ އިހުސާސަކުން ވީނާގެ ހިތްފުރުވާލި ކަރުނައެއްކަމެއް ނޭނގެއެވެ.
ކޮންމެއަކަސް ވީނާ ކޯމާއިން އެނބުރި އަތުވެއްޖެއެވެ. ޑޮކްޓަރުން ވީނާ ވެންޓިލޭޓަރުން ނެގުމަށްފަހުވެސް އަނބުރާ އައުމާމެދު ޔަގީންކަމެއް ނުދެއެވެ. އެހެންނަމަވެސް އެކަން ވެގެން މިދިޔައީ އެމީހުންނަށްވެސް ހައްލުކުރަން ނޭނގުނު އަރަތެއްގެ ގޮތުގައެވެ.
"އެލަވައަކީ ވީނާއާ ބޮޑު ގުޅުމެއް ހުރި ލަވައެއްކަން ޔަގީން. އެކަމަކު ފަޒަލް ތިބުނަނީ ތިމަންނައަކަށް ނޭނގެއޭ އެއީ ކާކު ކިޔާފައިވާ ކޮންލަވައެއްކަމެއްވެސް އެހެންވާނީ ކިހިނެއް….؟" ޑޮކްޓަރަކީ ފަޒަލްގެ އާއިލާއާ ގާތް، ކުރިއްސުރެ ދަންނަ އެކުވެރިއެއްކަމުން ގާތްގޮތަކަށް އަހާލިއެވެ.
ފަޒަލްއަށް ކަމުގެ އަޑީހަރުފަތާ ހަމައަށް ދިއުމަށް ވަގުތު ނެގިއެވެ. އެހެންނަމަވެސް އޭނާ އުންމީދުކުރި ގޮތާ އެހާ ބޮޑަށް ތަފާތު ހަގީގަތެއް އެނގިދާނެކަމަކަށް ކުރިއަކުން ފަޒަލް ހިއެއް ނުކުރެއެވެ. އެކަން އެނގުނުނަމަފަހަރެއްގައި އޭނާ އެސިއްރު ދެނެގަތުމަށް މަސައްކަތެއް ނުކުރީހެވެ.
"ތިހިސާބަށް ދިޔައިމަ ބުނަން ޖެހޭނީދޯ….ކުރިން އަހަރެމެން އެންމެން ތިބީ ހައްޕު ކިޔައިގެން. ވީނު އަމިއްލައަށް ފަޒަލްއަށް އެއްވެސް ވާހަކައެއް ކިޔައިނުދޭކަމަކަށް އަހަރެމެން ހިއެއް ނުކުރަން…." ވީނާގެ އެންމެ ގާތްރަހުމަތްތެރިޔާ ފިރުޝާއާ ވީނާގެ ގުޅުން ފަހަކަށް އައިސް އޮތީ ވަރަށް ބޮޑަށް ދުރުވެފައެވެ. އޭގެ ސަބަބެއް ފަޒަލްއަކަށް ނޭނގެއެވެ. ނުވަތަ އޭނާއަކީ އެކަހަލަ އަންހެންއަންހެން ވާހަކައާއި ކަންތަކާ ވިއސްނާ މީހަކަށްނުވާތީކަމަށްވެސް ވެދާނެއެވެ.
ފިރުޝާ ކިޔައިދިނީ އަހަރުތަކެއް ކުރިން ވީނާއާއި މުރުތަޟާ ނުވަތަ ހުސެން ނުވަތަ އެލެކްސްގެ ގުޅުމުގެ ވާހަކައެވެ. އެލެކްސްއޭ ބުނުމުން ފަޒަލަށްވެސް އެނގުނެވެ. އެލެކްސް ނޭނގޭ މީހަކު މަދުވާނެއެވެ. އޭރު އެމީހުން އެންމެން އެކުގައި ޓްރެއިނިންގ ހެދުމަށް އުޅުނުއިރު އެއްބެޗެއްގައި މަސައްކަތް ކުރި، ލަވައާއި މިޔުޒިކްގެ ރަސްގެފާނެވެ. އެހިސާބުން ފަޒަލް އަށް އެލަވަވެސް އެނގިއްޖެއެވެ. އަދި އޭރު އެލެކްސްގެ ކްއީންއަކީ ވީނާކަންވެސް އެނގުނީއެވެ. އެކަމަކު އޭރު އެލެކްސްއާއެކުގައި އުޅުނު ކްއީންއަކީ މާ އުޅުން ރަނގަޅު އަންހެންކުއްޖެއްނޫނެވެ. އަދި އެދެމީހުންގެ ދެމެދުގައި އޮތް ގުޅުމަކީވެސް މާރަނގަޅު ރީތި ދިރިއުޅުމެއް ނޫނެވެ.
ޖަވާބު ނުލިބުނު އެތައް ސުވާލުތަކަށް ޖަވާބު ލިބެމުން ދިޔަވަރަކަށް ފަޒަލްގެ ހިތް ދިޔައީ ވީނާގެ މައްޗަށް ކަޅުވެ އަނދިރިވަމުންނެވެ. ލޯބީގެ މޫނަކާއިގެން އޭނާގެ ގާތަށް ވީނާއައީ ލަދާއި ތަދު ފިލުވުމަށެވެ. އެލެކްސް ދަންޖެހިގެން މަރުވުމާއި ވީނާގެ މިބައްޔާ ގުޅިފައިވާކަންވެސް އެނގުނީއެވެ. އެލެކްސްއާ ވަކިވެގެން ވީނާ ފަޒަލްއާއި ކައިވެނި ކުރިއަސް އެލެކްސްއާ އޮތް ގުޅުމެއް ވަކިނުވާވަރުގެ ބޮޑު ހަދިޔާއެއް ވީނާއައީ އެލެކްސްގެ ފަރާތުން ލިބިގެންނެވެ. އާއެކެވެ. ފަޒަލް އަމިއްލަ ނަފުސުދެކެވެސް ރުޅިއަތުވެއްޖެއެވެ. ދަރިފުޅުގެ އެއްވެސް ސިފައެއް އޭނާއާވައްތަރު ނުވި ސަބަބުވެސް އެނގުނީއެވެ. އެހާ މޮޅު ރޭވުންތަކުން ކާމިޔާބު ލިބިފައި ވަނިކޮށްވެސް އެލެކްސް، ޑްރަގުގެ ވަބާގައި ދަންޖެހި، މަރުވީއެވެ. އަދި ވީނާގެ ސިކުނޑިއަށް އެލިބުނު ކުއްލި ސިހުމާއި ކުރި އަސަރުން ސިކުނޑީގެ ނާރެއް ފިތި ސިކުނޑި ދުޅަވީއެވެ.
އެދުވަހުގެ އެވަގުތުން ފެށިގެން އެހެން އެގޮތަށް ވީނާއާއެކު އުޅޭނެ ހިތްވަރެއް ފަޒަލްއަކަށް ނުލިބުނެވެ. އަދިވެސް މިއަދުވެސް "ހިޔާލުގާ މުޅި ރޭދުވާ ވަކިކޮށް ހަދަން ނޭނގިފާ" މިލަވައިގެ އަޑުވެސް ރާގުވެސް އޭނާއަށް އަޑުއިވިއްޖެނަމަ ބުނެދޭން ނޭނގޭކަހަލަ އުނދަގުލެއް ވެއެވެ. އޭނާ ވީނާއާ ދުރަށް ދިޔައީ ވީނާގެ ކުރިމަތީގައި ސީދާ މިހެންނޭ ކަންތައްވީ، ޑީއެންއޭވެސް ބެލީމޭ، އެހެނަސް ކުށެއްނެތް ވީނާގެ ދަރިފުޅަށް ވީނާގެ ކުށުގެ ޝަޒާދީގެން އެކުއްޖާފުޅު ދުނިޔެއަށް ގިނަކޮށްލަން ބޭނުންނުވީތީ މިހެން ކަންތައް ކުރީއޭ ބުނިކަމުގައިވިޔަސް ވީނާ ކަނޑައެޅިގެން ހަދާނީ ބުހުތާން ދޮގުކަން އެނގޭތީވެ ފަޒަލް އެއިން އެއްވެސް ވާހަކައެއް ވީނާއާ ދައްކާކަށް ގަސްތެއް ނުކުރެއެވެ.
އެހުރިހާ ކަމެއް ހިތުގައި ވަންހަނާކޮށްގެން އޭނާ ކުރިހާވެސް ކަމަކީ ތުއްތު ދަރިފުޅުގެ ހަޟާނާ އޭނާގެ މަންމަގެ ނަމުގެ ދަށަށް ގެނައުމަށްފަހު ވީނާއާ ދުރަށް މާދުރަށް ދިޔައީއެވެ. އޭނާގެ މައިންބަފައިންނާއި އާއިލާގެ އެެހެންވެސް މީހުން ކުރިންވެސް އެދުނުފަދައިން، އެރޮގުން ކުރިއަރައިދިއުމަށް އޭނާގެ މަންމައާއި ބައްޕަމެން ގާތަށް އިންޑިޔާއަށް އޭނާގެ ދިރިއުޅުން ބަދަލުވެސް ކޮށްލީއެވެ. ވީނާއަށް ސަބަބު އަހާލަންވެސް ސުވާލެއް ކޮށްލާނެ ވަގުތެއްވެސް ނުދީ މިހުރިހާ ކަމެއް ވީނާ ހޮސްޕިޓަލުން ދޫކުރަން ވާއިރަށް ފަޒަލް އޮތީ ނިންމާފައެވެ. އޭނާއަކީ ޝާހީ އާއިލާއެއްގެ ހަމައެކަނި ދަރިފުޅެވެ. ފައިސާ ބޭނުންވަރަކަށް އޭނާގެ އަތުގައި އެބަހުއްޓެވެ. ލޮލަށް ބަލާލަން އެންމެ ފުރިހަމަ ޒުވާނަކަށް ނުވިޔަސް ހަމަގައިމުވެސް އޭނާއަށްވެސް ރީތި އަންހެންކުދިން ލިބޭނެއެވެ. ދެރަކަމަކީ ނޭނގުމެއްގެ ތެރެއިން ވަރަށް މައުސޫމު މޫނެއްގެ ވެރި ވީނާއަށް ހިތްދެވި ލޯބިވެވުމެވެ. އަދި މިހާރު އެމައުސޫމު މޫނުގެ ފުރަގަހުގައިވާ ހުތުރު ލައްތަކުން ފުރިފައިވާ ފާފަވެރި ބޭވަފާތެރި ސޫރަ ފެނި އެނގުމުން ފަޒަލްގެ ހިތުގައި އޮތް ލޯބި އަނގުރު އަލިފާންހާ ގަދަފަދަ ނަފުރަތަކަށް ބަދަލުވެޖެއެވެ.
އަދި އޭގެ ފަހުން ވަރަށް ހިތްވަރު ކުރުމާއެކުވެސް އޭނާއަކަށް ވީނާއަށް މާފެއް ނުކުރެވެއެވެ. ދުވަހަކުވެސް އެކަން ކުރެވޭނެހެނެއް ހިއެއްވެސް ނުވެއެވެ. ކިޔާމީހާއެވެ. ފަޒަލްއަށް އެދިމާވި ކަހަލަ ކަމެއް ދިމާވެއްޖެނަމަ ….
މާފު ކުރެވޭނެހެއްޔެވެ؟!!

