ކުލަބުތަކާއި އެތައް ބެލެނިވެރިންނެއްގެ ކަންބޮޑުވުމާއި ޝަކުވާތައް އޮތްތަނުގައި އޮއްވާ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ، އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ހިނގާ މާޗު މަހުގެ 22 ވަނަ ދުވަހު، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބޭއްވުމަށް، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި އެސޯސިއޭޝަންގެ އައު ދައުރުގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ ތެރެއިން ބައެއް ކުލަބުތަކުން ބުނީ އައްޑޫގައި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމުމަކީ، މާލޭގައި ތިބި މެމްބަރުންނާއި، ކުލަބުތަކުން، އަދި އެސޯސިއޭޝަނަށް މިވީހާ ތަނަށް ފައިސާ ދައްކަމުން އަންނަ މެމްބަރުންގެ ޙައްޤު ނިގުޅައި ގަތުން ކަމަށެވެ. އަދި ހަމަ އެހެންމެ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، އެސޯސިއޭޝަނުން ބައެއް ކަންކަން ފުރިހަމަ ކޮށްފައި ނުވާކަން ވެސް ފާހަގަ ކުރި އެވެ.
ބެޑްމިންޓަނަކީ ފަހަކަށް އައިސް ރާއްޖޭގައި ގިނަބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުޅޭ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެވެ. ނަމަވެސް ދިވެހިރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ މައި އިދާރާ ކަމުގައިވާ ބެޑްމިންޓަން އެސޯސިއޭޝަން ފެއިލް ވެފައިވާ ކަމުގެ ތުހުމަތުތައް ކުލަބުތަކުންނާއި ބެލެނިވެރިންވެސް ދަނީ ކުރަމުންނެވެ. މި އެންމެންގެ އިނގިލިވެސް ދިއްކުރެވެނީ އެއެސޯސިއޭޝަންގެ ރައީސަށެވެ. އަނެއްކާވެސް އަނެއް ވޯޓަކުން މިހާރުވެސް އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި މޫސާނާޝިދަށް ހަމަ އިހެކޭވެސް އެއްގޮތަށް ވޯޓު ކާމިޔާބުވެ މަގާމު ލިބޭ ގޮތް ވުމަކީ އެތައް ބައަކު ކަންބޮޑުވަމުން އަންނަ ކޮރަޕްޝަނާއި ބޭއިންސާފަށް ލިބޭ ކާމިޔާބަކަށް ނޫނީ ނުވާނެކަމަށް ވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ވޯޓު ލުމުގެ ނިޒާމުކަމަށް ކުލަބުތަކުން ހާމަކުރެއެވެ. އެހެންކަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ވޯޓު ލުމުގެ ނިޒާމު ބަދަލު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އަންގާފައިވާ ކަމަށާއި، މިހާރު އޮތް ވޯޓިން ނިޒާމުގެ ދަށުން ވޯޓު ނުލެވޭނެ ކަމަށް ވެސް ކޮމިޝަނުން އަންގާފައިވާ ކަމަށް ކުލަބުތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަން ބަދަލު ނުކޮށް، މިހާރު އޮތް ވޯޓިން ނިޒާމުގެ ތެރެއިން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުލަބުތަކުން އަޑުހަރުކޮށް ދަނީ ބުނަމުންނެވެ.
އަހަރީ އާންމު ޖަލްސާގައި މެމްބަރުން އިންތިޚާބު ކުރާ މަޤާމު ތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް އަދި ޚަޒާންދާރުގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު ހިމެނެ އެވެ.

