ވަރަށް ފަގީރު މަންމައަކާއި ބައްޕައަކާއި އެމީހުންގެ ތިންކުދިން އުޅުނެވެ. އެމީހުން ދިރިއުޅޭނެ އެއްވެސް މަސައްކަތެއް ނުލިބި ހަދާނެ ގޮތް ހުސްވެގެން އެމީހުން އުޅޭ ހިސާބުގަނޑު ދޫކޮށްލާފައި ކޮންމެވެސް އެހެން ގޮތެއް ފެނޭތޯ ޖަންގަލީގެ ތެރެއަށް ހިނގައިގެންފިއެވެ. ބޮޑު ގަހެއްގެ ކައިރިއަށް ގޮސް އެގަހުގެ ހިޔަލުގައި އިށީނދެއްޖެއެވެ. ދެން އެ ތިން ކުދިންގެ ބައްޕަ އެކި ކުދިންނަށް އެކި މަސައްކަތް ކުރަން އެންގިއެވެ. އެއްކުއްޖަކު ފެންގެންނާށެވެ. އަނެއް ކުއްޖަކު ހުއި ގަސް ގެންނާށެވެ. މި ގޮތުގެ މަތިން އެންމެން ކަންތައް ފަށައިގެންފިއެވެ. އެއްޗެތި ޖަމާވީމާ ބައްޕަ ރޯނުވަށާން ފަށައިފިއެވެ އެންމެންގެ އެއްބާރުލުމުގެ ނަތީޖާއަކަށްވީ ބޮޑު ރޯނުފުންޏެއް އިސާހިތަކު ތައްޔާރުކޮށްލެވޭގޮތް ވުމެވެ.
މިތަން ދެކެފައި އެގަހުގައި އިންނަ ޖިންނި ގަތްބިރުން ސުވާލުކޮށްފިއެވެ.
ތިޔަ ރޯނުތަކުން ކުރާނީ ކީއްހެއްޔެވެ؟
ބައްޕަ: މިއީ ކަލޯ ބަންނަން ވެގެން ވަށާ ރޯނެވެ.
ޖިންނި: އަހަރެން ނުބަދެ ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެހެއްޔެވެ؟
ބައްޕަ: ތިޔައީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ.
ޖިންނި: އަހަރެން ކަލޭމެންނަށް ހަޒާނާއެއް ދައްކަފާނަމެވެ، އެއިރުން އަހަރެން ނުބަދެ ދޫކޮށްލާނަން ހެއްޔެވެ؟
މިގޮތާ އެއްބަސްވެގެން ޖިންނި އެމީހުން ގޮވައިގެން ޖަންގަލީގެ އެއްފަރާތަކަށް ގޮސް ހަޒާނާއެއް ވަޅުލެވިފައި ހުރި ތަނެއް ދެއްކިއެވެ. މިބައިމީހުން އެތަން ކޮނެގެން ހަޒާނާގެ ތަކެތި ނަގައިގެން ހިނގައްޖެއެވެ. އޭގެ ފަހުގައި އެމީހުންގެ ދިިރިއުޅުން ވަރަށް ތަނަވަސް ގޮތެއްގައި އުޅޭން ފަށައިފިއެވެ.
އަވަށްޓެރިއަކު މިތަން ދެކެފައި ސުވާލުކުރަން ފެށިއެވެ، ތިޔައީ ކަލޭމެން ކޮންތާކުން ހޯދި ތަނަވަސްކަމެއް ހެއްޔެވެ؟
ދެން މިބައިމީހުން މިކަންތައް ދިމާވި ގޮތް ޖިންނީގެ ހަޒާނާގެ ވާހަކަ ކިޔައިދީފިއެވެ،
މިގޮތް ހަމަ އެނގުމާއެކު އަވަށްޓެރިކަލޭގެ އާއިލާގެ އެންމެން ގޮވައިގެން އެއްކަލަ ގަސްދޮށަށް ހިނގައްޖެއެވެ. އަދި އެތަނަށް ގޮސް އޭނާގެ އެއް ދަރިފުޅަކު ގާތު ފެން ގެންނަން ބުނުމުން އެކުއްޖާ އެކަމާ ދެކޮޅު ހަދައިފިއެވެ. އަދި އަނެއްކުއްޖަކު ގާތު ހުއި ގެންނަން ބުނުމުން އެކުއްޖާވެސް އެކަމާ ދެކޮޅު ހަދައިފިއެވެ. ދެން ހަދާނެ ގޮތެއް ނެތިގެން އަމިއްލައަށް މިތަކެތި ހިފައިގެން އައިސް އިށީނދެ ރޯނު ވަށާން ފަށައިފިއެވެ.
އެއިރު އެއްކަލަ ޖިންނިކަލޭގެ މިހުރިހައި ކަމެއް ބަލަން ގަސްމަތީގައި އެބައިނެވެ، އޭގެ ފަހުގައި ޖިންނި ސުވާލުކޮށްފިއެވެ.
“ކަލޭގެ ތިޔަ ރޯނުތަކުން ކުރާނީ ކީއްހެއްޔެވެ؟”
މިއަވަށްޓެރި ކަލޭގެ އަވަސްއަވަހަށް “ކަލޭ ބަންނާނީއެވެ.” މިހެން ބުނެލިއެވެ.
ޖިންނި: މޮޔަޔާއެވެ. ކަލެއަށް ކަލޭގެ އަމިއްލަ އާއިލާ ނުބަދެވިގެން އުޅޭއިރު އަހަރެން ބަދެވޭނީ ކިހިނެއް ހެއްޔެވެ. އަވަހަށް މިތަނުން އައި ތަނަކަށް ދާން އުޅޭށެވެ.
(ނިމުނީ)
ތިޔަކުދިން އިބްރަތް ލިބިގަންނާށެވެ. އެއްބާރުލުމާއި އެކުވެރިކަމުގެ ސަބަބުން ނުލާހިކު އުނދަގޫ ބޮޑެތި ކަންތައްތައްވެސް ފަސޭހަވެގެންދެއެވެ، ދުޝްމިނުންގެ ބާރު ދެރަވެ ހަަމަޖެހޭ ދިރިއުޅުން ލިބުމުގެ ނަސީބު ލިބިދެއެވެ. އެކަމަކު ވަކިވަކިވެ އެކަނިވެގަތުމުން ފަސޭހަކަންކަންވެސް ދަތިވެ ބޮޑުކަމަކަށް ވެދެއެވެ.

