އުފާވެރި މިޒާޖެއްގެ ވެރިއެކެވެ. ސަމާސާ ގޮތެއް ހުއްޓަސް ކަންކަމުގައި ގޮތް ނިންމުމާއި މަސައްކަތްތަކުގައި ކަމާވެގެން ކުރިއަށް ދިއުމުގައި ނުހަނު ސީރިއަސްވެފައި ސަމާލުކަން ބޮޑެވެ. ދިރިއުޅުމުގައި އަޑިގުޑަންތައް ގިނަވިޔަސް އެހުރިހާ ހާލަތްތަކަކާ ކުރިމަތިލައި އެކަންތައްތަކުން ސަލާމަތްވުމުގައި އޭނާ ވަނީ ކާމިޔާބު ހޯދާފައެވެ. ކުޑަކުޑައިރު މީހުންގެ ގާތްކަމަށް ބޭނުންވެ ކަރުއެލިފައި ހުރި ނަމަވެސް އެއްވެސް ދިމާއަކުން "ހާއްސަ"ކަމެއް، ނުލިބެއެވެ. އެކަނިވެރިކަމާއި އެކަހެރިވުން ނޫން އެއްޗެއް އޭރަކު ނެތެވެ. އެކަމަކު މިއަދު އެހުރިހާ ކަމެއްވެސް ތަފާތެވެ. މަންޒަރުތައް ބަދަލުވެއްޖެއެވެ.
ސޯޝަލް މީޑިޔާފަދަ ބޮޑު މަންސަތަކުގައި ގިނަ ބައެއްގެ އިހުތިރާމާއި ގަދަރާއި ލޯބި ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކުރިންވެސް ދެންނެވިހެން ޅަދުވަހު ގަނާކުރުމާއި ގޯނާ ކުރުންފަދަ ކަންތައްތަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އެހެނަސް އެދުވަހު ނުލިބުނު ސަމާލުކަމާއި ލޯބި މިއަދު އަމިއްލަ ހިތްވަރާއި މަސައްކަތުން އޭނާ މިވަނީ ހޯދާފައެވެ. އާދެ! މި ރަމަޟާންމަހު ހުވަދޫއިން ގެނެސްދޭ ފުރަތަމަ މެހެމާނަކީ ޓިކްޓޮކް ގެ ވިދުންގަދަ ފުރިހަމަ ތަރިއެކެވެ. ދުވާލެއްނަމަ މިއީ އަލިގަދަ އިރެކެވެ. އަލިފާން ނުހިފިޔަސް އަލިފާނުގެ ބާރު އެބަހުއްޓެވެ.
ޅ ހިންނަވަރަށް އުފަން އެރަށު ނޫރާނީމާގޭ އާރިފާ އިބްރާހީމާއި ޖައުފަރު ހުސައިންގެ ދެވަނަ ދަރިފުޅު ހުސައިން ފަޔާޒް، އާންމު ނަމުންނަމަ ފަޔާ އަކީ މާބޮޑު ތައާރަފެއް ދޭން ޖެހޭނެ ފަރާތެއް ނޫނެވެ. ޓިކްޓޮކުން ލައިވްކޮށް ފަޔާގެ މަސައްކަތާއި ފަޔާގެ ދިރިއުޅުމުގެ އެކިކަންކަން ފެނިގެންދާނެއެވެ.

ފޮޓޯ: ފަޔާގެ އިންސްޓަގްރާމް ފޮޓޯތަކުން
ހުވަދޫ ނޫހުގެ ފަރާތުން ފަޔާއާ ބައްދަލުކޮށްލަން އެދުމުން ވަރަށްވެސް އުފަލާއެކު އެފުރުސަތު ދިނެވެ. އެންމެ ފުރަތަމަވެސް ފާހަގަ ކުރެވުނީ ހިތްހެޔޮކަމާއި އަނެކުންނާ ދެމެދު ބަހައްޓާ ހަރުދަނގާތްކަމެވެ. ބީރައްޓެއްސެއް ރައްޓެއްސެއް ފަޔާ ކެޓެގަރީކޮށްފައި ނެތްކަން ފާހަގަކުރެވުނެވެ. ޓިކްޓޮކްގައި އޭނާގެ ފޮލޯވާރސް 28.5k (އަށާވީސް ހާހަށްވުރެ ގިނަ) ގެ އަދަދު މިހާވަރަށް އޮތް އިރު 398.3k (ތިންލައްކަ ނުވަދިހަ އަށްހާހަށް ވުރެ ގިނަ)، މިލިއަނަކާ ހަމައަށް ދަތުރުކުރަމުންދާ ވަރަށް ލައިކްސް އޮތް އިރުވެސް އެއްވެސް ބޮޑާކަމެއް ނެތެވެ. ހަމަ ހީވަނީ ޒަމާންވީ ރަހްމަތްތެރިއެއް ދިމާވެގެން ވާހަކަދެއްކިހެނެވެ.
އަޔާޑާ މޯލްޑިވްސްގެ ވޯޓަރސްޕޯޓްސް ގައި ވަޒީފާ އަދާ ކުރަމުންދާ ފަޔާގެ ހިތާއި ނަފުސު އޮތީ ޓިކްޓޮކަށް ދެވިފައެވެ. ވަޒީފާގައި ހުންނަ ވަގުތުތަކުގައިވެސް ފަޔާ ޓިކްޓޮކުން ފެންނާނެއެވެ. އަދި ހަމައެހެންމެ ކޮންމެ ރެއަކުވެސް ހާއްސަކޮށްގެން ވަކި ގަޑިއެއް ކަނޑައަޅައިގެން ފަޔާ ލައިވް ގައި އޭނާދެކެ ލޯބިވާ ފަރާތްތަކާ ބައްދަލުވެ ގޭމް ކުޅެން ހާޒިރުވެއެވެ. ތެދަށް ބުނަންޏާ ބުނެވޭނީ ޓިކްޓޮކް އަކީ ފަޔާގެ ދުނިޔެއެވެ. އޭނާގެ އުފަލާއި ހިތްހަމަޖެހުމެވެ. ނުއުފަންނަ ބޮޑު އާއިލާއެއް ޓިކްޓޮކުން އޭނާއަށް ވަނީ ލިބިފައެވެ.
ޓިކްޓޮކުން ފަޔާގެ މުޅި ހަޔާތް ވަނީ ބަދަލުކޮށްދީފައެވެ. އެއްދުވަސްވަރެއްގައި ފަޔާއަކީ އެއްވެސް ބަޔަކު ދަންނަ މީހެއް ނޫނެވެ. ފަޔާއަކީ އޭރު ކަންކަމުގައި އެކަނިވެރިވެފައި ހުރި ފަރާތަކަށް ވިޔަސް ޓިކްޓޮކުން އޭނައަށް އޭނާއަކީ ކިހާވަރެއްގެ ހާއްސަ މީހެއްކަނ ބުނެދީފިއެވެ. "ފުރަތަމަ ސަކަރާތް ޖަހާލުމަކަށް ފެށީ، ކޮންޓެންޓް ހަދައި ވީޑިޔޯތައް ލާން ފެށީ، އޭރަކު އެހާ ސީރިއަށސް ގޮތެއް ނުހުރޭ، ދެން ވީ ގޮތަކީ ލައިވް ވާން ފެށީ، އެވެސް އަސްލު ހަމަ މަޖަލަކަށް، އެކަމަކު ގޭމް ކުޅެން ފެށި ހިސާބުން އެނގުނީ ހަމަ މީގެ ތެރެއަށް ވަދެވިފަ ހުރިކަން، މީހުންވެސް ވަރަށް ބަލައިގަނޭ." ފަޔާ ކިޔައިދިނެވެ.

ފޮޓޯ: ފަޔާގެ އިންސްޓަގްރާމް ފޮޓޯތަކުން
ފަޔާގެ ގޭމްތަކަށް އޭނާގެ ފޭނުން ހާޒިރު ވެއެވެ. އޭނާގެ ގޭމްތަކުގައި މީހުންގެ ހިތާމަތަކާއި ހާސްވުމާއި ކަންބޮޑުވުންތައް ވަޅުލެވިގެންދެއެވެ. ފަޔާގެ ގޭމްތަކާއި ލައިވްތަކަށް ހާޒިރުވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ދިރިއުޅުމުގެ މާޔޫސްކަން ހަނދާންނެތި ހިތްހަމަޖެހުން ލިބެއެވެ.
"ފަޔާ ވަރަށް ރަނގަޅު ވާނެ، ދެން ވަރަށް މަޖާ ވާނެ، ވަރަށް ހިތްހަމަ ޖެހޭ އެގަޑީގައި، ފަޔާގެ ލައިވްތައް ވަރަށް ސްޓްރެސްފްރީވާނެ، އެއްވެސް ފޮނި ގޮތެއް ނުހުންނާނެ. ވަރަށް ވަރަށް ހިތްހެޔޮ ވާނެ." ފަޔާގެ ފޭނުންތަކުގެ ދިގުލިސްޓުގައި ނަން ހިމެނޭ އަންހެންކުއްޖަކު ބުންޏެވެ.
"ފަޔާގެ ގޭމްތައްވެސް ވަރަށް ހިތްގައިމު. ގޭމު ކުޅޭ ގަޑިއަށް އަހަރެމެން އެންމެން ޖޮއިން ކުރަން، ވަރަށް ހިތްހަމަޖެހޭ،" މިއީ ވެސް ފަޔާއަށް ސަޕޯޓް ކުރާ ކުދިންކޮޅެކެވެ. "އެންމެ ފާހަގަ ކުރެވުނީ ފަޔާގެ ހިތްހެޔޮކަން، ބޮޑޭ ގޮތެއް ނުހުންނާ. ޓިކްޓޮކްގަ އުޅޭނެ ބައެއް މީހުން ދެން ވަރަށް "މަ"ވެފައި އުޅޭ މީހުން. ފަޔާ އެހެނެއް ނުވާނެ، ކޮންމެ މީހަކާވެސް ހަމަ ވަރަށް ގާތް މީހެއްހެން ވާހަކަދައްކާނެ."
ފަޔާގެ ހުނަރު އޮތީ ހަމައެކަނި ޓިކްޓޮކާ ހަމައިން ނިމޭ ގޮތަކަށް ނޫނެވެ. އޭގެ ހެއްކަކީ ޅ ހިންނަވަރުގައި ކުޅެފައިވާ މެޗެއްގެ ކޮމެންޓްރީދޭން ފަޔާ އިން މަންޒަރެވެ. ފަޔާއަށް ލިބުނު ފުރުސަތެއްގައި މެޗެއް ކުޅެމުން ދިޔައިރު ވަގުތުން އޭނާ ކޮމެންޓްރީދެމުން ގެންދިޔައީ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމެއްގައި ނުހަނު ހަމަޖެހުގެން އިނދެގެންނެވެ.
ކޮންމެއަކަސް އެތައް ފަރާތެއްގެ ލޯތްބާއި ހެޔޮދުއާއާއެކު ފަޔާ ދަނީ ދުވަހަކަށްވުރެ ދުވަހެއް މި ޕްލެޓްފޯމުގައި ކުރިއަށް ޖެހެމުންނެވެ.
ފަޔާގެ ގޭމް ލައިވް އަކަށް އެއްމިލިއަން ވިއުސް ލިބުނު ވާހަކައަކީ މިއަދުވެސް އެތައް ބަޔަކު ފަހުރުވެރިކަމާ އެކީ ފާހަގަ ކުރާ ކަމެކެވެ.

ފަޔާ މެޗެއްގެ ކޮމެންޓްރީ ކުރަނިކޮށް…..ފޮޓޯ: ފަޔާ
"އެއީ 2022 ވަނަ އަހަރު ޑިސެމްބަރުމަހުގެ ދުވަހެއް، އޭރު ދިވެހިން އެހާ ބޮޑަކަށް ގޭމް ކުޅުމުގައި ނޫޅޭނެ. ދެން އެއްމިލިއަން ވީމަ ވަރަށް ބޮޑު އެޗީވްމަންޓެއް ކަމަށް ގަބޫލު ކުރަނީ."
ފަޔާއަށް ލިބިފައިވާ ފުރުސަތުތަކާއި ހަދިޔާތައްވެސް ވަކި މަދެއް ނޫނެވެ.
އެގޮތުން އެންމެ ހާއްސަކޮށް ފާހަގަ ކޮށްލެވެނީ ފަޔާއަށް ލިބިގައިވާ އެމްބެސެޑރ ކަމުގެ ފުރުސަތުތަކެވެ.
ޕޮއިސްގެ އެމްބެސެޑަރ އަށްވުމުގެ އިތުރުން ވެލިޒީގެ ވެސް އެމްބެސެޑަރ އަކީ ފަޔާއެވެ.
"މި ދެ ފިހާރައަށްވެސް ގޮސް ފަޔާގެ ފޭން އެކޭ ބުނާ ފަރާތްތަކަށް ފަސް ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ،" ފަޔާ ކިޔައިދިނެވެ.
ފަޔާގެ ހަޔާތުގައި އޭނާއަށް ލިބުނު އެންމެ ހާއްސަ އެންމެ އަގުބޮޑު ހަދިޔާ ވެސް ލިބިފައިވަނީ އޭނާގެ ފޭނެއްގެ ފަރާތުންނެވެ. އެއީ ނުހަނު އުފާވެރި ހަނދާނެކެވެ. އެއީ ފަޔާއަށް ހަގީގަތުގައި ވެސް ވަރަށް ބޮޑު ސަޕްރައިޒެކެވެ. އެ ހަދިޔާއަކީ ލަންކާއާއި މާލެއާ ދެމެދުގެ އަޕްއެންޑް ޑައުން ދެޓިކެޓެވެ.
"ވަރަށް އުފާވި ހަދިޔާއެއް،" ފަޔާ ބުންޏެވެ.
ފަޔާއަށް އަބަދުވެސް އެންމެ އުފާވެރި ހަދިޔާއަކީ "ހާދަރަނގަޅޭ" ބުނެލާ އަޑު އިވުމެވެ. އެއަށްވުރެ އިތުރަށް ފަޔާގެ ހިތަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމަކީ އޭނާގެ ފޮލޯވަރސް އޭނާދެކެ ވާ ލޯތްބާއި އެ ފަރާތްތަކުން އޭނާއަށް ކުރާ އިތުބާރާއި ދޭ ޔަގީންކަމާއި ދޭ ލޯތްބެވެ. ފަޔާގެ ހަގީގީ ކުރިއެރުމަކީވެސް އަދި ކުރިއެރުމުގެ ދެވަނަ ސިއްރަކީއަސްލަކީ ވެސް އެ ފަރާތްތަކެވެ. އެކަމަކު ފަޔާގެ ހުރިހާ ކާމިޔާބީއާއި ހުރިހާ އުފަލެއްގެ، ހިތްވަރެއްގެ ސިއްރަކީ އޭނާ އިންތިހާއަށް ލޯބިވާ އޭނާގެ ލޯބިލޯބި މަންމައެވެ.

ފަޔާ އޭނާގެ މަންމައާއެކު، މަންމައަކީ ފަޔާގެ ދެދުނިޔެ، އެންމެ ލޯބިވާ ފަރާތް….ފޮޓޯ:ފަޔާ
ފަޔާގެ މަންމަ ފަޔާއާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ބުނެނުދީ ހުވަދޫ ނޫހުގެ މި ލިޔުން ފުރިހަމަ ނުވާނެތީ އެ މަންމައަށް ގުޅައިގެން ފަޔާއާ ގުޅޭ ގޮތުން ސުވާލުކޮށްލީމެވެ. ފަޔާގެ މަންމައަކީ ލޮބުވެތި ލޯބި މަންމައެެކެވެ. ފަޔާގެ ހުރިހާވެސް މީހަކީ އަބަދުވެސް މަންމައޭ ބުނާ ސަބަބު ހާމަވެ އެނގިގެން ދިޔަވެސް މެއެވެ. އެ މަންމަ ގަބޫލު ކުރާ ގޮތުގައި ފަޔާފަދަ އިހުތިރާމްކުރާ ލޯބިވާ ދަރިފުޅަކު ލިބޭނީ ނަސީބުވެރި މަންމައަކަށެވެ.
"މަންމަ ދެކެ ވަރަށް ލޯބިވާ ދަރިފުޅެއް…އަބަދުވެސް ބުނާނެ ވަރަށް ލޯބިވެއޭ. އަދި ހަމައެކަނި ބުނުމެއް ނޫން، އަމަލުންވެސް އެކަން ދޭހަކޮށްދޭ ދަރިފުޅެއް ފަޔާއަކީ…" ފަޔާގެ މަންމަ ބުންޏެވެ.
ފަޔާގެ މަންމަދެކެ އޭނާ ވާ ލޯބި އިންޓަވިއުގެ މިހިސާބަށް ދިޔައިރު އޭނާގެ އަޑަށް އައި ބަދަލާއި ލޮލުގެ އެސްފިޔަތައް ތެމިގެން ދިއުމުން މާބޮޑަށްވެސް ދޭހަވެގެން ދިޔައެވެ.
"މަންމައަކީ ފަޔާގެ ހުރިހާވެސް މީހަކީ، މަންމަދެކެ ވަރަށްވަރަށްވަރަށް ވެސް ބޮޑަށް ލޯބިވޭ، މަންމައަށް ޝުކުރުއަދާކޮށްކޮށް ނުނިމޭނެ، އެހާވެސް މަންމައަށް އޮތް ޝުކުރު ގިނަ،" ފިރިހެންދަރިންގެ މަންމައިން އެކަނިވެރި ނުވާނެއޭ ބުނެ އުޅޭ ސަބަބަކީ މިއީތާއެވެ. ކޮންމެގޮތަކަށް ޅައުމުރު ގޮސްފައި އޮތްކަމުގައި ވިޔަސް ފަޔާގެ މަންމަގެ ފުރިހަމަ ތަރުބިއްޔަތުގެ އަސަރު ފަޔާގެ ބޮލުން ފެށިގެން ފަޔަށް ފެންނަން އެބަހުއްޓެވެ. މިއީ ހަގީގަތުގައިވެސް މަންމައެއްގެ ބަސްއަހާ ކިޔަމަންތެރި ދަރިފުޅެކެވެ.
ދެން މި އޮތީ ހާއްސަ ބައެކެވެ. ފަޔާގެ ފޭނުންނާއި ފަޔާއާމެދު ހާއްސަ ސަމާލުކަމެއްދޭ ފަރާތްތަކަށް ފަޔާގެ ފޭވަރިޓް، އެންމެކަމުދާ ތަކެއްޗާ ގުޅޭ މައުލޫމާތުކޮޅެއް ދިނުމަށްޓަކައި މިބައި ހާއްސަކޮށްލީ އެއް ބަހުން ޖަވާބު ދޭ ގޮތަކަށް ފަޔާއާ ކުރިމަތިކޮށްލި ސުވާލުކޮޅަކުންނެވެ.

ފަޔާގެ ހިތްހަމަޖެހުން އޮތީ ޓިކްޓޮކާއެކު…..ފޮޓޯ: ފަޔާގެ އިންސްޓަގްރާމް ފޮޓޯތަކުން
ފަޔާގެ އެންމެ …
-
މީރު ބުއިން – ކުރުނބާ
-
މީރު ކެއުން – ސީފުޑް ކެއުން
-
ދާ ހިތްވާ ދާން ބޭނުންވާ ގައުމު – އިންޑޮނޭޝިޔާގެ ބާރލީ
-
ބްރޭންޑް – (އައިނު އެޅުމުގައި) – ގޫޗީ
-
ކަމުދާ ޝަހުސިއްޔަތު – މަންމަ އާއި ބައްޕަ
-
މީރުވަސް ދުވާ ސެންޓު – ސަވޭޖް
ފަޔާއަކީ އެންމެނާ ގުޅޭ މިޒާޖެއްގެ ޒުވާނެކެވެ. މިހާތަނަށް އައިއިރު ވަޒީފާގެ ގޮތުންވެސް ފަޔާ އެހެރީ އޭނާ އެދޭ ހިސާބަށް ވާސިލު ވެވިފައެވެ. މިހާރު ދެން ފަޔާގެ އުއްމީދަކީ އަދި ދެކޭ ހުވަފެނަކީ ވެސް މިއަހަރު ނިމުމުގެ ކުރިން 100،000 އެއްލައްކަ ފޮލޯވަރސް ހަމަ ވުމެވެ. ހުވަދޫނޫހުގެ ޓީމުގެ ފަރާތުން ވެސް އެދެނީ ފަޔާގެ މި އުއްމީދު ފުރިހަމަ ވުމެވެ. އަދި މި ޕްލެޓްފޯމުގައި ފަޔާ އަބަދުވެސް އަލިގަދަ އިރެއްގެ ގޮތުގައި ފިޔަޖަހާ އެންމެ އަލިގަދަ ތަރީގެ ގޮތުގައި ދެމިހުރުމެވެ.

