ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، އަންގައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ގެޒެޓްކޮށްފައިވާ ގޮތުން، މި މަހު، 22 ވަނަ ދުވަހު އައްޑޫ އިކުއޭޓްރަލް ވިލެޖްގައި އެ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ހަަތަރު އަހަރަށް ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރާ ފަރާތްތަކުން، މި މަހު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
އާ އިންތިހާބެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާނުުކުރިއިރު، އެ ޖަމިއްޔާގެ ރައީސް، މޫސާ ނާޝިދު (މޫސަ) އަށް ތުހުމަތުވާ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ޝަކުވާތަކާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތަކެއް ވަނީ ރަސްމީ ސިފައެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް އަށް ހުށަހަޅައިފަ އެވެ.
އޮންލައިން ނޫސް “އަދަދު” އަށް ދިން އިންޓަވިއުއެއްގައި ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވިދާޅުވީ، އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ނުގެންދަން ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.
“ހަގީގަތުގައި ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި އެ އެސޯސިއޭޝަނާ ގުޅޭގޮތުން، އަމިއްލަ ފަރާތްތަކުން ވެސް، ކުޅުންތެރިންގެ ފަރާތުން ވެސް، ދެން، އަސާސީ ގަވާއިދުގައި އެ ހުރި ކަންތައްތައް ރަނގަޅުނުކޮށް، އިންތިހާބަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވީމަ، އަޅުގަނޑު އެދިފައިވަނީ، އަޅުގަނޑުމެން، ސްޕޯޓްސް މިނިސްޓަރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން މިކަމާ މަޝްވަރާ ކޮށްފައި، ދެން، ބެޑްމިންޓަން އެސޯސިއޭޝަނާ ވެސް މަޝްވަރާ ކުރުމަށް ފަހު، ކަންކަން ރަނގަޅުކޮށްގެން ކުރިއަށްދާން،” އަދަދު ނޫހަށް ތޮލާލް ވިިދާޅުވެފައިވެއެވެ.
އަދަދު ނޫހުގައި ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަކީ އަތޮޅުތަކުގައި މަސައްކަތްކުރާ ފޯކަލް ޕޮއިންޓްތަކެއްގެ ގޮތުގައި ފެންނަން އެބައޮތް ކަންވެސް ހާމަކޮށްފައެވެ. އެ ކޮމިޓީތަކަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިސްޓްރީ ނުކޮށް ހިނގާ ކޮމިޓީތަކަކަށް ވެފައި އެ ފަދަ ކޮމިޓީތަކަށް އިންތިހާބެއްގައި ވޯޓުލުމުގެ .ހައްގު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވެން ނެތް ކަމަށް އެނޫހުގައި ތޮލާލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިދިޔަ ހަތަރު އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓް، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިިދުގައިވާ ގޮތަށް ފޮނުވާފައިނުވާ ކަމަށް ވެސް ތޮލާލް ވަނީ އެނޫހަށް ވިދާޅުވެފައެެވެ.
ތޮލާލް ވިދާޅުވެފައި ވަނީ މިއީ ރަނގަޅަށް ކުރަން ޖެހޭ ކަންކަން ކަމަށްވާތީ، އެންމެ ރަނގަޅު ގޮތަކީ މި ހުރިހާ ކަމެއް ބަލާފައި، އިންތިހާބަކަށް ދިއުން ކަމަށެވެ.

