މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާދަމާއިން ފެށިގެން ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތަކީ ވައިގެ މަގުންނާއި ކަނޑުމަގު ބޭނުންކޮށްގެން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފް ކުރެވޭ ފަސޭހަ އަދި އަވަސް ހިދުމަތެކެވެ. މިއީ އެމްޕީއެލުން މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ހިދުމަތެކެވެ.
ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޓެރިފް ރޭޓާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނިން އާންމު ކުރި ޓެފިފް ފޮތުން ލިބެން ހުންނާނެއެވެ. މި ހިދުމަތަށް ނަގާ ފީތަކުގެ މައުލޫމާތު ސާފުކުރެއްވުމަށް ފައިނޭންސް ޑިޕާޓްމަންޓަށް 7226688 އަށް ގުޅުއްވައިގެން ނުވަތަ receivables@port.mv އަށް އީމެއިލް ކުރައްވައިގެން ލިބޭނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި އޮޕަރޭޝަންތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 3039353 އަށް ގުޅުއްވަން ނުވަތަ cargo@port.mv އަށް އީމެއިލް ކުރެއްވުމަށް އެމްޕީއެލުން ވަނީ އެދިފައެވެ.

