މިއީ ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ކޯރެއްގެ އައްސޭރިއެއްގައި އުޅުނު ރާމާމަކުނެއްގެ ވާހަކައެވެ. މިއީ ފިސާރި ބުއްދިވެރި ރާމާމަކުނެއްކަމަށްވެއެވެ. މަކުނު ދިރިއުޅެމުން ދިޔއީ ފިސާރިއަރާމުގައި ފޮނި ރަހަ ރަނގަޅު މީރު ރަހަ ހުރި ސޭބޫ ގަހެއްގައވެ. އޭގައި އަޅާ ސޭބޫ ކައިގެން މަކުނު އުޅެމުންދިޔައީ ސިއްހަތު ރަނގަޅު އުފާވެރި ދިރިއުޅުމެއްގައެވެ. ދެން މިވީގޮތަކީ އެއްދުވަހެއްގައި ކޯރުން އެހިސާބަށް އައި ކިނބުލެއް ބަނޑުގައި ކަމަށް ބުނުމުން މަކުނު ސޭބެއް ދިއްކޮށްލައިފިއެވެ.
ސޭބޫ ވަަރަށް މީރުކަމަށާއި އެހެންފަހަރަކުން މަކުނާ ބައްދަލުވެ ސޭބޫ ކާމް ލިބޭނެހޭ އެހީމަ މަކުނު އުފަލުން އަންނާށޭ ބުންޏެވެ.
މިގޮތަށް ކޮންމެ ދުވަހަކު ގަވައިދުން ސޭބޫ ކާން ކިނބޫ އައިސް މަކުނާއި ވަރަށް ގާތް ރުޙުމަތްތެރި ކަމެއް އުފެދިއްޖެއެވެ. އަދި މަކުނު ގާތު އަނބިކިނބުލަށް ދޭނޭ ސޭބެއް ނެތްހޭ އަހައިފިއެވެ. މަކުނު ކިނބުލުގެ އަނބި ކިނބުލަށް ދޭން އެދުވަހ މަކުނު ދިނީ ބައިވަރު ސޭބެވެ،
އަނބި ކިނބުލަށް މި މީރު ސޭބުލުގައި ލާ ރަހަ ވަރަށް މީރު ވެއްޖެއެވެ.
އަނބި ކިނބޫ ހިތަށްއެރިއެެވެ، އެހާ ރަހަމީރު ސޭބޫ ކައިގެން އުޅޭ މަކުނެއްގެ މަަސް ހާދަހާ މީރުވާނެތާއެވެ. އެހެންކަމުން، ފިރިމީހާ ގާތުގައި އެކުވެރި މަކުނު އެމީހުންގެ ގެއަށް އައުމަށް ދަޢުވަތު ދިނުމަށް އެދިއްޖެއެވެ. ފިރި ކިނބޫ މިހުށަހެޅުމަކާ އެއްބަހެއް ނުވިއެވެ. މަކުނު އެ ކޯރު ހުރަސްކޮށްފައި އެތަނަށް އައުމަކީ ވަރަށް ތަކުލީފު އުފުލަން ޖެހޭނެ ކަމެއްކަމަށްބުނެ ޢުޒުރު ދައްކައިފިއެވެ.
އެހެންނަމަވެސް އަނބި ކިނބޫ އެ މަކުނުގެ މަސް ކެއުމަށް ހިތްވަރާއެކު ޢަޒުމް ކަނޑައަޅައިފިއެވެ. ވީމާ، އަނބި ކިނބޫ ރޭވުމެއް ރާވާލައިފިއެވެ. އެއް ދުވަހަކު، އޭނަ ވަރަށް ބޮޑަށް ބަލިވެއްޖެ ކަމަށް ހެދިގެން ފިރި ކިނބޫ ގާތުގައި، އެބަލި ފަސޭހަވާނެކަމަށް ޑަކުޓަރު ލަފާދިނީ މަކުނެއްގެ މޭގަނޑު ކައިގެން ކަމަށް ބުނެފިއެވެ. އަނބި މީހާ ސަލަާމަތް ކުރަން ބޭނުންނަމަ އެކުވެެރި ރަޙުމަތްތެެރި މަކުނުގެ މޭގަނޑު ގެންނަން ޖެހުނީއެވެ. ފިރި ކިނބޫ މިކަމާމެދުގައި ވަރަށް ބޮޑަށް ކަންބޮޑު ވެއްޖެއެވެ. މިކަމާމެދުގައި ކަންކުރާނެ ގޮތެއްގެ ފިކުރު ދަނީ ބޮޑުވަމުންނެވެ.
މިހާހިސާބަށް ކަންތައް ދިއުމުން، ކިނބޫ މަކުނު ދިރިއުޅޭ ރަތް ސޭބޫ އަޅާ ގަސްދޮށަށް ގޮސް އެމީހުންގެ ގެއަށް އައިސް އަންހެނުންނާއި ބައްދަލު ވުމަށް އެދި މަކުނަށް ދަޢުވަތު ދީފިއެވެ.
މަކުނު ކިނބުލުގެ ބުރަކަށި މައްޗަށް އަރުވައިގެން އެކޯރު ހުރަސްކޮށް އެމީހުން ދިރިއުޅޭ ތަނަށް ގެންގޮސްދޭނެ ކަމަށް ކިނބޫ މަކުނުގެ ގާތުގައި ބުނެފިއެވެ. މަކުނު ވަރަށް އުފަލުން މިކަން ޤަބޫލުކޮށްފިއެވެ. ދަތުރު ކުރަމުންގޮސް ކޯރުގެ ދެބަޔަށް ގޮސްފައި ކިނބޫ މަޑުމަޑުން އަޑިއަށް ދާންފަށައި ފިއެވެ. ޖެހިލުންވެ ބިރުންއިން މަކުނު ކިނބޫ އެގޮތަށް އަޑިއަށް ދަނީ ކީއްވެގެންތޯ ސުވާލުކޮށްފިއެވެ. އޭނާގެ އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓައި މަކުނު މަރާލައި މޭގަނޑު ނަގަން ބޭނުންވާތީ ކަމުގައި ބުނެފިއެވެ.
މަކުނު ޖަވާބުގައި ބުނެފިއެވެ، ރަޙުމަތްތެެރިޔާއެވެ! އަހަރެންގެ މޭގަނޑު މިހިރީ ހިތުން ރުހުމުން އުފަލާއި އެކުގައި ކަލޭގެ އަންހެނުންގެ ފުރާނަ ސަލާމަތް ކުރަން ދޭން ތައްޔާށެވެ. އެކަމަކު ދެރަކަމަކީ އަހަރެން މިއައީ މޭގަނޑު ސޭބޫ ގަހުގައި ބާއްވާފައެވެ. އެހެންވީމާ ލަސްނުކޮށް ބާރަށް ގަސްކައިރިއަށް ދާން އަނބުރައިލާށެވެ. އެތަނަށްގޮސް މޭގަނޑު ނަގައިގެން އަންނާނީއެވެ. ބުއްދިއެއްނުވާ ކިނބޫ އަވަހަށް އެ ގަހުގެ ކައިރިއަށް ދިއުމަށްޓަކައި ބާރަށް ދަތުރު ފަށައިފިއެވެ. އެތަނަށް އައިސް ގާތްކުރުމުން މަކުނު އަވަސް އަވަހަށް ފުންމާލައިގެން ގޮސް ގަހަށް އަރައި ސަލާމަތް ވުމުން، ކިނބުލަށް ބުނެފިއެވެ، ކަލޭގޮސް އަނބިމީހާ ގާތުގައި ބުނެދޭށޭ އަހަރެން ބުންޏޭ ކަލޭ އިންދެގެން ތިޔައުޅެނީ ދުނިޔޭގައި ހުރި އެންމެ މޮޔަ ގަމާރު މީހާއާއެވެ.
އެހެން މީހުންނަކީ ތަންދޮރު އޮޅުންނުފިލާ މޮޔައިން ކަމުގައި ނުދެކޭށެވެ. އެހެނީ އެމީހުންނަކީ ތިމާޔަށްވުރެން މާތަންދޮރު ދަންނަ ބުއްދިވެރިން ކަމުގައި ވެދާނެއެވެ.

