ލޯބިވެވޭނީ އެއްފަހަރު އެކަކު ދެކެކަމަށް ބުނާތީ ހަލި ދަރުބާރުގެ އަހުލުވެރިންވެސް އަހާނެކަން ޔަގީނެވެ. އެކަމަކު އެއީ ކިހާވަރެއްގެ ތެދެއް ބާވައެވެ؟ ހުވަދޫގެ ދަންފަޅީގެ ހޮޅުއަށްޓަށް އައިސް ތިބި ހެޔޮއެދޭ އެކުވެރިންނޭވެ.
ލޯބި ވެވޭވީ އެއްފަހަރު އެކަކު ދެކެ ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ހިތްހަލާކުވެ ހިތް ކުދިކުދިވަނީ އެންމެ ލޯތްބަކާ ހެދިކަން ޔަގީނެވެ. އަހަރެންގެ ހަޔާތުގެ އެ ޚާއްސަ ފަރާތާ ބައްދަލުވީވެސް ވަރަށް ތަފާތު ގޮތަކަށެވެ.
އެއީ ވެސް ރޯދަމަހެކެވެ. ރޯދަމަހު ރޭގަނޑު ތާސްކުޅުމުގެ ފޯރީގައި އަހަންނާއި އަހަރެންގެ އާއިލީ ކުދިން ތިބީ ގޭގެ ދޮރާށި ބުޑުގައި މަގުމައްޗަށް ވާގޮތަށް ގޮނޑިއާއި މޭޒު އަޅައިގެންނެވެ. އަހަރެމެން ކުޅެމުން ދިޔައީ ހުކުމެވެ. ތާހުގެ ހުކުމް ބުނުމުގައި އަހަންނަކީ މާހިރެކެވެ. ވަނަމަކަށް ގޮވާނީވެސް ޑިގު ރާނީ ޑިގްޑޯނާގެ ނަމުންނެވެ.
ކޮންމެއަކަސް އަނެއްޓީމު ބަލިވަމުން ދަނިކޮށް ބައިސްކަލެއްގައި އައި ދެމީހަކު މަޑުކޮށްލައިފިއެވެ. އަހަރެންގެ ސަމާލުކަން ދަމައިގަތީ އިދިކޮޅު ޓީމުގެ މެންބަރެއްގެ ބަދަލުގައި އެތަނުން އެކަކު އިށީނުމުންނެވެ. ޑިގުރާނީ ބަލިކުރުމަކީ ނާދިރު ކަމެކެވެ. އަމުދުން ހުކުމަށްވުރެވެސް ޑިގުގައެވެ.
“އެނގިދާނެތާ….އަލުން ބަހާ… ޑިގަށް ބަހާނީ….ކޮބާ އެކަކު މާކްސް ޖަހަންވާނެ…” ވަރަށް ރީތި އަޑެކެވެ.
އަހަރެން ދެލޯ ވަށްކޮށްފައި އޭނާއަށް ބަލާލީމެވެ. ހަތަރުކަޅި ހަމަވިވަގުތު ހިޕްނޮޓައިޒްގެ އިހުސާސެއް ކުރެވިއްޖެއެވެ. ލާނެތް ދެލޮލުން އަހަރެންގެ ހިތުގައި ރާގެއް ކުޅެލައިފިއެވެ. ރަކިވެފައި އިސްޖަހާލެވިއްޖެއެވެ.
ކަންބޮޑުވެފައި އިނދެ ކުޅެން ފަށައިގަތުމާއެކު އަހަރެންގެ އަސްލު ތާސްބައިގެ ފޯރި ހިފައިފިއެވެ. ގަނޑަކަށްފަހު ގަނޑެއް ޑިގު ގޮވަމުން ދިޔައީމެވެ. ދެން ކުއްލިއަކަށް އަހަރެންގެ ފައިގައި މީހަކު ފައިގެ އިނގިލިތަކުން ބީހިލައިފިއެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދެމިގެންދިޔައެވެ. ދަންފަޅީގެ އެކުވެރިންނަށް އެނގޭހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި އިނދެގެން ޗާމިންގ ޕްރިންސް އެކިގޮތްގޮތަށް ކޯޑުބަހުން އިޝާރާތް ކުރަމުން ދިޔައެވެ. އެންމެންގެ ކަޅިމަތި ބަލާފައި ލޮލަށް ގޮތެއް ހަދާލާނެއެވެ. އަނގައިން ވައްތަރެއްވެސް ޖައްސާލައެވެ. ކޮންމެއަކަސް އޭނާ މޫނަށް ޖެއްސި ކޮންމެ ވައްތަރެއް މަށަށް ވަރަށް ކަމުދިޔައެވެ،
ފައިގެ އިނގިލިތަކުން ފައިގައި ކޮއްޓާލައި ފިރުމާލައެވެ. ލޮލުންނާއި ބޮލުން އިޝާރާތްކޮށްލައެވެ.
އެންމެ ފަހުން ޑިގު ގަނޑުން ބަލިވާން ފެށީއެވެ. މަގޭ ޝައުގު މުޅިން އަތުލީ ޕްރިންސްއެވެ. މިގޮތަށް ހަތަރުވަރަކަށް ރޭ ތަކުރާރުވެއްޖެއެވެ. ކޮންމެރެއަކު ޕްރިންސް އަންނަން ފެށިއެވެ. އަދި ތާސްކުޅެ ނިންމާފައި އަހަންނާ ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރެއެވެ. އެގޮތަށް ޕްރިންސް ބައްދަލުވާން ބޭނުންވާތީ މަވެސް ހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ.
އަދި ދެން އެންމެ ފަހުން ފަސްވަނައަށް އައިރޭ މީނާ މަށަށް ނޯޓެއް ދިއްކޮށްލީއެވެ. ފަސްވަނައަށް ޕްރިންސް އައިރޭ ތާސްކުޅުން ވަރަށް އަވަހަށް ނިންމާލާފައި ގަޑިކިޔާފައިވާ ތަނަށް އަހަރެން ދިޔައީމެވެ. ޕްރިންސް އަހަރެންދެކެ ނުހަނު ލޯބިވާކަމަށާއި ވަރަށް ބޭނުންވާ ވާހަކަ ކެތްމަދުވެފައި ހުރެ ބުނުމުން އެއީ ހަމަ މިހިތުގެވެސް ހާލުކަން ހާމަކޮށްލީމެވެ.
އެރޭގެ ދަންވަރު ގެއާދިމާއިން އަތިރިމަތީގައި ހުރި ޖޯލިފަތީގައި އަހަރެން ޕްރިންސްގެ އަތުގެ ތެރޭގައި އެތައްއިރެއްވަންދެން އިނީމެވެ. އެރެއަށްފަހު ކޮންމެރެއަކު އަހަރެމެން ބައްދަލުވަމެވެ.
ޕްރިންސް ފެންނަނީ މުޅީންވެސް ރޭގަނޑުއެވެ. ދުވާލު ނުފެންނަނީ ރޯދަމަސް ކަމަށްވާތީ އެހާ ދުރަށް ނާދެވެނީ ކަމަށް ޕްރިންސް ބުނެއެވެ. އެންމެ ފަހުން ރޯދަމަސް ނިމިއްޖެއެވެ. އެކަމަކު ދެންވެސް އަހަރެމެން ބައްދަލުވަމުން އައީ މިފަދަ މެންދަންތަކުގައި ދަންފަޅިތަކުގައެވެ. ޕްރިންސަށް ދުވާލު އަހަންނަށް ފެންނަ ހިސާބަށްވެސް ނާދެވެއެވެ. އެކަމާ އޭނާ ވަރަށް ދެރަވެގެން އެވާހަކަ ދައްކައެވެ.
ޕްރިންސްއަކީ ސީދާ ކޮންރަށެއްގެ ކާކުކަމެއްވެސް އޭރަކު މަށަކަށް ނޭނގެއެވެ. ލޯބީގެ އަވައިގައި ޖެހި އަހަރެން ދިޔައީ އެންމެންނަށް ސިއްރުން ޕްރިންސްގެ މީހަކަށް ވުމަށް އޭނާ އެދުނު ކޮންމެ ގޮތަކަށް ކަންތައް ކުރަމުންނެވެ. މަގޭ އުޅުމަށް ބަދަލު އަންނާތީވެ ރައްޓެހިން މަށަށް ފާރަލައިފިއެވެ.
ދަންފަޅީގެ މިތުރުންނަށް އެނގޭ ހެއްޔެވެ!
އަހަރެން އެކުވެރިން އެރޭ ފާރަލުން އެއީ އަހަރެންގެ ނަސީބެވެ. އަނެއް ދުވަހު އަހަރެންގެ ދެ އެކުވެރިން ވަރަށް ސީރިއަސްކޮށް ޕްރިންސްގެ ވާހަކަ ބޭޒާރުކޮށްލައިފިއެވެ. އަހަންނަށް އެއީ ކާކުކަން އެނގޭތޯ ކުރި ސުވާލަށް ދޭނެ ޖަވާބެއް އަހަރެންގެ ކިބައަކު ނެތެވެ. އަހަންނަށް އެނގެނީ ޕްރިންސްގެ ނަމެވެ. އެކުވެރިން އަހަރެން ގޮވައިގެން ދިޔައީ ރަށުގެ އަނެއް ކޮޅަށެވެ. އެހިސާބަކީ އަލަށް ގޯތި ލިބުމުން ގެ އަޅައިގެން މީހުން އުޅެން ފަށާފައިވާ ހިސާބެކެވެ.
އެކުވެރިން ދެއްކި މަންޒަރު ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް އެއީ ހަގީގަތެވެ. އަހަރެންގެ ޕްރިންސްއަކީ މަގޭ ޕްރިންސެއް ނޫނެވެ. ޕްރިންސް ހުރީ ދެއަހަރަށްދާ ކުއްޖަކު އުރާލައިގެންނެވެ. ހަތަރުވަރަކަށް މަހުގެ ބަނޑަކާއެކު ހުރި ނުހަނު ރީތި އަންހެނަކު، އަންނައުނުތަކެއް ރޯނުގައި ހިއްކަން އަޅުވަން ހުއްޓެވެ.
ހުވަފެނަކުން ހޭލެވުނީ ކަހަލައެވެ. އަހަރެން ގޮވައިގެން އެގެއަށް ދިޔަ އެކުވެރިންގެ ތެރޭގައި އެގޭ އަންހެންމީހާއާ ތިމާގެ ކުއްޖަކުވެސް ހުއްޓެވެ. އެހެންކަމުން އަހަރެން ގޮވައިގެން އެތެރެއަށް ވަދެ އެމީހުންނަށް ތައާރަފް ކޮށްދީ އަހަންނާ އަންހެންމީހާއާ އެކުވެރި ކޮށްދީފިއެވެ. ދަންފަޅީގެ މިތުރުންނޭވެ! ޕްރިންސްގެ މޫނުމަތިން އަހަރެން ދަންނަ ކަމުގެ އެއްވެސް އަސަރެއް ކީއްކުރަން ހެއްޔެވެ. ހަމަ އަލަށް އަހަރެން ފެނުނު ފަދަ ގޮތަކަށް ނޫން އެހެންކަމެއް ނުފެނެއެވެ.
ހިތްހަލާކުވެ ފާރުވެ ލޭ އޮހެމުން ދިޔަ ހާލުގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައި އެކުވެރިން ކިޔައިދިނެވެ. އެމީހުން ކުރިން އުޅުނީ މާލޭގައެވެ. ރަށަށް އައިސް އެ އުޅެނީ ޕްރިންސަށް ރަށުން ވަޒީފާވެސް ހަމަޖެހިފައި އޮތުމުންނެވެ. އެދެމީހުން އިނދެގެން އުޅޭތާ މިހާރު ހަތް އަހަރުވެސް ވެދާނެއެވެ. އަހަރެންގެ ހާލު ވަރަށް ދެރަވިއެވެ. ނުކެވި ނުބޮވި އެނދުހުރަހަށް ތަންމަތިވިއެވެ. ހުންގަދަވެ ބޮލުގައި ރިއްސާ ތަންދޮރު ވަކިނުވާވަރު ވިއެވެ.
އަހަރެންގެ ހާލު ދެކެން ކެތްނުވިބަޔަކު ޕްރިންސް ބަލާ ދިޔައެވެ. ޕްރިންސް އެންމެ ފަހަރަކު ނަމަވެސް ދުށުމަށް އެދި އަހަރެން މޮޔަ ގޮވާތީއެވެ. ޕްރިންސް އައެވެ. އަހަންނަށް ހޭހަން ކޮށްދޭންވެސް އިނެވެ. އަހަރެން ރޮއިއާދޭސް ކުރީމެވެ. އަހަރެން ދޫކޮށްނުލުމަށް އެދި ދެފައިގަ ހިފީމެވެ. އެހެންނަމަވެސް ޕްރިންސްގެ ޖަވާބު ސާފެވެ. “އަނތްބެއްގެ މަގާމު އެހެން މީހަކަށް ނުދެވޭނެ،” ކުރާނެ ކަމެއް ނެތެވެ. ޕްރިންސް އެދުނު ގޮތަށް އަބަދުވެސް ޕްރިންސާ ގުޅުން ބޭއްވޭނެ ގޮތްވީއެވެ. އާދެ ވަގުއަނތްބެއްގެ ގޮތުގައި އަބަދުވެސް އިނދެވޭނެއެވެ.
އަހަރެން ޕްރިންސާ ވަކިކުރަން ރައްޓެހިން ނުކުރާ ކަމެއް ނެތެވެ. ފަންޑިތަ ހާހޫރަވެސް ހެދިއެވެ. އެންމެ ފަހުން އަހަރެންގެ މޮޔަވެފައިވާ ސިކުނޑިއާއި ހިތް ހަމައަކަށް އެޅުނީ އެތައް މަސައްކަތަކުން އެތައް ހިތްވަރަކުންނެވެ. ވަގުއަންބެއްގެ ގޮތުގައި އެތައް ދުވަހަކު އުޅުމަށްފަހު އަހަންނަށް ޕްރިންސްގެ މަކަރުވެރިކަމާއި ހިޔާނާތްތެރިކަން އިހުސާސް ވީ އަނބިމީހާ ވިހައިގެން އޮތްރޭ ވެސް އަހަރެންގެ ގާތަށް އައުމުންނެވެ. އަހަންނަކީ ހުސްތަން ފުރާ މީހެއްކަމުގެ އިހުސާސް ކުރެވުނީ އެރެއެވެ. އަދި ޕްރިންސްގެ އަމިއްލަ އެދުން ބޮޑުވަރާއި ރަހުމާއި ކުލުނާއި އޯގާތެރިކަން ނެތްވަރު ހިތަށް އެރީ، ވިހައިގެން އޮތް އަނބިމީހާއަށް އެންމެ އެހީ ބޭނުންވީ ވަގުތުވެސް އަމިއްލަ ކަރުހިއްކުން ފިލުވަން މުހިންމުވީތަން ފެނުމުންނެވެ.
އަހަރެންގެ ހިތުން ފިރިހެނުންނަށް އޮތް އިތުބާރު މުޅިން ގެއްލުނެވެ. އެވޭނުން އަރައިގަންނަން އެތައް އެތައް ދުވަހެއް ބޭނުންވިއެވެ. އަހަރެން ކައުންސެލިން ކިޔަވައިގެން އަންހެނުންނަށް އެހީވާ ޖަމްއިއްޔާއެއް އުފައްދަން ޖެހުނު ސަބަބަކީ މިއީއެވެ. ހަޔާތުގައި އަހަރެން ކުރި ހިތި ތަޖުރިބާގެ އަލީގައި އަހަރެން ބޭނުންވީ އަންހެނުން ބާރުވެރިކުރުމާއި ފިރިމީހާގެ ކަންތައްތަކަށް ލޯ ހުޅުވިގެން ތިބޭ ބަޔަކަށް އަންހެނުން ވުމެވެ. އަހަރެންގެ އަލަތު ލޯބީގެ ހިތި ތަޖުރިބާގެ ރަހަ އަދިވެސް އަރުގައި ހުރެއެވެ.
ވަގުއަންބެއްގެ ދަރަޖައާއި ލަގަބު އަހަންނަށް ދިން ޕްރިންސް މިހާރު ވަރަށް ބައްޔޭ ބުނާތި އަޑުއަހަމެވެ. އޭރު ވީ އިންތިހާ ލޯބި މިހާރު ބަދަލުވެފައި ވަނީ ބޮޑު ފޫއްސަކަށެވެ. ނަފުރަތަކަށެވެ. އަހަންނަށް ގުޅޭތޯ މިހާރުވެސް ދޭތެރެއަކުން ޕްރިންސް މަސައްކަތް ކޮށްލައެވެ. އެކަމަކު އަހަރެން ދެނެއް ވަގުއަނތްބަކަށް ސައިޑްކަޓަކަށް ވާން ބޭނުމެއް ނޫނެވެ.
އެހެންކަމުން ސާފު ބަހުން ދެކޮޅު ހަދައި އިންކާރު ކުރީމެވެ. ދެނެއް ވަގުއަންބަކަށް ވެސް ސައިޑް ކަޓަކަށް ވެސް ނުވާނަމެވެ.
މަށަށް މިހާރު ލިބިފައި ހުރީ ހަމަ ޖަވާހިރެކެވެ. ނުހަނު އޯގާތެރިއެވެ. މަގޭ ކުރިއެރުމާއިކާމިޔާބީއަށް އިސްކަންދެއެވެ. ދަރިފުޅު ލިބުނު ފަހުންވެސް އަހަންނަށް އިހުނަށްވުރެ ލޯބިދެއެވެ. ލޯބިވެއެވެ. އަހަރެން ފިރިމީހާއަށް ހިޔާނާތްތެރިވެދާނެއޭ އެ ބޭވަފާތެރި އިންސާނާ ހިތަށް އަރާތީ ހައިރާންވެސް ވަމެވެ.
އެކުވެރިންނޭވެ، ނަމަނަމަ މިފަދަ ޕްރިންސްތައް ދައްކާ ދަޅައަށް ނުހެއްލެއްޗެވެ. ސައިޑްކަޓަކަށް ވަގުއަނތްބަކަށް ވާން ބުނާ ހިސާބުން ވަކިވެގެންދާށެވެ. ލޯތްބަށްޓަކައޭ ކިޔާފައިވެސް ނަމަނަމަ ގުޅުން ނަހަމަ ނުކުރާށެވެ، މަށަށް ހެދުނު ގޯހަކީ އެފަހަރު އޭނާގެ ބަހަށް އާ ބަސް ބުނެވުމެވެ. ދެނެއް އެފަދަ ކޮހެއް ނުހަދާނަމެވެ. އުމުރަށް ސަލާމެވެ.

