އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. އެދީނުގައި އިންސާނިއްޔަތަށާއި އިންސާނީ ޙައްޤުތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. ދީނުގައި ފަރްޟުކުރައްވާފައިވާ ތަފާތު އަޅުކަންތަކުގެ ޙިކްމަތްތަކުގެ ތެރޭގައި އިންސާނާގެ އިންސާނިއްޔަތުކަން ހަރުދަނާކުރުމާއި ރިވެތިކުރުން ހިމެނެއެވެ. އިންސާނާގެ ނަފްސަށް ފަރުވާދީ އޭނާގެ ނަފްސު ޠާހިރުކުރުން ހިމެނެއެވެ. އިންސާނާއަށް ރަނގަޅު މަގުދެއްކުން ހިމެނެއެވެ. މިކަމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ ވަސީލަތްތައް ގިނަގުނައެވެ. އޭގެތެރޭގައި ޢުޤޫބާތާއި ކުށަށް އަދަބުދިނުން ހިމެނެއެވެ. ނަމަވެސް އަދަބު ދިނުމަށްވުރެ ދީނުގައި އިސްކަންދެއްވާފައިވަނީ ނަފްސު ޠާހިރުކޮށް ތަހްޛީބު ކުރުމަށެވެ. ޢާންމު މުޖްތަމަޢު މަތިވެރި މުޖްތަމަޢަކަށް ހެދުމަށެވެ.
އިސްލާމްދީން ބާރުއަޅަނީ އިންސާނާއަށް ކުރެވޭ ނުބައިކަންތައްްތައް ފާޅުނުކުރުމަށެވެ. އެކަމަކު ހެޔޮކަންތައް ފާޅުކުރުމަށެވެ. ނުބައިކަމެއް ކުރުމަށްފަހު އެކަން ހާމަކުރުމަކީ އެކަމުގައި ދެ ކުށް ހިމެނޭކަމެކެވެ. އެ ކަންކުރުމުގެ ކުށާއި އެ ކަން ހާމަކުރުމުގެ ކުށެވެ. މިހެންވެ ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ މީސްތަކުންނޭވެ! މި ހަޑިހުތުރު ކަންތައްތަކުގެ ތެރެއިންކަމެއް ކުރެވުނުމީހާ އެކަން ފޮރުވައިފިނަމަ އޭނާ އެވަނީ ﷲގެ ވަންހަނާ ކުރެއްވުމުގައެވެ. ފަހެ އޭނާގެ ޞަފްޙާ ފާޅުކޮށްފިނަމަ އޭނާގެ މައްޗަށް ތިމަންމެން ޙައްދު ޤާއިމުކުރާނޫއެވެ.”
ހެޔޮކަންތައްތައް ކުރުމަށް ބާރުއެޅުމާއި ހެޔޮކަންތައްތައް ފާޅުކުރުމުގެ މަސްއަލައަށް ބަލާއިރު އެއީ ހެޔޮ ކަންތައްތައް ކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހެޔޮކަމުގެ މަގަށްގޮވާ، ހެޔޮކަންތަކަކަށް އަމުރުކުރާ ނުބައި ކަންތައްތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. އެއުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ.”
ނަފްސު ޠާހިރުކުރުމާއި ތަހްޛީބުކުރުމާއި ރަނގަޅުކުރުމުގެ ބަޔަކީ ޟަމީރު ތަރްބިޔަތު ކުރުމުގެ މަތީގައިވާ ބަޔެކެވެ. މާތްﷲ ފަރްޟުކުރެއްވި ހުރިހާ އަޅުކަމެއްގައިވެސް ޟަމީރު ތަރްބިޔަތު ކުރުން ހިމެނެއެވެ. ރޯދައަށް ބަލާއިރު އެއީ ޟަމީރު ތަރްބިޔަތުކޮށްދޭ އަޅުކަމެއްކަން ކަށަވަރެވެ. އިޚްލާޞްތެރި ކަމާއެކު ރޯދަ ނުހިފައިފިނަމަ އެއީ ރޯދައެއް ނޫނެވެ. އޭރުން ވާނީ ނުކައި ނުބޮއި ހުރުމަކަށެވެ. ތިމާގެ ހަށިގަނޑަށް ޖެއްސޭ ބުރައެކެވެ. އެއީ ފުރިހަމަ ރޯދައެއް ނޫނެވެ. މީގެ އިތުރަށް ރޯދައަކީ ކެތްތެރިކަމާއި ރުޅިމަޑުކަން އުގަންނާދޭ އަޅުކަމެއްވެސް މެއެވެ. ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ބޭނުންވާ ދެސިފައަކީ މި ދެސިފައެވެ.
ރޯދައަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކެޔުމާއި ބުއިމާއި ނަފްސުގެ ޝަހްވާތްތަކުން ދުރުހެލިވެ ހުރުން ކަމުގައިވާތީ މިއީ އިންސާނާގެ ޠަބީޢަތާ ދެކޮޅަށްކުރެވޭ ނަފްސީ ޖިހާދެކެވެ. ރަސޫލުﷲ صلى الله عليه وسلم، ޙަދީޘްކުރެއްވިއެވެ. “ހައިހޫނުކަމާއި ކަރުހިއްކުމުން ތިޔަބައިމީހުންގެ ނަފްސުތަކާ ދެކޮޅަށް ޖިހާދުކުރާށެވެ!”
ހައިހޫނުކަމާއި ކަރުހިއްކުމަކީ ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ކަމެކެވެ. މާތްﷲ، ރަސޫލު ބޭކަލުންގެ ތެރެއިން ވެރިކަމާއި މުއްސަނދިކަން ދެއްވި ބޭކަލުން ދެދުވަހުން އެއްދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އެއީ ފަޤީރުންގެ ޙާލުގެ މަތިން ހަނދުމަ ކުރެއްވުމަށާއި، މާތްﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަން ކުރެއްވުމަށް ޓަކައެވެ.
ހައިހޫނުކަމާއި ކަރުހިއްކުމުގެ ވަސީލަތަކީ ޢީސާގެފާނު އަންގަވާފައިވާ ގޮތުގައިވެސް މާތްﷲގެ ޙަޟްރަތަށް ކުއްތަން ކުރުވާނެ ކަމެކެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ޙަވާރީންނަށް އެބައިމީހުންގެ ހަށިގަނޑަށް ހައިހޫނުކަން އިޙްސާސް ކޮށްދިނުމަށް އަމުރުކުރެއްވިއެވެ. އަދި ތައުރާތުގައި އައިސްފައިވެއެވެ. [ފަލަ ޙިބްރުން ދެކެ ކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. އެހެނީ ފަލަކަމަކީ ގިނައިން ކެއުމާއި ޣާފިލުކަމުގެ ހެއްކެކެވެ. ]
ނަމަވެސް ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނެވެ. ރޯދައަށް ހުންނައިރު އޭނާގެ ގުނަވަންތައް މަޑުމައިިތިރިވެ ހަމަހިމޭންވާން ޖެހޭނެއެވެ. މާތްﷲ ރުހިވޮޑި ނުގަންނަވާ ދިމާއަކަށް އެއްވެސް ގުނަވަނެއް ޙަރަކާތްތެރިވެގެން ނުވާނެއެވެ.
ހަޑިހުތުރު ބަސްތަކުންނާއި ނެތިމޮށުމުންނާއި ދޮގުހެދުމުންނާއި މީހުންނަށް އެއްޗެހި ކިޔުން ފަދަ ނުބައި ޢަމަލުތަކުން ދޫރައްކައުތެރި ކުރަން ޖެހޭނެއެވެ. ރޯދަވެރިޔާގެ ދޫ ތެމިފައި އޮންނަން ޖެހޭނީ މާތްﷲއަށް ޙަމްދުކުރުމާއި ޛިކްރުކުރުމާއި ތަކްބީރުކިޔުމާއި ތަސްބީޙަކިއުން ފަދަ ހެޔޮ ޢަމަލު ތަކުންނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި މާތްﷲއަށް ޝުކްރު ދެންނެވުމުންނެވެ. ކީރިތި ރަސޫލާ އަންގަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނައިރު ފާޙިޝް ޢަމަލުތައް ނުކުރާހުށިކަމެވެ. އަދި ހަޅޭއްލަވާ އަރާރުން ނުވާހުށިކަމެވެ. މީހަކު އަރާރުންވާން އުޅޭނަމަ ތިމަން މިހުރީ ރޯދައަށޭ ބުނެ އެކަމާ ދުރުހެލިވާށެވެ!
(ލިޔުންތެރިންގެ ގުޅުން، ލިޔުއްވާފައި ވަނީ: އިބްރާހީމް ރަޝީދު މޫސާ،)

