ތިނަދޫ ސިޓީގެ މިސްކިތްކަމަށްވާ މަސްޖިދުއްޝައިޚު ޞިދުޤީ (އިސްލާމީ މަރުކަޒުގައި) އިމާމްވެ ހުކުރު ނަމާދު ކުރައްވާ ޚުޠުބާ ދެއްވީ މިހާތަނަށް ތިނަދޫ ސިޓީގެ މިސްކިތެއްގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވި އެއްމެ ޒުވާން ޚަޠީބެވެ. އޭނާ ޚުތުބާ ކިޔުމާއި ޤުރުއާން ކިޔެވި ގޮތް ރީތިކަމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަން ފާހަގަ ކޮށްފައެވެ.
އަލްޙާފިޒު އާހިލް މުޙައްމަދު ޒާހިރަކީ ތިނަދޫގައި ހުރެ އޭނާގެ މަދުރަސީ ޙަޔާތް ނިންމަމުންދާ، އަދި ޤުރުއާން ހިތުދަސްކޮށް ޙާފިޒު ކަމުގެ ދަރަޖަވެސް ލިބިލައްވާފައިވާތިނަދޫ ސިޓީ އަށް އުފަން އަދި ގދ އަތޮޅު ތަޢުލީމީ މަރުކަޒު ގެ ދަރިއެކެވެ.
އެގޮތުން ތިނަދޫ ސިޓީ ކައުންސިލުން ވެސް ވަނީ އެކަން ފާހަގަ ކޮށް ސޯޝަލް މީޑިއާ ގައި ލިޔުމެއް ވެސް ހިއްސާ ކޮއްފައެވެ. އެ ލިޔުމުގައި،
އާހިލްގެ އަމިއްލަ ނަފްސަށާއި، އޭނާގެ ޢާއިލާއަށާއި، ތިނަދޫ ސިޓީގެ ރައްޔިތުންނަށް އަނެއްކާވެސް އާހިލްގެ ފަރާތުން ލިބިގެން މިދިޔަ ފަޚުރުވެރި ހެޔޮ ފެށުމަށްޓަކައި ﷲ ގެ ޙަޟްރަތަށް ފަށްފަށުން ޙަމްދު ދަންނަވައެވެ.

އަދި ފުރުޞަތުގައި އާހިލް އާއި ޢާއިލާއަށް ނުހަނު މަރުޙަބާ ދަންނަވާފައެވެ. އަދި އާހިލްގެ ތަރުބަވީ ޙަޔާތުގެ މިކާމިޔާބީގައި ޙިއްޞާވާ އޭނާގެ ލޮބުވެތި މައިން ބަފައިންނަށާއި، އޭނާގެ އުސްތާޒުންނާއި، ކައުންސިލް މެދުވެރިވެ އޭނާގެ މިކާމިޔާބީއަށް ޢަމަލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވާ އެއްމެންނަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ހިންގަމުންދާ "ކަސީދާ" ޕްރޮގްރާމުގެ ބައިވެރީންގެ ތެރެއިން އިތުރު ޒުވާނުންނަށް އާހިލް އާއި އެކު ޚަޠީބު ކަމުގެ ހުއްދަ ލިބިފައިވާތީ އެކަން ، ކައުންސިލުން ވަރަށް އުފަލާއެކު ފާހަނގަ ކޮށްފައެވެ.
ޒުވާން ޚަތީބުން ތަމްރީން ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޚުތުބާ ކިޔުމަށް ޝައުގުވެރިވާ ކުދިންނަށޤ ތަމްރީން ދިނުން މިހާރތުވެސް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންންނެވެ.

