ގަދަ ހިތްވަރާއި އަޒުމާއިއެކު ކާބިޔާބީއަށް މަސައްކަތް ކޮށްފި ކޮންމެ މީހަކަށްވެސް މާތްﷲގެ ވާގިފުޅާއިއެކު ކާމިޔާބީ ހޯދިދާނެއެވެ. ހިތްވަރާ އަޒުމުގެ ނަމޫނާއިން އެތައްބަޔަކު ވަނީ މަގުކޮށާ އާރޯކަން ހޯދާފައެވެ. ގދ. ތިނަދޫ އަށް އުފަން ޝަޒިއްޔާ އަހުމަދުގެ ހިތްމަތާއި މިންނަތުން ހޯދި ކާމިޔާބީ އަށް ބަލާލަމާ ހިނގާ.
މިއީ ގދ. ތިނަދޫ މާއިރާ، ޝަޒިއްޔާގެ ވާހަކައެވެ. ތިނަދޫ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޝަޒިއްޔާ ވިދާޅުވީ "އަހަރެން އެންމެ އުފާވަނީ ރަށަށް ނުވަތަ ބަޔަކަށް ކަމެއް ކޮށްދެވޭތީ. އެންމެ ބޮޑު އިސްކަމެއްދެނީ އެހީތެރިކަމަށް ބޭނުންވެގެން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވެތީ"

ގދ. ތިނަދޫ މާއިރާ ޝަޒިއްޔާ އަހުމދު
ކިޔެވުމަށް ލޯބިކުރުމާއި އެކު އެހެންމީހުންގެ ކުރިއެރުމަށް މަސައްކަތްކުރާ އަދި ދިރިއުޅުމުގެ އުސޫލާއި މިސާލުތަކުން ގިނަ ބަޔަކު ނަމޫނާ ލިބިގަންނަ މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތިނަދޫގެ އަންހެން ކަނބަލަކަށް މިބައި ހާއްސަކޮށްލަމެވެ. ހުވަދޫ ނޫހުގެ "މީހުން" މި ބަޔަށް އިންޓަވިއު ދެމުން ޝަޒިއްޔާ ވިދާޅުވީ ތައުލީމީ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެކަމަށެވެ.

ޝަޒިއްޔާ އޭނާގެ ކިޔަވައިދޭ ސުކޫލުގައި
އުމުރުގެ ބޮޑުބައެއް ހޭދަ ކުރެއްވީ ތައުލީމީ ދާއިރާގައި އުނގެނުމާއި އުނގަންނައިދިނުމުގައެވެ.
ޝަޒިއްޔާ ތައުލީމު ހާސިލުކުރުމަށް ފަހު ގދ. އަތޮޅުގެ ތައުލީމީ މަރުކަޒާއި އަބޫބަކުރު ސްކޫލުގައި މުދައްރިސެއްގެ މާގާމް އަދާކުރެއްވުމަށްފަހު މައިކޮލަޖުގެ ތިނަދޫ ކެމްޕަހެއް ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި މީގެ އިތުރުން މައިކޮލެޖުގެ ޕްރީސްކޫލްގެ މަސައްކަތް ފައްޓަވާ އެކަންވެސް ކާމިޔާބު ކުރެއްވިއެވެ.
ތިނަދޫގައި އެވަގުތު މަތީ ތައުލީމަށް ނުދެވިތިބި ގިނަ ކުދިންތަކަކަށް ފުރުސަތު ފަހިކުރުމުގެ މާތް މަގުސަދުގައި ފެއްޓެވި މި މަސައްކަތުން ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ލިބި އެކަމުގެ އުފާ ހާސިލުވެގެންދިޔަކަން އުފަލާއިއެކު ފާހަގަކޮށްލިއެވެ. 6 އަހަރު މައިކޮލެޖްގައި މަސައްކަތް ކުރުމަށްފަހު އެވިޑްކޮލެޖު ތިނަދޫ ކެމްޕަހުގައި ސީނިއަރ އެކަޑެމިކް މެނޭޖަރގެ މަގާމްވެސް އަދާކުރެއްވިއެވެ.

އެކި ދުވަސްތަކުގައި ތައުލީމީ ހަޔާތުގައި ކުރެއްވި މަސައްކަތާއި، ދަރިވަރުންނާއި، އަދި އިސްވެރިންނާއި، އެކު، ޝަޒިއްޔާ
ތައުލީމީ ފެންވަރަށް ބަލާލާއިރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ކިޔެވުމަށްފަހު ޝަޒިއްޔާވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއިން ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ ހާސިލްކޮށްފައެވެ. އެއަށްފަހު ވިލާ ކޮލެޖުން މާސްޓަރސް އޮފް އެޑިޔުކޭޝަން ނިންމާފައެވެ. އަދި ސްރީލަންކާގެ ބިސްނަސް ސްކޫލް އޮފް ކޮމާރސްއިން މާރސްޓާރސް އިން ބިސްނަސް މެނޭޖްމަންޓް ހާސިލްކޮށްފައެވެ.
މީގެ އިތުރުންވެސް ގދ. ޓީޗަރ ރިސޯރސް ސެންޓަރުގައި އެޑިޔުކޭޝަން ޑެވެލޮޕްމެންޓް އޮފިސަރ އެއްގެ މަގާމުގައި މަސައްކަތްކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން އަތޮޅުގެ ގިނަ ރަށްރަށުގައި ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް ތަމްރީންތަށް ކުރިޔަށް ގެންދެވިފައިވާނެކަން ފާހަގަކުރެއްވިއެވެ. މިއިން ކޮންމެ މަސައްކަތަކީވެސް ލިބުނު ތަޖުރިބާއާއި ތަމްރީންތަކެވެ. ކުރިޔަށް ދިޔުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ތަމްރީނަކީ މުހިންމު އެއްޗެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ވިދާޅުވީ ކޮންމެ މީހަކުވެސް އަބަދުވެސް ކުރިއެރުމަށް ލޯބިކުރަންވާނެ ކަމަށާއި ހުރި ހިސާބުގައި ހުއްޓި ހުރުމުގެ ބަދަލުގައި ހިތްވަރާއިއެކު މަސައްކަތްކޮށް ކުރިޔަށް ދާންވާނެ ކަމަށެވެ.

ތިނަދޫ ސުކޫލުގެ އެސްއެމްޓީއާއި އެކު ޝަޒިއްޔާ
މަސައްކަތުގައި އުޅުއްވަމުންވެސް ގިނަ ތަމްރީނުތަކުގައި ބައިވެރިވެ ސަނަދު ހާސިލްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ކޯޑިނޭޝަން ވޯކްޝޮޕާއި އިންޓްރޮޑަކްޝަން ޓު ދަ ނޭޝަނަލް ކަރިކިއުލަމް ވޯކްޝޮޕާއި ޓީއާރުސީ ކޮންފަރެންސްގެ އިތުރުން ޗިލްޑް ފްރައިންޑްލީ ބަރާބަރު ސުކޫލް ވޯކްޝޮޕް އާއި، ޖަސްޓިސް ސެކްޓާރ ބޭސްލައިން ސްޓަޑީއާއި، ޓްރޭނިން އޮން ރިސޮލިއުޝަން އޮފް އިލެކްޓޯރަލް ކޮމްޕްލެއިންޓްސް ގެ އިތުރުން ލީޑާރސް ސަމިޓް އަދި ސްޓްރެންތްނިންގް އިންކުލޫސިވް އެޑިއުކޭޝަން އެންޑް ޑިވޮލޮޕިންގް ކޯޗިންގް ފްރޭމްވޯކާއި، ޓްރައިނިން އޮފް ޓްރައިނާސް އޮން ފައުންޑޭޝަން ސްޓޭޖް ކަރިކިއުލަމް ސްޓޭންޑާރޑްސް ވެސް ހިމެނެއެވެ. ތައުލީމީ ދާއިރާއާއި ގުޅުންހުރި މިފަދަ ގިނަ ތަމްރީންތަކުން އަބަދުވެސް އުނގެނި ދަސްކުރަން ލޯބިކުރާކަމަށް ޝަޒިއްޔާ ވިދާޅުވެފައިވެއެވެ.
މިއަދު ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝަޒިއްޔާ އަކީ ތަޢުލީމީ ދާއިރާއަށް ލޯބިކުރާ އަދި މި ދާއިރާއަށް ކުރެވުނު ބޮޑު މަސައްކަތުގެ ތެރެއިން އުފަލާއި ހިތި ތަޖުރިބާގެ ފޮނި ކާމިޔާބީއެވެ.

ޝަޒިއްޔާގެ ކާމިޔާބީގެ އަސްލު މުޅި އާއިލާ
ތިނަދޫ ގައި މައިކޮލެޖް ކެމްޕަސްއެއް ހުޅުވާ އެތަނާއި ހަވާލުވެހުރެ ކުރި މަސައްކަތާއި މައިކޮލަޖާއި ގުޅިގެން ތިނަދޫގައި ހިންގި ރައުލާ ޕްރީސުކޫލް ހުޅުވާ އެތަން ހިނގުމުގައިވެސް ޝަޒިއްޔާ ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ. އަދި އިނގިރޭސިބަސް ކުރިއެރުވުމަށް އެއިރު ކުރެވުނު ގިނަ މަސައްކަތް ތަކަކީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ވެސް ޝަޒިއްޔާ ވިދާޅުވިއެވެ.

ރައުލާ އެމްއައި ޕްރީސުކޫލް ހުޅުވުމުގެ ރަސްމިއޔާތުގެ ތެރެއިން
ޝަޒީ ވިދާޅުވީ ދަރިވަރުން ކުރާ އިހުތިރާމާއި ގަދަރަކީ ފޮހެނުލެވޭނެ ހަނދާންތަކެއް ކަމަށެވެ. އަބަދުވެސް ދަރިވަރުންނާއި ރަނގަޅު ގުޅުމެއް ބާއްވާ ކަމަށާއި ދަރިވަރުންދެކެވާ ލޯތްބަކީ މިދާއިރާއިން ލިބުނު އެންމެ ބޮޑު ކުރިއެރުންކަން ފާހަގަކޮށް، ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންނަށާއި އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މައިކޮލެޖެގެ ގިނަ ކޯސްތަކަށް މެދުކެޑުމެއްނެތި 10 ވަރަކަށް އަހަރު ކިޔަވައިދީފައިވާނެކަން އުފަލާއިއެކު ފާހަގަކޮށްލިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންމިދާ ތިނަދޫ ސްކޫލްގެ ދަރިވަރުން ދެކެވެސް އެހާ ލޯބިވާ ކަމަށާއި އެކުދިންގެ ފަރާތުންވެސް އެ ލޮތްބާއި އިޚްތިރާމް ފެންނަކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ ކާމިޔާބީ އަކީ އުޅޭކޮންމެ ތަނަކުންވެސް ލޮތްބާއި އިޚްތިރާމް ލިބުން. މައި ކޮލެޖުން ވަކިވި ދުވަހު ކުދިން ބޭއްވި ސަޕްރައިޒް ޕާޓީން ރޮވުނު. ދަރިވަރުންގެ ފަރާތުން އަޑުއިވިގެންދިޔައީ އުފަލުން ރޮއްވާލި ބަސްތަކެއް." ޝަޒީގެ މަސައްކަތުގައި އޭނާގެ އުފާވެރި ހަނދާންތައް އާ ކުރަމުން އަނެއްކާވެސް ވިދާޅުވީ މިހެންނެވެ.

ފެއާވެލް ޕާޓީ މައިކޮލެޖު (ވަކިވުމުގެ ހަފްލާގެ ތެރެއިން)
"ލޯތްބާއި އިޚްތިރާމަކީ ދިނީމަ ލިބޭ އެއްޗެއްކަން އެރޭ އިޚްސާސްވެގެންދިޔަ. އަބަދުވެސް ބަލަނީ ކޮންމެ މީހަކާވެސް އިޚްތިރާމާއި އެކު ރީތިބަހުން މުޢާމަލާތް ކުރުމަށް." ޝަޒިއްޔާ
ޝަޒީގެ މި ކެރިއާގައި މިއަދު އޭނާ ގުނަމުން އެދަނީ އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާކަން ކަށަވަރެވެ. ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތައް ހުންނާނެ ކަން ފާހަގަކުރައްވާ ވިދާޅުވީ ޗެލެންޖްސްތަކާއި ކުރިމަތިލާ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރުމީ ކާމިޔާބީގެ އަސްލުކަމަށެވެ.
މިއަދު ޝަޒީ އަކީ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރައްވާ ކަނބަލެކެވެ.
ރަށުން އަންހެނުންނަށް ނުލިބޭ ހިދުމަތެއް ފޯރުކޮށްދެއްވުމުގެ ޝައުގު އުފެދި ރަށުގައި އަންހެނުންނަށް ހިދުމަތްދޭ ސެލޫންއެއް ނެތުމުން އެ މަސައަކްތް ފައްޓަވާ އެކަން ކާމިޔާބު ކުރެއްވިއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ވާހަކަފޮތާއި ކުޅޭ ސާމާނު ލިބެންހުންނަ ތަނެއް ރަށުގައި ހުޅުވިގެންދިޔުމަކީވެސް ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން ވިދާޅުވީ އަންހެނަކަށްވީތީ ނުކުރެވޭނެ މަސައްކަތެއް ނޯންނާނެ ކަމާއި ބޭނުންވަނީ އަޒުމާއި އެކު މަސައްކަތްކުރުން ކަމަށެވެ.

ޝަޒިއްޔާގެ، އަންހެނުނަށް ހާއްސަ އައިރިޝް ސެލޫން
މި ކާމިޔާބީ ތަކާއިއެކު ޝަޒީ ދޭން ބޭނުންވާ މެސެޖަކީ އަންހެނަކަށްވީތީ ފަހަތު ސަފުން ޖާގަ ހޯދުމުގެ ބަދަލުގައި އަބަދުވެސް ކުރިއެރުމަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ ﷲގެ ވާގިފުޅާއިއެކު ކާމިޔާބުވާނެކަމެވެ. އަދި އަމިއްލަ ކާމިޔާބާއިއެކު އެހެންމީހުންގެ ކުރިއެރުމަށްވެސް މަސައްކަތްކުރެއްވޭނެ ކަމެވެ.

