ލިޔުއްވާފައި ވަނީ: އިބްރާހީމު ރަޝީދު މޫސާ
ރޯދައަކީ ﷲގެ އަޅާ، އޭނާގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުން ނަމޫނާ ކިޔަމަންގަތުމަކަށް ހަދާދޭ އަޅުކަމެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި ހުރިހާ ކަންތައްތަކާ ދުރުހެލިވެގެން އަހަރުގެ ހުރިހާ މައްސަރު ތަކެއްގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކާއި އަދި ޙަލާލުކުރެއްވި ބައެއް ކަންތައްތަކާ ދުރުހެލިވެގެން އުޅޭމީހެކެވެ. ރަމަޟާން މަހުގައި އޭނާގެ ޙަޔާތަކީ މާތްވެގެންވާ މަލާއިކަތުންގެ ޙަޔާތާ އެއްފަދަ ނަމޫނާ ޙަޔާތެކެވެ. މާތްﷲ އަށް އުރެދުމެއްނެތި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވާތީއެވެ.
މާތްﷲ އަށް ފުރިހަމައަށް ކިޔަމަންގަންނަ އަޅަކަށް ރޯދަވެރިޔައަށް ވެވޭނީ އަދި ރޯދައިން ފުރިހަމައަށް ފައިދާ ލިބިގަންނަ އަޅަކަށް ރޯދަވެރިއާއަށް ވެވޭނީ ރޯދައާ ގުޅުންނެތްް އެންމެހާ ނުބައި ޢަމަލުތަކުން ސަލާމަތްވެގެންނެވެ. ރޯދަވެރިޔާގެ ސުލޫކާ ނުގުޅޭ ސުލޫކުތަކާއި އުޅުންތަކާއި ގުޅުންތަކާ ދުރުހެލި ވެވިގެންނެވެ. އޭގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ކެއުން ބުއިމުގައި އިސްރާފު ކުރުމެވެ.
ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ތަފާތު އެތައްބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. އިޖްތިމާޢީ މީޑިއާ މެދުވެރިކޮށް ، މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެނެއެވެ.
މީގެތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ވަރަށް މަދުއެތި ކޮޅެކެވެ. ގިނަ އެއްޗެހިތައް އުކާލެވެނީ ކުނިގޮނޑަށެެވެ. މިއީ ކިހާބޮޑު އިސްރާފެއްތޯއެވެ؟ އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. އެއީ ޝައިޠާނާގެ ކަމެކެވެ. މާތްﷲ ކެއުމާއި ބުއިން ހުއްދަކުރެއްވިއިރު އިސްރާފުނުކުރުމަށް އެންގެވިއެވެ. މާތްﷲ ވަޙީކުރައްވަނީ “وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ” (الأعراف: ٣١) (“އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އެކަމަކު އިސްރާފު ނުކުރާށެވެ!ހަމަކަށަވަރުން އިސްރާފުކުރާމީހުން ދެކެ އެކަލާނގެ ލޯބިވެވޮޑި ނުގަންނަވައެވެ.”)
އިސްރާފުކުރުމަކީ އެކަމުގެ ގެއްލުން ޞިއްޙީގޮތުންނާއި މާލީގޮތުން މުޖްތަމަޢަށް ފޯރާނެ ކަމެކެވެ. ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެކެވެ. އެކަމަކު ރޯދައިން މިމަޤްޞަދު ޙާޞިލުކުރެވޭނީ އިސްރާފުކުރުމުން ދުރުހެލިވެގެންނެވެ. އަދި ރޯދައަކީ ޢާއިލާގެ ޖީބަށް ފިއްތާބާރުކުރާ އެއްޗެއް ވެސް ނޫނެވެ. ތިންއިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން ރަމަޟާންމަހުގައި ޚަރަދުތައް ކުޑަވަންޖެހޭނެއެވެ.
ދުނިޔޭގެ އެތަންމިތާނގައި ކާއެތިކޮޅަކަށް ބޭނުންވެފައިވާ ކިތައްމިލިޔަން މުސްލިމުން އެބަތިބިތޯއެވެ. މިމީހުންގެ ޙާލަތާމެދު ވިސްނާލައިފާ އިސްރާފުކުރެވޭބައި އެމީހުންނަށްޓަކައި ހޭދަކުރަމާތޯއެވެ؟
ކީރިތިރަސޫލާގެ ސުންނަތަށް ބައްލަވައި ލައްވާށެވެ! އެކަލޭގެފާނު ރޯދަފުޅު ވީއެްލަވާފައިވަނީ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ލިބިވަޑައި ނުގަންފިނަމަ ކިރުފޮދަކުންނެވެ. ކިރުފޮދެއް ލިބިވަޑައި ނުގަންފިނަމަ ފެންފޮދަކުންނެވެ. ކަދުރާއި ކިރަކީ ހަށިގަނޑަށް ފައިދާހުރި ކާނާތަކެކެވެ. އަޅުގަނޑުމެންނަށްވެސް، ކީރިތިރަސޫލާ ނަމޫނައަކަށް ބަލައިގެން، ކެއުމާއި ބުއިމުގެ ކަންތައްތައް އިސްރާފުނުވާގޮތަކަށް ހަމަޖައްސާލެވިދާނެއެވެ. އަދި އެކަލޭގެފާނު ދެއްވާފައިވާ އިރްޝާދުގެ މަތިން، ކެއުންބުއިމުގެ ކަންތައްތއް ހަމަޖެއްސިދާނެއެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވަނީ “مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ حَسْبُ الْآدَمِيِّ لُقَيْمَاتٌ يُقِمْنَ صُلْبَهُ فَإِنْ غَلَبَتْ الْآدَمِيَّ نَفْسُهُ فَثُلُثٌ لِلطَّعَامِ وَثُلُثٌ لِلشَّرَابِ وَثُلُثٌ لِلنَّفَسِ ( رواه ابن ماجه) އާދަމުގެދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައިކަންބޮޑުކަންވާރެއް ނުފުރައެވެ. އޭނާގެ ބުރިކަށި ކޮޅަށްބެހެއްޓުމަށްޓަކައި ސުވާކޮޅެއް ފުދެއެވެ. ފަހެ އޭނާގެ ނަފްސު އޭނާގެ މައްޗަށް ގަދަވެގަންފިނަމަ ކާއެއްޗެއްސަށް ތިންބައިކުޅައެއްބައި، ބޯއެއްޗެއްސަށް ތިންބައިކުޅައެއްބައި އަދި ނޭވާލުމަށް ތިންބައިއެއްބައި ދޭށެވެ!”
މިބަސްފުޅުން އެކަލޭގެފާނު އަޅުގަނޑުމެންނަށް އެ އަންގަވަނީ ބަނޑުފުރާނުލުމަށެވެ. އަބަދުވެސް ތިންބައިކުޅައެއްބައި ހުހަށް ބެހެއްޓުމަށެވެ. މުސްލިމުން ކައިބޮއި ހަދަންވާނީ ދިރިއުޅުމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭބަޔަކަށް ވެގެންނުވާނެއެވެ.
(ނޯޓް: މިއީ ލިޔުންތެރިންގެ ގުޅުން، ގައި އިބްރާހީމު ރަޝީދު މޫސާ ލިޔުއްވާފައިވާ ލިޔުމުގެ އަސްލު އިންގޮަތަށް ބަދަލެއް ނުގެނެސް އިން ނަކަލެކެވެ.)

