(މިއީ މުހައްމަދު އަޚްތަރު، ލިޔެފައިވާ ހަގީގީ ވާހަކަތަކެކެވެ. މިނިމުނު 2022 ވަނަ އަހަރުގެ މިދުވަހު އަޚްތަރުުގެ ގަލަމުން ބަޔާންކޮށްދީފައި މިވަނީ ހަގީގަތުގައިވެސް ބުނެދޭން ފަސޭހަ ނޫން އިހުސާސްތަކެއްގެ ވާހަކައެވެ.)
ލިޔުނީ: މުހައްމަދު އަޚްތަރު
މިއީ ކިޔާދޭން އެހާ ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. ތަފްސީލުކޮށް ބަޔާން ކުރަން އެހާ ފަސޭހަ އިހުސާސްތަކެއް ވެސް ނޫނެވެ. ނަމަވެސް މިއީ ހިތުން ދުވަހަކުވެސް ފިލައިދާނެ ވާހަކައެއް ނޫނެވެ. އެ ދެތިން ދުވަހު ފެނުނު ކޮންމެ މަންޒަރަކީ ދާދި ދެންމެ ހިނގައިދިޔަ ކަމެއްހެން މިހާރުވެސް ސިފަވެ ލޮލުން ކަރުނަ އާދެއެވެ. ހިތަށާއި ލަގޮނޑި އަށް ތަދުވެއެެވެ.
އެއީ މީގެ 19 އަހަރު ކުރިން، 17 މާރިޗު 2004 އެވެ. އެއީ ދިވެހިރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ ކަނޑުމަތީގެ އެންމެ ހިތާމަވެރި ކާރިސާއެވެ. އެންމެހާ ދިވެހިން ދަންނަ "އެނަމާ ކާރިސާ" ގައި އެތައް ބަޔަކު މިދުނިޔެ ދޫކުރި ދުވަހެވެ.
އަހަރެން ހުރީ ގޭގައެވެ. އިރުއޮއްސުމުން އަހަރެން ގެއިން ނުކުތީ، އެހެން ދުވަސްދުވަހު ހިތަށް ވެރިވަމުންދާ ގޮތްނޭނގޭ އިހްސާސަކުން އުނދަގޫވާން ފެށުމުންނެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު، ހިތަށް ވެރިވެފައި ހުރި ފަދަ ހާލެއްގައި މަޑުމަޑުން ހިނގައިގަތީމެވެ. އެވަގުތު ރަށުގެ އެކި ދިމާ ދިމާލުން ރަށުގެ ޖެޓީއާ ދިމާއަށް މީހުން ދާތަން ފެނުުނެވެ. އަނެއްކާ ކިހިނެއްވީބާވަައެވެ. އަހަރެންގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވިއެވެ.
ބޮޑު ކަމެއް ރަށުގައި ހިނގީ ކަމަށް ހީކޮށް އަހަރެންވެސް މިސްރާބު ޖެހީ އެދިމާއަށެވެ. ރަށުގެ ބަނދަރު މައްޗަށް ދެވުނު އިރު ވަރަށް ގިނަ ބަޔަކު އެތަނަށް އެއްވެ ތިއްބެެވެ. އޭރުވެސް އަހަރެން މަސައްކަތް ކުރަމުން ދިޔައީ ނޫސްވެރިޔެއްގެ ގޮތުގައިކަމުން ދިމާވި ކޮންމެ މީހަކާ ސުވާލު ކުރަން ފެއްޓީމެވެ. ފުރަތަމަ މީހާ ދިން މަޢުލޫމާތުން ވެސް އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ. މެއަށް ހީވީ ތޫނު ކަށްޓެއް ހަރާލި ހެނެވެ،

ގއ ވިލިނގިލީގައި ތިނަދޫ އާއި ވިލިނގިލީ ޓީމު ކުޅުން ފުޓްބޯޅަ މެޗް ބަލަން ދިޔަ މީހުން އެނބުރި ރަށަށް އަންނަނިކޮށް އެންމެންނާއެކު ބޯޓު ބަންޑުންވެ އެތައް ބަޔަކު މަރުވި ވާހަކައެވެ.
އަހަންނަށްވި ގޮތް ބުނެދޭކަށް ނޭނގެއެވެ. ހީވީ ވަށައިގެން ހުރިހާ ތަނަކާއި އެއްޗެއްސެއް އެނބުރެން ފެށިހެނެވެ. ބޯ މަތީގައި އެތައް ޓަނެއްގެ ބަރެއް ބޭއްވި ކަހަލައެވެ. އެ ބޯޓުގައި މަންމަ އާއި ކޮއްކޮގެ އިތުރުން އާއިލާގެ ވަރަށް ގިނަ ބަޔަކު ހިމެނޭތީއެވެ.
ރަށުގެ ގިނަ ބަޔަކު ހިމެނޭ އަދި މީގެ ކުރިން ރާއްޖޭގައި ހިނގާފައި ނުވާ ފަދަ ބޮޑު ޙާދިސާއެއް ހިނގައިދިއުމުން އެކަމުގެ މައުލޫމާތު އިތުރަށް ހޯދުމަށް މީހުންނަށް ގުޅަން ފެށީމެވެ.

ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެއެވެ. އެކި މީހުން ދައްކަމުން ދަނީ އެކި ވާހަކައެވެ. ތެދެއް ދޮގެއް އިނގޭ މީހަކު ނެތެވެ. އެއްބަޔަކު ބޯޓުން ދަތުރު ކުރި އެންމެން މަރުވެއްޖެ ކަމަށް ބުނެއެވެ. އަނެއް ބަޔަކު އެކި ޢަދަދުތައް ބުނުމުންދެއެވެ. ބޯޓުން ދަތުރުކުރި މީހުން ސަލާމަތް ކުރަން އެކި ފަރާތްތަކުން މަސައްކަތް ފަށައިފިއެވެ. ނަމަވެސް ބޯޓު ބަންޑުންވި ހިސާބަށް ދިޔަ މީހުންގެ ފަރާތުންވެސް މާބޮޑު ޚަބަރެއް ލިބޭ ގޮތެއް ނުވެއެވެ. އެހެން ކަމުން އެންމެންވެސް ތިބީ މަރުވީ ނުވަތަ ސަލާމަތްވީ ކޮން ބައެއްކަން ނޭގިފައެވެ.
އަހަރެން ވެސް ހުރީ ހަމަ އެ ހާލުގައެވެ. މުޅި ރަށް ހޮސްޕިޓަލާ ދިމާލުގައި ފުނިޖެހިގެން ތިބީ ރަށަށް ގެންނަ މީހުން އެނގޭތޯއެވެ. އޭރުވެސް އަހަރެން އާއިލާގެ އެއްވެސް މީހަކު މަރުވި ކަމުގެ ޚަބަރެއް ނުވެއެވެ. އެތައް ބަޔަކު ގެނެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވައްދަމުން ދިޔައެވެ. އަހަރެންވެސް ފޮޓޯ ނަގަމުން، އެއްބައި ފަހަރު މީހުން އުފުލުމުގައި ވެސް އެހީވަމުން ދިޔައީމެވެ

މުޅި އެހިސާބު ގުގުމާލާފައި ހުރީ ރުއިމުގެ އަޑާއި އެކި ވާހަކަތަކުންނެވެ. ހަޅޭކުގެ އަޑާއި ނަޞޭޙަތާއި ހިއްވަރު ދިނުމުގެ އަޑުންނެވެ. މުޅި ހޮސްޕިޓަލު އޮތީ ފުރި ބާރު ވެފައެވެ. އެތައް ގަޑިއިރެއް ވަންދެން އެހީވުމުގައި އުޅުމަށްފަހު އަހަރެން މަޑު ޖެހިލީ ހޮސްޕިޓަލުގެ ބޭރުގައެވެ. މީހުންތައް ގިނަ ކަމުން ވާނުވާ ނޭގޭތީއެވެ. އެހާ ހިސާބުންވެސް މަންމަމެންގެ އެއްވެސް ޚަބަރެއް ހިލަމެއް ނުވާތީ އެހާ ހިސާބުން އަހަރެން އަވަސް ވެގަތީ މަންމަމެންގެ ޚަބަރެއް ވޭތޯއެވެ. އެތެރެއަށް ވަންނަން އެނބުރުނުތަނާ އަހަރެންގެ ޅިޔަނަކު އަހަރެން ހުއްޓުވިއެވެ.
އަތުގައި ހިފާ ދުރަށް ގެންދިޔައެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ފޭބިތަން ފެނުމުން އަހަރެންވެސް ފެންކަޅިވިއެވެ. އޭނާއާ ގުޅުން ހުރި މީހަކު މަރުވި ކަމަށް ޔަޤީންވުމުން އަހަރެން ބޭނުންވީ އޭނާއަށް ހިތްވަރުދޭށެވެ. ނަމަވެސް އަހަރެން ވާހަކަ ދައްކަން ފެއްޓުމުގެ ކުރިން "އަޚްތަރުގެ މަންމަ.. ހިއްވަރު ކުރާތި.." މިހެން ބުނި ހިސާބުން އަހަރެން ގަނޑުވިއެވެ. ހީވީ ދުނިޔެ އެކޮޅު ކޮޅުން ޖެހި އެނބުރެން ފެށިހެނެވެ. އަހަރެން ފަޅައިގެންގޮސް ހިތް ކުދިކުދިވި ކަހަލައެެވެ

ދެން އަހަރެން ދުވެފައި ގޮސްވަނީ އެޙާދިސާގައި އެވަގުތާ ހަމަޔަކަށް ރަށަށް ގެނައި މީހުންގެ ތެރެއިން މަރުވި މީހުން ތިބި ކޮޓަރިއަށެވެ. ވަރަށް ހިތްވަރު ކޮށްލައިގެން ކޮޓަރީގެ އެތެރެއަށް ވަނީމެވެ. ކޮޓަރީގެ ތަޅުމުގެ މަތީގައި ޤަބުރުތައް އަތުރާފައި ތިބިތަން ފެނުމުން ވަރަށް އަސަރު ކުރިއެވެ. އަހަރެންގެ ލޮލުން ކަރުނައައެވެ. އެތެރެއަށް ވަދެ މަންމަ އޮތް ހިސާބަށް ދާން ހިނގައިގަތް އިރު މަންމަގެ ފުރާނަނެތް ހަށިގަނޑުގެ ކައިރީގައި ބައްޕަ އިށީނދެގެން ރޯން އިންތަން ފެނުމުން އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރު އެތައް ގުނައަކަށް ބޮޑުވިއެވެ.

މަންމަ އާއި ބައްޕަ ކައިރިއަށް މަޑު ކުރުމަށްފަހު ދެން އަހަރެން ބަލާލަން ފަށީ ދެންހުރި އެތަނަށް ގެނެސްފައި ތިބި މީހުންނަށެވެ. މަރުވީ މަންމަ އެކަނި ނޫނެވެ. މަންމަ އާއި އެއްބަނޑު އެއްބަފާ ދައްތަ އާއި ފަހަރިވެސް މަރުވީއެވެ. ދަންނަ ވަރަށް ގާތް މީހުންނާ ކުޑަކުދިން އެއްތާކު މަރުވެފައި އެހެން ތިއްބާ ދުވަހަކުވެސް ނުދެކެމެވެ. އެވަގުތުވެސް އިތުރު ގަބުރެއް ވެއްދުމުން އެތަނުގައި ތިބި މީހުން ކައިރިން އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަމީޒާގެ ޚަބަރެއް ނެތްހޭ، އިތުރު މީހުންގެ މަރުވިހޭ އަހާލީމެވެ. އެމީހުން ބުނީ އާއެކޭ، އެބަގެނެޔޭ އެވެ.

ދެން އަހަރެންނާ އާއިލާ އެންމެން ތިބީ ކޮއްކޮގެ ޚަބަރެއް ނުވެގެންނެވެ. ހާސްވެ ހަދާނެގޮތް ހުސްވެފައެވެ. އެވަގުތު ދެން ލިބުނީ ކޮއްކޮ އަމީ ވެސް ނެގިއިރު މަރުވެފައި އޮތް ކަމުގެ ޚަބަރެވެ. އަހަރެން އަވަސް ފިޔަވަޅުގައި ހިނގަމުން ޖެޓީއާއި ކައިރިކުރި ދޯންޏައް ބަލާލިއިރު ކޮއްކޮ ފަކީރު އޮތް ޙާލު ހިތަށް އަރައި ވަރަށް އަސަރު ކުރިއެވެ. އަހަރެންނަށް ހީވީ "ބޭބޭ އަހަރެން ސަލާމަތް ކުރަން ނައީ ކީއްވެތޯ.." ބުނާހެނެވެ.
ކޮއްކޮގެ އެ ދިރުމެއްނެތް މަސްގަނޑަށް އިތުރަށް ބަލަން އަހަރެންނަށް ހިއްވަރެއް ނުލިބުނެވެ. ވަށައިގެންވާ މާހައުލަށް އަހަރެން ބަލާލިއިރު އެތަނަށް އެއްވެފައި ތިބި އެންމެންގެ މޫނު މަތިންވެސް ފެނުނީ ހިތާމަވެރި ކަމުގެ ފުން އަސަރެވެ. ހިފެހެއްޓުމެތި ލޮލުން ފައިބަމުން ދިޔައީ ކަރުނައެވެ. ހަމަ އެއާއެކު އެތައް ބަޔަކު ހިތްވަރާއިއެކު ކުރަމުންދިޔަ މަސައްކަތްވެސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެ ހިތްވަރުން އަހަރެންވެސް ހިތްވަރު ހޯދައި ދެން ކުރަންހުރި މުހިންމު ކަންކަންތަކަށް ފައި ނެގީމެވެ.

ޖެހިގެން އައި ދުވަހަށް ޢަލިވިލުނު އިރުވެސް މުޅި ރަށު ރައްޔިތުން ތިބީ ހޮސްޕިޓަލުގައެވެ. އާ ދުވަހަކަށް އިރު އެރިއިރުވެސް ކަނޑުވި ބައެއް މީހުން ނުފެންނާތީ އާއި މަރުވެފައި ތިބި އިތުރު މީހުން ރަށަށް ގެންނަމުންދާތީ އެންމެން އަދިވެސް ތިބީ ހާސްވެ މާޔޫސްވެފައެވެ. މުޅި ރަށަށް ވަނީ ހިތާމައިގެ ކަޅު ސާލެއް ފެތުރިފައެވެ. އެންމެންގެ މޫނުތައް ވަނީ މިލާ މޯޅި ވެފައެވެ.
އެނަމާ ކާރިސާގައި ނިޔާވި 24 މީހުންގެ ތެރޭގައި ކުޑަ 2 ކުދިން ހިމެނެއެވެ. ކަނޑުވި މީހުންގެ ތެރެއިން އެއް ޒުވާނަކު ނުފެނެއެވެ.
ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭފަދަ އެ ޙާދިސާގައި ހުރިހާ ކަމެއް ނިމި ކަށުކަމާކެމީގެ ކަންކަން ނިމި ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ރަށުގެ ރައްޔިތުންގެ ހިއްވަރާއި އެ ބަޔަކު އަނެއްބަޔަކު ދެކެވާ ލޯތްބާއި ކުލުނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ފޯނުން ގުޅާފައި އާއިލާތަކަށް ދެމުން ދިޔަ ހިތްވަރެވެ.

ހަމަ އެއާއެކު އަހަރެންގެ ހަނދާނުން ފޮހެލުން ދަތިވާ އެއް މަންޒަރުކީ ދެލޯ ފަދަ ލޯބިވާ މަންމަ އާއި ކޮއްކޮ ޢާއިލާގެ އެންމެން ދެކެ އިންތިހާއަށް ލޯބިވާ ބޮޑު ދައިތަގެ ޤަބުރު ކައިރީގައި މުޅި އާއިލާ އާއި އެކު ރައްޔިތުން ގިސްލަގިސްލައިފައި ކަރުނަ އަޅައި ރޮމުން ދިޔަ މަންޒަރެވެ. އެ މަންމަގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަން ދުވަހަކުމެ ފިލައި ނުދާނެއެވެ. އާއިލާގެ ތެރޭގައި ފަރިވެ ފޮޅެމުން އައި ފިނިފެންމަލެއް ފަދަ ކޮއްކޮ އާއި އެކު ހޭދަވި ކޮންމެ ސިކުންތަކީ އޭގެ އެންމެ ވަގުތެއްވެސް ހިތުން ފޮހެވިގެން ނުދާ، މިއަދުވެސް ދިރިހުރި ހަނދާން ތަކެކެވެ. ކަޅުފޮއެ ރެއެއްގައި ހިގި ބަޔާން ކުރަންދަތި އެކާރިސާގައި މިދުނިޔެއާއި އަލްވަދާޢުކީ ކޮންމެ ފަރުދަކީ ރަށުގެ ރައްޔިތުންނާއި އެތައް ގޮތަކުން ގުޅިލާމެހިފައިވާ މީހެކެވެ.
އެނަމާ ޙާދިސާގައި ނިޔާވީ އެންމެހާ ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ، މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.

