މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް ) ގެ މަގުހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ( އާރްޑީސީ ) އާއި ހަވާލުކޮށްފިއެވެ.
އެމްއޭސީއެލް އާއި އާރްޑީސީ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެއަޕޯޓުގެ ހުރިހާ މަގުތަކެއް ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ ޒިންމާ މަތި ކުރެވިފައިވަނީ އާރްޑީސީއާއި އެވެ.

މި އެމް.އޯ.ޔޫގެ ދަށުން އެއަރޕޯޓްގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުން ހިމެނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތަކުގެ ރެނދުލާފައިވާ ތަންތަން ރަނގަޅު ކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުން ހިމެނެއެވެ.

އަދި މީގެ އިތުރުން މަގުމަތީގެ ސަރަހައްދުތަކާއި، ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ސާފުކުރުމާއި އެކު އެމް.އޭ.ސީ.އެލް އިން ދޭ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އާންމު ތަންތަނާއި، ސައިޑްވޯކްތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުން ހިމެނެއެވެ.

ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި، އަދި އެހެނިހެން ކުނި ނައްތާލުމަކީ ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނޭ ކަންކަމެވެ.

