ޝަފާއްތަގެ ހަދިޔާ: ނެތިނުބައި ނުމޮށޭށެވެ!

މަރްޔަމް ޝަފާ ސައީދު ، ހުވަދޫ މީޑިއާ18 Mar 2024
ޝަފާއްތަގެ ހަދިޔާ: ނެތިނުބައި ނުމޮށޭށެވެ!

ކިޔާލަން ހޭދަވާނީ3މިނިޓް

ޙައްވައަކީ މައިންބަފައިންގެ ބަސްއަހާ ކުއްޖެކެވެ. ސްކޫލުން ދޭ ފިލާވަޅުތައް ބަރާބަރަށް ދަސްކުރެއެވެ. ކޮންމެ އަހަރަކު ކްލާސް ބަދަލުވެއެވެ. ކްލާހުން އެއްވަނަ ހޯދައެވެ.

ޙައްވަ ބޭނުންވަނީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު ކުއްޖާއަށް ވާށެވެ. އެކަމަކު ގަދައަޅައި މަސައްކަތްކުރުމާއެކުވެސް އޭނާގެ ކިބައިގައި އަށަގެންފައިވާ ނުބައި ސިފައަކުން ސަލާމަތެއް ނުވެވުނެވެ. އެއީ ނެތިނުބައި މޮށުމެވެ. މީހުން ނެތް ތަންތާނގައި އެ މީހުންގެ ނުބައި ކަމުގެ ވާހަކަ ދެއްކުމެވެ. ބައެއް ފަހަރަށް އަމިއްލައަށް ހަމަހަދައިގެންވެސް ޙައްވަ މިކަހަލަ ވާހަކަ ދައްކައި އުޅެއެވެ. މިއީ ވަރަށް ނުބައި ސިފައެއްކަން ޙައްވައަށް އެނގެއެވެ. އެކަމަކުވެސް މި އާދަ ހުއްޓޭގޮތެއް ނުވިއެވެ.

އެއްދުވަހަކު ޙައްވަ އެކަނި އަތިރިމަތީގައި އިނދެގެން ވިސްނަމުން ދިޔައެވެ. ހިތަށް އަރައެވެ. “މިކަމުން އަހަރެން ސަލާމަތްވާނީ ކިހިނެއްބާއެވެ؟ އަޅެ، ވާ ގޮތެއް ބަލާލަން މާ މިސްކިތު މުދިމާ ވާހަކަ ދައްކާލުން ކިހިނެއްވާނެހެއްޔެވެ؟”

މި ފިކުރު ކުރެވުމާއެކު ޙައްވަ އަވަސްއަވަހަށް މުދިމުގެ ގެއާ ދިމާއަށް ހިނގައިގެންފިއެވެ. އެގެއާ އަރާ ހަމަވީއިރު މުދިމު ކޮންމެވެސް ތަނަކަށް ދުރުވާން ގެއިން ނުކުންނަވަނީއެވެ.

ޙައްވަ ނަންގަނެލިއެވެ. “އަޅުގަނޑު މުދިންބެ ގާތަށް މިއައީ ވަރަށް ބޮޑު ކަމަކު ޖެހިގެން! ކަމަކުން ސަލާމަތް ނުވެވިގެން!”

މުދިންބެ ހިތްހެޔޮކަމާއެކު ސުވާލުކޮށްލެއްވިއެވެ. “އެއީ އަނެއްކާ ކޮންކަމެއް؟ އަވަހަށް ބުނޭ!”

“އެއީ ނެތި  ނުބައިމޮށުން. އެއް ތަނުން އަނެއްތަނަށް ވާހަކަ އުފުލުން. އަޅުގަނޑަކަށް މިކަމަކުން ސަލާމަތްވާނޭ ގޮތެއް ނޭނގުނު. މުދިންބެ ގާތަށް މިއައީ ކޮންމެވެސް ގޮތެއް ބުނުއްވައިދެއްވާނެކަމަށް.”

މުދިންބެ އިރުކޮޅަކު އިސްޖައްސަވައިގެން ހުންނެވުމަށްފަހު ބުނުއްވިއެވެ. “ތިޔައީ ފަރުވާއެއް ނެތް ބައްޔެއް ނޫން! ﷲ ކޮންމެ ބައްޔަކަށްވެސް ފަރުވާއެއް ލައްވާފައިވޭ. ތިޔަކަމުން ސަލާމަތްވުމަކީވެސް ކުރެވިދާނޭ ކަމެއް. ހަމަ މިހާރު މާރުކޭޓަށް ދޭ. އެތަނުން ކުކުޅު ފިޔޮކެއް ގަނޭ. ގެއަށް އަންނަ މަގުމަތީގައި އެ ސޮރުގެ ފަތްތައް އުފުރާފައި މަގުމައްޗަށް އުކަމުން އާދޭ. މިކަންތައް މިއަދު ކޮންމެހެންވެސް ކުރަންވާނެ. މާދަމާ ހަވީރު މިގެއަށް އާދޭ. އޭރުން ދެން ހަދަންވާގޮތް ކިޔައިދޭނަން.”

ޙައްވަ ލަހެއް ނުކުރެއެވެ. ދިގު ފިޔަވަޅުގައި ހިނގާފައި ދިޔައީ މާރުކޭޓަށެވެ. އެތަނުން ހެޔޮވަރުގެ ކުކުޅު ފިޔޮކެއް ގަނެގެން ގެއާ ދިމާއަށް ހިނގައިގެންފިއެވެ. ގެއަށް އައި މަގުމަތީގައި މުދިންބެ ބުނުއްވިހެން، އެ ސޮރުގެ ފަތްތައް އުފުރާފައި މަގުމައްޗަށް އުކާލައިފިއެވެ.

އަނެއް ދުވަހު ހަވީރު މުދިންބެ ގޭ ދޮށަށް ހިނގައްޖެއެވެ. ކަންތައް ކުރިގޮތް މުދިންބެއަށް ރަނގަޅަށް ނަންގަތުމުން ބުނުއްވިއެވެ. “ދެން އޮތީ މަސައްކަތުގެ ދެވަނަ ބައި. މާރުކޭޓުން ގެއަށް ދިއަށް މަގުން ގެއަށް ދަމުން އިއްޔެ އުކި ހުރިހާ ކުކުޅު ފަތެއް ހޮވައިގެން ގެނޭ.!”

މުދިންބެގެ ވާހަކަ އިވުމުން ޙައްވަ ވަރަށް ބޮޑަށް ޙައިރާންވެއްޖެއެވެ. ހާސްވެއްޖެއެވެ. ޙައްވަ ނަންގަނެލިއެވެ. “ތިޔަ ކަންތައް ކުރެވޭނީ ކިހިނެއްތޯ؟ މިހާރަކު އެ ފަތްތަކެއް ނުހުންނާނެ. ވަޔާ އުދުހިގެން ހިނގައިދާނެ. ރަށުގެ އެތަން މިތަނަށް ބެހިދާނެ.”

މުދިންބެ ބުނުއްވިއެވެ. “އާނ. ކޮއިފުޅާ. ތިޔައީ ވަރަށް ބޮޑު ތެދެއް. މިހާރު އެފަތްތައް މުޅި ރަށަށް ބެހިދާނެ. ވާހަކައަކީވެސް އެކަހަލަ އެއްޗެއް. އެކެއްގެ ގާތުގައި ބުނާ ވާހަކަ ތުންތުން މަތިން ގޮސް މުޅި ރަށަށް ފެތުރިދާނެ. ދުލުން ބޭރުކުރެވިއްޖެ ވާހަކައެއް އެނބުރިއެއް ނާންނާނެ. ނުބުނާ ވާހަކައަކަށް ނުހެދޭނެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ނެތިނުބައި ނުމޮށުން. މީހުން ނެތް ތަންތާނގައި އެ މީހުންގެ ވާހަކަ ނުދެއްކުން.”

މުދިންބެގެ ނަޞޭޙަތް ޙައްވައަށް ރަނގަޅަށް ޤަބޫލު ކުރެވިއްޖެއެވެ. ނެތިނުބައި މޮށުމުގެ ނުބައިކަން ވިސްނިއްޖެއެވެ. އޭގެ ފަހުން ޙައްވަ ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. އެހެން ކުދިންނަށްވެސް ނަޞޭޙަތްދީ ނެތިނުބައި މޮށުމުން ދުރުކުރުވައެވެ.

(ނިމުނީ)

(މިއީ ލިޔުންތެރިންގެ ގުޅުން، ނަގާފައިވާ ވާހަކައެކެވެ.)

ޓެގް

ޝަފައްތަގެ ހަދިޔާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ވާހަކަ
  • ފެންޑާ
  • ދީން
Huvadhoo MediaHuvadhoo MediaHuvadhoo MediaHuvadhoo Media

Copyright © 2021-2026 Huvadhoo Media.

All rights reserved

ކޮޑް އޮފް ކޮންޑަކްޓްކިޔުންތެރިންގެ ހިޔާލުޓެގްތައް
Photo Gallery
|—
އަހަރުތަކުން މިއަދު
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ފެންޑާ
  • ވާހަކަ
  • ދީން
Huvadhoo Media