އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް އެޕާޓީން ވަކިވެއްޖެއެވެ.
ސިދާތާ ވިދާޅުވީ ޕާޓިން އިސްތިއުފާ ދެއްވާ ސިޓީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުންނާއި މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެސިޓީފުޅުގައި ވަނީ ދަންނަވާފައެވެ.
އަދި ފާއިތުވެދިޔަ ދިގު މުއްދަތުގައި އަދާލަތުން ފަހިކޮށް ދިން ފުރުސަތުތަކަށް ޝިދާތާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން އާ އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައިވެސް ޝިދާތާ ހިމަނާފައި ވަނިކޮށެވެ.
ކުރީގެ ޖެންޑާ މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޝިދާތާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ދިނުމާ ގުޅިގެން ޝިދާތާ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އަދާލަތު ޕާޓީން ވަކިވާން ނިންމީ ކީއްވެގެން ކަމެއް ސިދާތާ ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް މިކަމާ ބެހޭ އިތުރު މައުލޫމާތު މާދަމާ މީޑިޔާއަށް ހާމަކުރާނެކަމަށް ސިދާތާ ވަނީ ވިދާޅުވެފައެވެ.

