-
ހަމައެންމެ ކޯލެއް ކޮށްލާށެވެ.
-
އިސްތަށިގަނޑަށް ވިޔަސް މޫނަށް ކަމުގައި ވިޔަސް، އެދޭފަދަ ހިތްރުހޭފަދަ ޗާލުނަލަކަމެއް "ރީތިކަމެއް" ގެނެސްދިނުމަށް ސުޒޫ ހާޒިރުވާނެއެވެ.
ދިރިއުޅުމަށްޓަކައި ދެކެފައިވާ ބޮޑުުހުވަފެން ސީދާ ކުރުމަށް، އުއްމީދުތައް ފުރިހަމަ ކުރުމަށް އަމިއްލަ ގައުމާއި އަމިއްލަ މީހުންނާ ދުރުގައި އުޅުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އެންމެ ފުރަތަމަ، އެއީ ފަސޭހަ ނޫންކަމަކަށް ވިޔަސް މަޑުމަޑުން ބީރައްޓެހި ފަސްގަނޑާއި އެތަނުގެ ނުރައްޓެހި މީހުންވެސް އަމިއްލަވެ، ހިތްހަމަޖެހޭ ތަނަކަށް އެތަން ވެދެއެވެ.
ހުވަދޫނޫހުން މި ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "މެހެމާން" ގެ ތިންވަނަ މެހެމާނަކީ ރީތި ހިނިތުންވުމަކާއެކު އޭނާގެ އަތުގެ ޖާދޫއިން ސިފަރީތިކޮށްދީ މީހުން އުފާކޮށްލަދިނުމަށް އެމީހުން "ޗާލުކޮށްލަދޭ" ބިއުޓީޝަނެއް އަދި ހެއަރޑްރެސަރ އެކެވެ. އަޅުގަނޑުމެންގެ ތެރެއިން ހިމެނޭ ފަރާތެއް ނޫންކަމުގައިވިޔަސް ދިވެހިރާއްޖެއާއި ދިވެހިންނާ އޭނާގެ ގުޅުން އަމިއްލަ ގައުމާއި އާއިލާއަށްވުރެ މާ ގާތެވެ.
ސުޒޫޝްރެސްތާ / ސުޒޫ – އާއިލާ
ނޭޕާލްގެ ކަތަމަންޑޫއަށް އުފަން ސުޒޫޝްރެސްތާ، އާންމުނަމުންނަމަ ސުޒޫ އަކީ މިދެންނެވި ފަދައިން އަމިއްލަ އުއްމީދުތަކާއި ހުވަފެންތައް ސީދާ ކުރުމަށް، ހަގީގަތަކަށް ހެދުމަށް އުފަން ވަތަނާއި އަމިއްލަ މީހުންނާ ދުރަށް، ދިވެހިރާއްޖެއަށް އައިސް އުޅޭ ޒުވާން އަންހެނެކެވެ.
ނޭޕާލުގެ ކަތަމަންޑޫ ގެެ ކުޑަކުޑަ އާއިލާގައި ތިބެނީ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ބޭބެއާއި ފަހަރި އަދި އެމީހުންގެ ކުދިންނެވެ. ސުޒޫގެ މިި އާއިލާއަކީ އުފާވެރި ކާމިޔާބު މެދުފަންތީގެ ހަމަޖެހޭ އާއިލާއެކެވެ. އޭނާގެ މަންމައަކީ ފެން އުފައްދާ ކުންފުންޏެއްގެ ފެކްޓަރީއެއްގައި ވަޒީފާ އަދާކުރާ ހީވާގި އަންހެނެކެވެ. އޭނާގެ ބޭބެގެ މޮބައިލް ފޯނާއި އިލެކްޓްރޯނިކް ރިޕެއަރ ކުރާ އަމިއްލަ ވިޔަފާރިއެއް އޮވެއެވެ. ބައްޕައަކީ ކާމިޔާބު ހުށިޔާރު ޑްރައިވަރެކެވެ.
އޭނާ ބޮޑުވަމުން އައީ ނުހަނު މިނިވަން އަދި ކުރިއެރުވުމާއި ކުރިއަށް ދިއުމަށް އެހީތެރިވެދޭ މާހައުލެއްގައެވެ. ރާއްޖެ އައުމަށްފަހު ވެސް ކޮންމެ އަހަރަކު އެއް ފަހަރު، ހާއްސަކޮށް މުހިންމު ޗުއްޓީތަކާއި އީދުތަކާ ދިމާކޮށް ސުޒޫ ރަށަށް އާއިލާ ގާތަށް ދެއެވެ.

ހުވަދޫނޫހަށް އިންޓަވިއު ދެނީ
"އެމީހުންގެ ދުއާއާއި ލޯތްބާ ނުލައި ސުޒޫ މި ފެންނަ ސުޒޫއަށް ނުވީސް،" ސުޒޫ ބުނީ އޭނާގެ އާއިލާގެ ހިތްވަރާއި ހެޔޮދުއާ އާއި އެހީތެރިކަމަކީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ބާރުކަމާއި އެންމެ ބޮޑު އެހީކަމުގައެވެ.
ސުޒޫ ދިވެހިރާއްޖެއަށް
މާލެސިޓީގައި މިހާރު ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދާ ސުޒޫ އާއި ބައްދަލުވީ ހަފްލާއަކަށް ދިއުމަށް އިސްތަށިގަނޑު ރީތިކޮށްލައި މޭކަޕްކޮށްލަން އެ ހިދުމަތްދޭ ފަރާތަކަށް ގުޅުމުގެ ތެރޭގައެވެ.
"ވަރަށް ރީތިވާނެ މީނާގެ މޭކަޕް، ފޭޝަލް، ހެއާރ ހުރިހާ ކަމެއްވެސް، މިއީ ހަމަ އެއްވަނައިގެ ބިއުޓީޝަނެއް،" ސުޒޫގެ ތައާރަފް ލިބުނީ އެކުވެރިއެއްގެ ފަރާތުންނެވެ.
ސުޒޫ އާ ބައްދަލުކޮށްލީ، ރީބޮންޑިންގ ހެއަރ، ވޮޝް އެންޑް ޓްރީޓްމަންޓް އަކަށެވެ. އިސްތިގުބާލު ކުރުމުގައި އޭނާގެ ފަރާތުން ފެނުނު ގާތްކަމާއި ރައްޓެހިކަން ހީވީ ޒަމާން ތަކެއްގެ ގާތްކަމެއް އޮތް ދެމީހުން ހެނެވެ، ހިތްހެޔޮ ހިނިތުން ވުމާއެކު ހިދުމަތް ވެށްޓި ގޮތަށް ވަގުތު ނިމިދިޔަ ގޮތް ނުވެސް އެނގެއެވެ. އޭނާގެ އަތުގައި ވަނީ ހަގީގަތުގައިވެސް ޖާދޫއެކެވެ. ބިއުޓީޕާލަރ އެއްގައި ބިއުޓީޝަނެއްގެ ގޮތުގައި އުޅުމުގެ އިތުރުން ފްރީލާންސްކޮށް ހެއަރ ޑްރެސަރ އައި ހެއަރ ސްޓައިލިސްޓެއްގެ އިތުރުން މޭކަޕާއި މެނިކިއޯ އާއި ޕެޑިކިއޯވެސް ހަދަައިދޭ ސުޒޫ އަކީ "އޯލްއިން ވަން" ބިއުޓީޝަނެކޭ ބުނުމަކީ ހަމަ ގައިމުވެސް އޭނާގެ ތައާރަފް އެންމެ އެކަށީގެންވާނެހެން ދެވޭނޭ ގޮތެވެ.
ހޮސްޕިޓަލިޓީ އިން ގްރެޖުއޭޓް ވުމަށްފަހު އެ ދާއިރާއިން ބެޗްލަރ ނިންމާފައި ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމަށް މަސައްކަތުގެ މައިދާނުގައި އެޅި ފުރަތަމަ ފިޔަވަޅާއެކު ސުޒޫ ދިވެހިރާއްޖޭގެ މައިދޮރާށިން އެތެރެއަަށް ވަނީ ބޮޑު އުއްމީދެއް ފުރިހަމަކުުރަމުންނެވެ. އަބަދުވެސް ދިވެހިރާއްޖެ އަންނަން ބޭނުންވާ މިތަނުގައި މަސައްކަތް ކުރާހިތްވާ ސުޒޫގެ ހުވަފެންތައް ސީދާވާނެ މަންޒިލަކަށް އޭނާ ގަބޫލު ކުރާ ތަނަކީވެސް ދިވެހިރާއްޖެއެވެ.

ސުޒޫ އަކީ "އޯލްއިން ވަން" ބިއުޓީޝަނެއް
ރާއްޖެ އައުމަށްފަހު ސުޒޫ އަދާކުރި ވަޒީފާތަކުގެ ތެރޭގައި، ބިއުޓީޝަން އަދި ހެއަރ ޑްރެސަރ ގެ ގޮތުގައި ސުޒޫ ވަނީ ސުއި ސެލޫންގައި ތިން އަހަރު ހޭދަކޮށްފައެވެ. އަދި ކޮކޯޗިކް ސްކިން ކްލިނިކް ގައި ދެއަހަރާއި 6 މަސް ދުވަސް ހޭދަކުރި އިރު، މީގެ ދުވަސްކޮޅެއް ކުރިއާ ހަމައަށް، 2021 އިން 2023 އާ ހަމައަށް ސުޒޫ އުޅެމުން އައީ ލަކްޒަރީ ރިސޯޓް ޕަޓިނާ މޯލްޑިވްސް ގައެެވެ.
އުނގެނުމަކަށް އުމުރެއް ނޯންނާނެތާއެވެ. "ޖަމުނާ ޕައި ސްކިން ކްލިނިކް" އިން ގައިގެ ހަންގަނޑު އޮމާންކޮށް ރީތިކޮށްދިނުމާއި ހަމުގެ މައްސަލަތަކާ ގުޅޭ ދާއިރާ "ސްކިން އެސްތެޓިޝިއަން" އިން ޑިޕްލޮމާ ހާސިލު ކުރުމަކީ ސުޒޫގެ އުއްމީދެކެވެ
ސުއިި ސެލޫންގެ ބިއުޓީޝަަން އަދި ހެއަރޑްރެސަރ ގެ މަސައްކަތުން އޭނާގެ ފުރަތަމަ ވަޒީފާ ފެށިއިރު ކުރިމަގާމެދު އޭނާގެ ހުވަފެންތައް ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އުއްމީދުތައް ވަރުގަދަ ވަމުންނެވެ. އަޒުމު ހަރުދަނާވަމުންނެވެ.

ސުޒޫ ރިސޯޓުދިރިއުޅުމުން ދުވަހެއް
"ސުއި އަކީ އެންމެ ބެސްޓް ބޮސް، މިހާތަނަށް ބައްދަލުވި އެންމެ އެންމެ ރަނގަޅު އިންސާނާ،" ސުއި އާ ބެހޭ ގޮތުން ސުޒޫ ބުންޏެވެ. ސުޒޫ ކިޔައިދިން ގޮތުގައި ސުއި ސެލޫންގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ އުފާވެރި އެއް ހަދިޔާއެވެ، އަދި އެންމެ ފުރިހަމަ އެންމެ އުފާވެރި ތަޖުރިބާވެސްމެއެވެ.
"އައި ހޭޑް އޭން އެމޭޒިން އެކްސްޕީރިއަންސް އިން ސުއި ސެލޫން، ސުއި، ޝީޒް ދަ ބެސްޓް ބޮސް ސޯ ފަރ އައި ހޭވް އެވަރ މެޓް،" ސުޒޫ ބުންޏެވެ،
ސުޒޫ ކިޔައިދިން ގޮތުގައި އޭނާއަށް ބިއުޓީ އިންޑަސްޓްރީގައި ފިޔަވަޅުތައް ކުރިއަށް ނަގަން ދަސްކޮށްދިން ފުރަތަމަ އުސްތާޒަކީ ސުއި އެވެ. ބިއުޓީ އިންޑަސްޓްރީގެ މި ނަލަނަލަ ދަތުރުގައި ކުރިއަށް ދިއުމަށް މަގުފަހިކޮށް މި ދުނިޔެއަށް ތައާރަފްކޮށްދީ، އުއްމީދީ ރާސްތާއަށް މަގުހުޅުވާލަދިނީ ސުއި އެވެ. ބައިނަލްއަގުވާމީ ސެލޫން އަކަށް ސުއިސެލޫން ވީ ސަބަބެއް ނެތިނޫނެވެ. ސުޒޫގެ ނަޒަރުގައި ސުއިއަކީ ގާބިލު އަންހެނެކެވެ. މިއަދުވެސް ސުޒޫ ސުއިއަށް އޭނާގެ ހިތުގެ އަޑިން ޝުކުރުއަދާކުރެއެވެ. އަބަދުވެސް ސުއިއަށް ގަދަރާއެކު ލޯބި އޭނާގެ ހިތުގައި އެންމެ މަތީ ދަރަޖައަށް އޮންނާނެކަމަށްވެސް ސުޒޫ ވަނީ ބުނެފައެވެ.
ބިއުޓީޝަނަކަށް ވާން ބޭނުންވީ ކީއްވެ؟ ސުޒޫ: "ރީތި"ކަމަށްޓަކައި، "ފޯރ ބިއުޓީ"
ހުވަދޫ ނޫހަށް ސުޒޫ އޭނާގެ ވާހަކަ ކިޔައިދެމުން ބުނި ގޮތުގައި އޭނާ ބިއުޓީޝަނަކަށް ވާން ބޭނުންވީ "ރީތި"ކަމަށްޓަކައެވެ. ރީތި އެހެންމީހުން މާނަކުރާގޮތެއް ސުޒޫއަކަށް ނޭނގެއެވެ. އެކަމަކު ސުޒޫގެ ރަދީފުގައި ރީތި މިއީ ޔަގީންކަމެކެވެ. އިތުބާރާއި ގަދަރު އެކުލެވޭ ހިތްހަމަޖެހުމާއި އުފާވެރިކަަމެވެ. ސުޒޫ ބުނީ އޭނާ ބިއުޓީޝަނަކަށް ވާން ބޭނުންވި ސަބަބަކީ "އެންމެންވެސް ބޭނުންވާނެ އެމީހެއްގެ އެންމެ ފުރިހަމަ ނަލަކަން ފެންނަން ކަމަށް ވުމުން އެކަން ކޮށްދޭ ހިތް ވާތީ" ކަމަށެވެ.
"މި ދުނިޔޭގައި މައިގަނޑު ގޮތެއްގައި އަންހެން ވެސް ފިރިހެންވެސް އެންމެންވެސް ބޭނުންވާނެ އެމީހެއްގެ އެންމެ ފުރިހަމަ ސިފަ އެންމެ ނަލަކޮށް ފެންނަން، ހަގީގީ ރީތިކަމަކީ އެތެރެހަށީގެ، ހިތުގެ ރީތިކަން، މޭކަޕުން ކޮންމެ ސިފައެއް ގެނަޔަސް، މޫނުގެ އުޖާލާ އެމީހާގެ ހިނިތުންވުމާއި ހިތުގެ ހެޔޮކަން މޫނުމަތިން ފެނުނީމަ އަސްލު ރީތި އެ ފެންނަނީ،" ސުޒޫ ކިޔައިދިނެވެ.

ބިއުޓީޝަނަކަށް ވާން ބޭނުންވީ "ރީތި"ކަމަށްޓަކައެވެ.
"މިކަން އަހަންނަށް އެނގުނީ އަހަރެންގެ އުމުރުން ވަރަށް ހަގު އިރު، އަހަރެން އަމިއްލައަށް ބޯ އޮމާންކޮށް ރީތިވާނީ، ދެން ލޯގަނޑު ކުރިމަތީ ހުރެ ވަރަށް އަރިއަރިއަށް ޖެހި ރީތިވެ، ފަރިބަލާ ހަދަން، އެހިސާބުން އެ އޮތީ އަހަރެންގެ މި ދަތުރު އަސްލު ފެށިފައި،"
ސުޒޫގެ ފުރަތަމަ ކްލައިންޓުންނަކީ އޭނާގެ އާއިލާގެ ކުދިންނެވެ. އަވަށްޓެރިންނެވެ. ކުދިންގެ އުފަންދުވަހަށް ރީތިކޮށްދިނުމާއި ޕާޓީތަކަށް ހަފުލާތަކަށް އާންޓީމެން ރީތިކޮށްދީ ތައްޔާރުކޮށްދެއެވެ. އެހެން ގޮސް ކުދިކުދި އެ މަސައްކަތްތައް ބޮޑެތި ކައިވެނި ހަފުލާތަކާ ހަމައަށް އުފުލިގެންދިޔައެވެ. ކައިވެނީގެ އަރޫޝާއާއި އަރޫޝް ރީތިކޮށްދީ ޕާޓީގެ އެހެނިހެން މީހުންގެ މޭކަޕްވެސް ކޮށްދޭން ފެށިއެވެ.
އެހެންނަމަވެސް ސުޒޫގެ ހިތް އޮތީ ދިވެހިރާއްޖެއާ ދިމާއަށް އެނބުރިފައެވެ. ދީލާލާފައި އޮތީ އަވަށްޓެރި މިގައުމަށެވެ. އަދި ދެން މިގައުމަށް އައުމަށް ސުޒޫ މަސައްކަތް ފަށައި ކާމިޔާބުވެސް ކުރީއެވެ.
ދިވެހިރާއްޖެއަށް އައިސް މިތަނުގައި މިހާ ދުވަސްވީއިރު ދިވެހިބަހުން ވާހަކަަ ދައްކަންވެސް ސުޒޫ ވަނީ ވަރަށް ފަރިތަވެފައެވެ.
އުއްމީދުތައް ހަގީގަތަކަށް، ހުވަފެންތަައް ސީދާވުމަށް މަގެއް…
ރާއްޖޭގައި އުޅޭތާ މިހާ ދުވަސް ވެފައި ވާއިރު، އަމިއްލަ ގައުމާ ދުރުގައި އުޅޭ ކަމުގެ އިހުސާސް ނުވާ ވަރަށް މިތަނުން ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ލިބޭ ކަމަށް ސުޒޫގެ ވާހަކައިން ހާމަވިއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ނަސީބު ހަމަ ވަރަށް ރަނގަޅުކަމަށް ސުޒޫ ވަނީ ބުނެފައެެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަންނަކީ ވަރަށް ވެސް ނަސީބު ރަނގަޅު މީހެއް، ދިވެހި ރާއްޖެއަކީ އަހަންނަށްޓަކައި ހަމަ ރަހުމަތެއް ފަދަ، މިތަނުގައި އަހަރެން އެކި ދާއިރާތަކުގައިި މަސައްކަތް ކޮށްފިން، މިތަނުގެ މީހުންނަކީ ވަރަށް ހެޔޮލަފާ އެކުވެރި ބައެެއް، އާއިލާ މަތިން ކިތަންމެހާވެސް ހަނދާންވޭ، އެކަމަކު އާއިލާ ނެތްކަމުގެ އިހުސާސެއް ނުކުރެވޭ، ގާތްމީހަކު ނެތި އެކަނި އުޅޭހެނެއް އެއްވެސް ވަރަކަށް ހިއެއް ނުވޭ، މިތާނގެ މީހުން ހަމަ އަމިއްލަ މީހުންފަދަ. މިއަދު އަލަށް ބައްދަލުވާ މީހާވެސް ހީވާނީ ވަރަށް ދެކެފަރިތަ ގާތް މީހެއް ހެން، މިއީ ހަމަ ވަރަށް ލޯބި މީހުން އުޅޭތަނެއް،"

ހުވަދޫ ނޫހުން ސުޒޫގެ އިންޓަރވިއުއަކަށް އެދި ހުށަހެޅުނީ އޭނާއަށް ވަރަށް ބުރަ ދުވަސްކޮޅެއްގައެވެ. އޭނާގެ ޒަމާންވީ ހުވަފެން ސީދާ ކުރެވޭތޯ ހިންމަތާއެކު މަސައްކަތް ކުރަމުން ގޮސް އެކަމަށް ކޮންމެވެސް ކަހަލަ މަގެއް ފަހިވާން އުޅުނު ދަނޑިވަޅެކެވެ. އަބަދުވެސް އަމިއްލަ ސެލޫންއެއްގެ އުއްމީދު ކުރި ކަމުގައި ވިޔަސް ރާއްޖޭގައި ދިވެއްސަކަށް ނޫން މީހަކަށް ވިޔަފާރިފަދަ ކަމެއް ރަޖިސްޓަރީ ކުރުމަކީ އެއްވެސް ހާލެއްގައި އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ތަނުގެ ގާނޫނާއި ގަވާއިދު އޮންނަ ގޮތުން، ބިދޭސީމީހަކަށް ރާއްޖޭގައި ވިޔަފާރިއެއްގެ ހިއްސާދާރަކަށް ވެވިދާނެއެވެ. އެހެނަސް އެކަމުގައިވެސް ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައެޅިފައި އޮވެއެވެ.
ސުޒޫގެ ތަޖުރިބާއާއި އޭނާގެ އަތުގެ ޖާދޫ އަދި އޭނާގެ މަސައްކަތްތެރިކަމާއި ފަރުވާތެރިކަން ދަންނަ ފަރާތަކުން އޭނާއަށް ރަނުގެ ފުރުސަތެއް ލިބުނީއެވެ.
ސުއި ސެލޫނަށްފަހު ރިސޯޓެއްގައިވެސް ވަޒީފާ އަދާކުރުމަށް ދުވަސްކޮޅަކު އުޅުމަށްފަހު އަނެއްކާވެސް ސެލޫނެއްގައި މަސައްކަތް ކުރާނެ ފުރުސަތު ސުޒޫއަށް ލިބުނެވެ. އަދި ދެން އޭނާއަށް މުޅި އުމުރުގައިވެސް ލިބުނު އެންމެ އުފާވެރި ހަބަރު އެއް ރެއަކު ލިބުނީއެވެ. އޭނާއަށް ރަނގަޅު ސެލޫނެއްގައި އިސްވެ މަސައްކަތް ކުރާނެ ފުރުސަތު ލިބުމަކީ އަމިއްލަ ތަނެއްގައި އުޅުންފަދައެވެ.
ކޮންމެއަކަސް އެ ފުރުސަތުގެ ބޭނުން ސުޒޫ ހިފިއެވެ. މިއަދު ސުޒޫ އަކީ އޭނާ ވަޒީފާ އަދާ ކުރާ ސެލޫންގެ އެންމެ އިސް ބިއުޓީޝަނެވެ. އިސް ހެއަރޑްރެސަރއެވެ.
އޭނާއާއެކުގައި އެހެން ބިއުޓީޝަނެެއް އެސިސްޓެންޓެއްގެ ގޮތުގައި އުޅެއެވެ. މި ސެލޫންގެ ވެރިފަރާތުން ސުޒޫއަށް ކުރާ އިތުބާރާއި ދޭ ޔަގީންކަމަކީ އޭނާގެ މަސައްކަތާއި ހިތްވަރުން އޭނާއަށް ހައްގުވާތީ ލިބިފައިވާ ކަންތައްތަކެއް ކަމަށް އެފަރާތުން ހާމަކުރެއެވެ.

އެހެންނަމަވެސް އަދިވެސް ސުޒޫގެ އަމިއްލަ ސެލޫންއެއްގެ އުއްމީދު އޮތީ ހަމަ އެގޮތުގައެވެ. އުއްމީދެއްގެ ގޮތުގައި ސީދާނުވެ އޮތް ނަލަ ހުވަފެނެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެކަމާ އޭނާ މާޔޫސްވެ ދެރައެއްނުވެއެވެ، އެއަށްވުރެ އެއީ އުފާވެރި އަދި ހިތްހަމަޖެހޭ އުއްމީދެކެވެ.
ދިރިއުޅުމާމެދު ދެކޭ ގޮތް
ސުޒޫ ބުނި ގޮތުގައި ކޮންމެ މީހެއްގެ ވެސް އަމިއްލަ ވާހަކައެއް އޮންނާނެއެވެ. ހަޔާތަކީ އެކިއުމުރުގައި އެކިި ގޮތްގޮތަށް ކުރިއަށްދާ ހޯދުންތަކަކާއި ތަޖުރިބާތަކެކެވެ. "ލައިފް އިޒް އެކްސްޕީރިއެންސް ބައި އެކްސްޕެރިމެންޓިންގ ވިތު އިޓް" މިއީ ސުޒޫ ބުނި ވަރަށް ބޮޑު ތެދެކެވެ.

ސުޒޫގެ ފަރާތުން މަޝްހޫރު އަދި ކާމިޔާބު ފަންނާނުންވެސް ހިދުމަތް ހޯދާ(ފާޒިލްގެ ހެއަރޑްރެސް ކުރުމުގެ ތެރެއިން.)

"އަހަރެމެން އުމުރާއެކު ހޮބީތަކާއި ކުރާ ހިތްވާ ކަންތަކާއި ހިޔާލާއި އުޅުމާއި ވިސްނުމާއި ކަމުދާ ތަކެއްޗާއި ގަޔާވުންތަކާއި ރުހުންތަކާއި ބޭނުންތަކާއި އެދުންތަކަށް ދާނދެން ދާނީ ބަދަލުވަމުން، އަހަރެންގެ ޓީން، ފުރާވަރުގައި މަ ވަރަށް ކުރާ ހިތްވާ ކަމެއް ނެށުމާއި ޕާޓީތަކަށް ރައްޓެހިްނާއެކު ދިއުން، ދުއްވާލަން ދިއުން، ތަންތަނަށް ދަތުރުކޮށް މަޖާކުރުން، އެހެންނަމަވެސް މިއަދު އުމުރާއެކު އޭގެ ގިނަކަންކަން މިވަނީ ބަދަލުވެފައި، މިއަދު އަހަރެން ބޭނުންވަނީ ކާމިޔާބު މީހަކަށް ވާން، ޓިކްޓޮކް، އިންސްޓާގްރާމް، ޔޫޓިއުބް އަދި އެފްބީ ފަދަ ސޯޝަލްމީޑިޔާ މަންސަތަކުން އަހަރެން އެނގި ދެނެގަތުމަށްވުރެ އަހަރެން ބޭނުންވަނީ މީހުން މަގޭ މަސައްކަތުގެ ސަަބަބުން އަހަރެން އެނގުން،"
ސުޒޫ ގެ މި އުއްމީދު ވަނީ ފުރިހަމަވެފައިކަން ގައިމެވެ. ހުވަދޫނޫހުން ސުޒޫއާ އިންޓަވިއު ކުރަން ބޭނުންވީ ހަގީގަތުގައިވެސް އޭނާގެ ހުނަރުވެރި އަވަސް އަދި ނުހަނު އޮމާން މަސައްކަތް ފެނިފައެވެ.
ސުޒޫގެ އެންމެ … ފޭވަރިޓްސް
- އެންމެ ކަމުދާ އެންމެ މީރު ކެއުމަކީ ގްރީން ވެޖިޓަބްލްސް (ފެހި ތަރުކާރީ)
"ސިއްހަތަށް ފައިދާ ހުންނަ ކާތަކެތި ކެއުމަށް ލޯބިކުރަން، މިސާލަކަށް ސެލެޑް ކަހަލަ، ސޫޕް، ޑަމްްޕްލިންގްސް. - އެންމެ ކަމުދާ މީރު ބުއިމަކީ ސްމޫތީސް
- ކުރާހިތްވާ ކަންކަން، މިބުނީ ހޮބީސް، ކުރިންވެސް ބުނި ގޮތަށް އުުމުރާއެކު ކުރާހިތްވާ ކަންކަން ދާނީ ބަދަލުވަމުންނެވެ. އޭރު ވަރަށް ތަފާތު. ވިސްނުމެއް ފިކުރެއް ޕްލޭނެއް ނެތި ސަކަރާތާއި މަޖަލުގައި އުޅުނީ،
އެކަމަކު މިހާރު ހާސްބައިތަފާތު، މިހާރު އެންމެ ކުރާހިތްވާ ކަންތައްތަކުގެ ތެރޭގައި
- ތާރީހީ ފޮތްތައް ކިޔުން،
- އޯޑިއޯބުކްސް އަޑުއެހުން
- މިޔުޒިކް އަޑުއެހުން
- ޖިމަށް ދިއުން
- ދުވުމާއި ފިލްމު ބެލުން
މިހާތަނަށް އައިއެންމެ އުފާވެރި ހިނދުކޮޅު،
އަމިއްލަ ހިއްސާއެއް އޮންނާނެހެން ސެލޫނެއް މިތަނުގައި ހިންގިދާނެ ކަމުގެ އުފާވެރި ހަބަރު ލިބުނު ވަގުތަކީ މިހާތަނަށް ހަޔާތަށް އައި އެންމެ އުފާވެެރި ހިނދުކޮޅެވެ. "އިޓްސް ލައިކް، ވެން އޯލްޑް ޑްރީމްސް ކަމް ޓްރޫ،!" ޒަމާންވީ ދުވަސްވީ ހުވަފެންތައް ސީދާ ވުން އެއަށްވުރެ ވަކި އުފާވެރިކަމެއް އޮންނާނެހެއްޔެވެ.

ސުޒޫ ހުވަދޫނޫހަށް އިންޓަވިއު ދިނުމުގެ ތެރޭ ޝައްފަގެ ކުރި ސުވާލަކަށް ޖަވާބުދިނުމުގެ ތެރޭ….ފޮޓޯ: ޝައްފަ
ސުޒޫގެ އުއްމީދުތައް ގުޅިފައިވަނީ އޭނާގެ ބިއުޓީސެލޫންއާއެވެ. އޭނާ ބޭނުންވަނީ އޭނާގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވާ ކަމަކީވެސް އެއީއެވެ.
އަދި އެއްދުވަހަކުން ހަގީގަތުގައި ވެސް ފަށަން ބޭނުން ކަމެއް އެބައޮތް ކަމަށާއި އެއީ މިދާއިރާއިން އުނގެނެން ބޭނުންވާ ފަރާތްތަކަށް އުނދަންނައިދިނުމެވެ. އެފަދަ ފަރާތްތަކަށް ހާއްސަކޮށް ހެޔޮއަގުތަކުގައި ވޯކްޝޮޕްތައް ބޭއްވުމަކީ ސުޒޫގެ މުސްތަގުބަލުގެ ޕްލޭންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަދި ވެސް ވަރަށް ހާއްސަ އެހާމެ ތަފާތު ވާހަކައެއް ސުޒޫ ބުންޏެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާ ސުކޫލެއް ކަހަލަ ތަނެއް، ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ތެރޭގައި ހެއަރޑްރެސިންގ، ސްކިންކެއާރ، ބިއުޓީ ކެއަރ. ޕެޑިކިއޯ، މެނިކިއޯ، ފޭޝަލް، މޭކަޕް، މިހެންގޮސް އެެއްވެސް މިފަދަ ކަމަކަށް ޝައުގުހުރެ ކުރިއަށް އެކަން ދަަސްކޮށް، އެކަން ކުރާހިތްވާ ކުއްޖަކު އުޅޭނަމަ ސުޒޫ ބޭނުންވަނީ އޭނާއަށް އެތަނަކުން އަވަހަށް ގުޅުމަށެވެ.
ސަބަބަކީ ސުޒޫ ބޭނުން ވަނީ އެފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށެވެ. "އަހަރެންގެ ހިިތް އެކުދިންނާއެކު. އެފަދަ ކުދިންނަށް އެހީވުމަށް މުސްތަގުބަލުގައި އަހަރެން މަސައްކަތުން 10 އިން ސައްތަ ޑިސްކައުންޓުވެސް އެފަދަ ކުދިންނަށް ދޭނަން،" މިއީ ސުޒޫގެ އެހެން ސިފައެކެވެ. ނުފެންނަ އެހެންނަމަވެސް ނުހަނު ލޮބުވެތި ސިފައެކެވެ.

ޝުކުރު އަދާކުރަން ބޭނުންވަނީ …
"ފުރަތަމަވެސް މި ފުރުސަތު ދެއްވީތީ ފަށްފަށުން ފަށްފަށުން ހުވަދޫނޫހުގެ ޓީމަށް، ހާއްސަކޮށް ޝައްފައަށް ޝުކުރު އަދާކުރަން، ދެން ހެއްދެވި ފަރާތަށް، ސަބަބަކީ އެފަރާތުގެ އެހީއާ ނުލައި އެއްވެސް ކަމެއް ނުވާނެތީ، ދެން އަހަރެންގެ ކަޒިން އަށް، ވަަރަށް ލޯބި ކުއްޖެއް. މަންމައާއި ބައްޕަ، އާއިލާގެ އެންމެން، އަހަރެންގެ ހުރިހާ ބޮސް އިން، ދެން ހާއްސަކޮށް މިހާރުގެ ބޮސް، އަހަންނަށް މިހާބޮޑު އިތުބާރެއް ކޮށް މިހާ ޔަގީީންކަން ދީ މިވަރުގެ ކަމެއް ހަވާލުކޮށްފައި އޮތުމުން ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،"
އޭނާއަށް ސަޕޯޓް ކުރާ އޭނާދެކެ ލޯބިވާ ހުރިހާ ފަރާތްކަށް ފަށްފަށުން ހިތުގެ އަޑިން ސުޒޫ ޝުކުރު އަދާކުރިއެވެ.
"އަބަދުވެސް ތިގޮތަށް ލޯބިވެ ސަޕޯޓް ކުރުން އެދެނީ، އެއްވެސް ފަރާތެއް މާޔޫސްވިޔަ ނުދޭނަން، އިރާދަކުރެއްވިއްޔާ… ތި ހުރިހާ އެންމެންގެ އިހުލާސްތެރި ސުޒޫ،"
ހަމައެންމެ ކޯލެއް ކޮށްލާށެވެ. އިސްތަށިގަނޑަށް ވިޔަސް މޫނަށް ކަމުގައި ވިޔަސް، އެދޭފަދަ ހިތްރުހޭފަދަ ޗާލުނަލަކަމެއް "ރީތިކަމެއް" ގެނެސްދިނުމަށް ސުޒޫ ހާޒިރުވާނެއެވެ.
އަޅުގަނޑުމެންވެސް އެދެނީ ސުޒޫގެ އުއްމީދުތަކާއި ހުވަފެންތައް ސީދާވެ އޭނާ އެދޭފަދައިން އެ އުއްމީދުތަކާއި ހުވަފެންތައް އެންމެ އުހުގައި ކާމިޔާބުކަމާއެކު ފިޔަޖެހުމެވެ. ހުވަދޫމީޑިޔާގެ ޓީމުން އެދެނީ ސުޒޫއަށް ފާގަތި އަބަދުވެސް ފަހި މާދަމާއެއް ލިބުމެވެ. އަބަދުވެސް އެ ހިނިތުންވުން ފަނޑުނުވެ ހުރުމެވެ. ޝުކުރިއްޔާ!

