ވެލިދޫގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއީ ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. އެމްޑީޕީ ސަރުކާރުން ވަނީ ވެލިދޫގައި އެ ހޮސްޕިޓަލް އަޅާނެ ސަރަހައްދު ވެސް ކަނޑައަޅާފައި ވެއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހޮސްޕިޓަލް އެޅުމަށް ހިނގާނެ ހަރަދު ހިމަނާފައި ނުވާ ކަމަށާއި، އަދި ކުވެއިތު ފަންޑުން ދިން ފައިސާ ވެސް އެ ފަންޑުގެ ތެރެއިން އަނބުރާ ނަގާފައިވާކަމަށެވެ.
މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުވެއިތު ފަނޑުގެ އެހީ އަލުން ހޯދުމަށްކަން ފާހަގަ ކުރައްވަމުން ހަލީލް ވިދާޅުވީ އެ އެހީ ނުލިބިއްޖެ ނަމަ އެހެން ގޮތަކުން ވެސް ފަންޑިން ހޯދުމަށް ސަރުކާރުން އެ މަސައްކަތް ކުރާނެ ކަމަށެވެ.

