އެއަރ އެމްބިއުލާންސްގެ ސީޕްލޭންގެ ހިދުމަތް ފަށާފައިވާއިރު، އެ ސީޕްލޭންގައި ފުރަތަމަ ފަހަރަށް މިއަދު ބަލި މީހަކު މާލެ ގެނެސްފިއެވެ.
ރާއްޖޭގައި އެއަރ އެންބިއުލާންސްގެ ހިދުމަތް ދެނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ. ކުންފުން ދެމުންދާ އެއާ އެންބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ސީ ޕްލޭން އެއާ އެންބިއުލެންސްގެ ހިދުމަތް ފެށީ މާރިޗް 15 ވަނަ ދުވަހެެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، އެއަރ އެމްބިއުލާންސް ސީ-ޕްލޭންގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މިއަދު އުފުލާފައިވާ ކަމަށެވެ. އެ މީހާ މާލެ ގެނެސްފައި ވަނީ ދ. ކުޑަހުވަދޫ އިންނެވެ. އެއާ އެންބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދެނީ ސިއްހީ ވުޒާރާއާއި އާސަންދާއާއި އެންސްސްޕާއާއި ދަތުރުފަތުރާއި މަދަނީ ހިދުމަތްތަކާއި ގުޅިގެންނެވެ.
ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތައް ސީދާ ދަތުރުކުރެވޭނެެއެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ހުންނާނެއެވެ.
ސީ ޕްލޭން އެއަރ އެންބިއުލާންސް ހިމެނޭހެން ދެ އެއަރ އެމްބިއުލާންސަކުން ރާއްޖޭގައި މި ހިދުމަތް ދެމުންދާނެއެވެ. އެއަރ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

