14 އަހަރު ފަހުން ފުލުހުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސް މުސާރަ ބޮޑު ކޮށްފިއެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރެވެ. މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިން ދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ވިދާޅުވެފައެވެ.
"ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުންވަނީ ބޮޑުކޮށްދެއްވާފަ. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް." ޝިފާން ވިދާޅުވިއެވެ.
ފުލުހުންނަށް މީގެ ކުރިން ދެމުންއައި ގިނަ އެލަވަންސްތަކެއް އުނިކުރުމާ އެކު، އެލަވަންސް ދޭ ގޮތުގެ އޮނިގަނޑު ބަދަލުކޮށް، "ފުލުހުންގެ ވަޒީފާގެ ގަވާއިދު" ވެސް ވަނީ އިސްލާހުކޮށްފައެވެ.
މީގެ ކުރިން ފުލުުހުންނަށް އަށް ބާވަތެއްގެ އެލަވަންސް ދެ އެވެ. އެއީ ސާވިސް އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް، ޔުނީފޯމް އެލަަވަންސް، ލިވިން އެލަވަންސް، ފެރީ އެލަަވަންސް، ޕްރޮފެޝަނަލް އެލަވަންސް، ޓެކްނިކަލް އެލަވަންސް އެވެ.
މި އިސްލާހަށް ގެނައި ބަދަލުގައި މިހާރު އާންމުކޮށްފައިވާ އިސްލާހުގައި ވަނީ އެ އެލަވަންސްތައް، ތިން ބާވަތެއްގެ އެލަވަންސްއަށް މަދުކޮށްފަ އެވެ. އެއީ މަގާމުގެ އެލަވަންސް ޕޮލިސް އެލަވަންސްގެ އިތުރުން ހަތަރު ފަންތިއަަކަށް ބަހާލާފައިވާ އެލަވެންސެވެ. އަދި ޕޮލިސް ސާވިސް އެލަވަންސެވެ.

