ކެމްޕެއިން ބެނާ ހަރުކުރުމުގައި އާންމުނަށް ދަތިވާ ގޮތަށް ހަރުކުރަމުންދާ ކަމަށްބުނެ އާންމުން ކަންބޮޑުވުމަށް ހައްލު ހޯދުމަށް ބެނާ ހަރުކުރެވޭނެ ވަކި ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގައި މިގޮތަށް ކެމްޕެއިން ބެނާތައް ހަރުކުރުމުގެ ސަބަބުން އާންމު ހިދުމަތް ފޯރު ކޮށްދެމުންއަންނަ ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.
މި ކަމާއި ގުޅޭގޮތުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި އެކި ސަރަހައްދުތަކުގައި ހަރުކުރަމުންދާ ބެނާތައް އަދި ކެންވަސްފަދަ ތަކެތި ހަރުކުރަމުންދާއިރު، އެ ސަރަހައްދު ތަކުގައި އާންމު ހިދުމަތްތަކަށް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންކަމުން ސާވިސް ޕްރޮވައިޑާއިން އަޅާފައިވާ ނެޓްވޯކް ތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިއުމަކީ އެކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ބުނެފައި ވެެއެވެ. އަދި ޕޯސްޓާރ ތަކާއި، ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލާއި، ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ އުނދަގޫތަކާއި، ކުރިމަތިލާންޖެހިދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މިކަން ހައްލުކުރުމައްޓަކާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތަކަށް މި ކަމަށް ސަމާލުވުމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން ކޯޕަރޭޝަނުގެ ހުއްދަ ހޯދުމަށް ވެސް ބަޔާނާއި އެކު ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނެފައިވަނީ ކެމްޕެއިން ބެނާ ހަރުކުރުމުގައި ލަފާ ހޯދުމަށް އެކޯޕަރޭޝަނަށް ގުޅުއްވުމަށެވެ. އެހެންކަމުން ދެން މީގެ ފަހުން ކެމްޕެއިންް ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރެވޭނީ އެޗްޑީސީ އަށް އެންގުމަށްފަހު ކަނޑައެޅިފައިވާ ޗާޓް ތެރޭގައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

