ސަރުކާާރުގެ ރަސްމީ ކުލަތަކަކީ ވެސް އެއީ އެވެ. އެ ކުލަތަކުން ވިހުރުވޭ އައުދާނަ ދިދައެއް މި ޤައުމުގައި އުފުލެއެވެ. އެއީ ފެއްސާއި ރަތާއި ހުދުގެ ދިދައެވެ. މިއިން ކޮންމެ ކުލައަލުން ކިޔައިދެނީ މި ޤައުމުގެ ސިފަތަކެވެ. މި ޤައުމުގެ މިނިވަން ކަމަށްޓަކައި ކާބަފައިން ވެފައިވާ ޤުރުބާނީއެވެ. މި ދައުލަތުގެ އަމާންކަމާއި މިނިވަން ކަމެވެ. އަދި މި ދައުލަތުގައި ޤާއިމްވެފައިވާ އިސްލާމްދީނުގެ ދަންމަރުގެ ނިޝާނެވެ.
މި ދައުލަތުގެ ސަރުކާރުގެ އޮފީސްތަކުންނާއި، މި ދައުލަތުގެ ވިޔަފާރި ހިންގާ ކުންފުނިތަކުގެ އަމިއްލަ ކުލަތައް ބޭނުން ކުރުމާއި އިސްލާމް ދީނުގެ ހަމަތަކުން ބޭރުނުވާނޭ ގޮތުގެ މަތިން ކުންފުނިތަކުގެ ނިޝާންތައް ހަދައި ފާސްކޮށް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ދިވެހިރާއްޖޭގައި ޕާޓީ ނިޒާމުގެ ވެރިކަން ކުރަން ފެށިފަހުން ދައުލަތުގެ މުދަލާއި، އިމާރާތްތަކާއި، ލިޔެކިއުންތަކާއި، އުފެއްދުންތަކުގެ ތެރެއަށް ޕާޓީ ތަކުގެ ކުލަތައް ވައްދަމުންދާ ކަން ފާހަގަ ކުރެވެއެވެ. އަދި ދައުލަތުގެ ވެރިންނާއި، ރައްޔިތުންނަށް ޚިދުމަތްދިނުމަށް ޤާނޫނުން މަތިކޮށްފައިތިބޭ އެކިވަރުގެ ވެރިން ވެސް ރަސްމީ މަސައްކަތުގައި ތިބޭއިރު ޕާޓީ ކުލައިގެ ޓައިއެޅުމާއި، ޕާޓީ ސްކާފް ނުވަތަ ބުރުގާ އެޅުން ވެސް ޢާއްމު ވެއްޖެއެވެ.
ޕާޓީ ކުލައިގެ ޓައިއާއި ސްކާފުން ބުނެދެނީ އޭނާއަކީ ވަކި ބައެއްގެ މީހެއްކަމެވެ. ނަމަވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްދޭންޖެހޭ މަޤާމު ތަކުގައި މިގޮތަށް ހެދުން އެޅުމަކީ އެފަދަ މީހުންގެ ޕާޓީގެ ރައްޔިތުން ނޫން އެހެން ރައްޔިތުން ކުރިމަތިލައި ބައްދަލު ކުރުމަށް ހިތް ރުހޭ ކަމެއް ނޫނެވެ. އެއީ އޭނާ އަކީ ވަކި ބައެއްގެ މީހެއްކަން ދައްކައިގެން ވަކިވެގެން ހުންނާތީއެވެ.
އަޅުގަނޑުގެ ވިސްނުމަކީ ސަރުކާރުގެ އޮފީހުގެ ރަސްމީ ގަޑީގައިއާއި، ރައްޔިތުންގެ މަޖިލީހުގައިއާއި، ރަސްމީ ޖަލްސާތަކާއި، ރަސްމީ އެއްވެސް އިޙްތިފާލެއްގައި ޕާޓީގެ ނުވަތަ ސިޔާސީ ބައިބައި ވުމުގެ އަސަރު ނުދެއްކުމެވެ. މިދެންނެވިފަދަ އެއްވެސް ޙާލަތެއްގައި ވަކި ޕާޓީއަކަށް ނުވަތަ ސިޔާސީ ބައިބައި ވުމުގެ ކުލައާއި ނިޝާނާއި ރަމްޒު ބޭނުން ކޮށްގެން ނުވާނެއެވެ. ޤައުމީ ކަންކަމުގައި، ސަރުކާރުގެ ރަސްމީ ކަންކަމުގައި އެންމެން ވެސް އަބަދުވެސް ތިބެންޖެހޭނީ ޤައުމީ ވިސްނުމުގައެވެ. އެންމެން އެކުވެރިވެ ޤައުމީ ރޫޙުގަައެވެ. ޤައުމީ ލޯތްބާއެކީގައެވެ.
ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީ އަކުން ބާއްވާ ބައްދަލު ވުމެއްގައި ޕާޓީގެ ކުލައިން ހެދުން އެޅުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނުވަތަ ޓައިއާއި ސްކާފާއި ބުރުގާ އެޅިޔަސް އެންމެ ރަނގަޅެވެ. އެކަމަކު ޕާޓީގެ ކަމެއްގައި ކަމުގައި ވިޔަސް ދިވެހި ދިދައާއި ދިވެހި ދައުލަތަށްވުރެން ޕާޓީ ބޮޑު ނުވާނޭ ކަމާއި، ޕާޓީ މަތިވެރި ނުވާނޭކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ.
ކޮންމެ ސަރުކާރެއް އޮތަސް މި ދައުލަތް ހިނގާނެއެވެ. މި ދައުލަތަކީ ވަކި ބައެއްގެ ދައުލަތެއް ނޫނެވެ. އެހެންވީމާ ދައުލަތުގެ މުދަލަކީ ނުވަތަ ތަންތަނަކީ ނުވަތަ ތަކެއްޗަކީ ވަކި ބައެއްގެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ މުދަލެއްކަން ދޭހަވާ ގޮތަށް ފާހަގަ ޖަހައި، ދަވާދުލައި، ކުލަލައި ހެދުމަކީ މުޅި ރައްޔިތަށް ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ޤައުމީ ފެންވަރުގައި ބޭނުންކުރެވޭ ނިޝާންތަކުގެ ތެރެއަށް ވެސް ޕާޓީގެ ކުލަ ވައްދައި އެއީ އެ ޕާޓީގެ މިލްކެއް ކަމުގައި ދެއްކުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
ރާއްޖޭޭގެ ވަކިބަޔަކަށް މިއީ ތިމަންނާމެންގެ ތަނެކޭ ތިމަންނާމެންގެ އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެއެވެ. އޮވެގެން ނުވެސް ވާނެއެވެ. ދިވެހި ދައުލަތުގެ ތަންތަނާއި މުދަލާއި ތަކެއްޗަކީ އެންމެހައި ދިވެހިންގެ މިލްކެވެ. އެހެންވީމާ އެއީ ވަކި ބައެއްގެ އެއްޗެއް ނުވަތަ ތަނެއްކަން ދޭހަވާ ގޮތަށް ނުވަތަ ހީވާ ގޮތަށް ކުލައާއި ދަވާދުލައި ނިޝާން ކުރަހައި ހެދުމުގެ ފުރުޞަތު އޮވެގެން ނުވާނެއެވެ.
ވީމާ، ދިވެހި ދައުލަތުގެ ޢިމާރާތްތަކާއި، ތަންތަނާއި، ތަކެތީގައި ކުލައާއި ދަވާދުލާނޭ ކުލަކޯޑުތަކާއި، ދައުލަތުގެ އެކިއެކި ކަންކަމަށް ނިޝާންތައް ކުރަހައި ފާސް ކުރާއިރު އެ ނިޝާނެއް ކުރަހާ އޮފީހެއް ނުވަތަ ކުންފުނީގެ ކުލަތަކާއެކު ދިވެހި ރާއްޖޭގެ ސިޔާސީ ބައިބައިވުން ދައްކައިދޭ އެއްވެސް ކުލައެއް ނުހިމެނޭނެ ފަދައިން ގައިޑްލައިނެއް ކަނޑައަޅާ ޤާނޫނު ހަދަން ޖެހެއެވެ. ރަސްމީ އޮފީސްތަކާއި، ޤައުމީ ޖަލްސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، އެކިއެކި ޙަފްލާތަކުގައި ހެދުންއެޅުމާއި، ޓައިއާއި، ސްކާފާއި، ބުރުގާގެ ކުލަތަކާބެހޭ ޤާނޫނުތައް ހަދަން ޖެހެއެވެ.
މިދެންނެވި ފަދައިން ޤާނޫ ހަދަން ޖެހެނީ ކޮންމެ ދުވަސްވަރެއްގައި ކޮންމެ ބަޔަކު ޝާމިލުވާ ސަރުކާރަކުން ކުރިޔަސް ކޮންމެ ކަމަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ޓެކްސް ފައިސާއިން ދައުލަތުގެ ބަޖެޓުން އަދި ދިވެހި ދައުލަތުގެ ނަމުގައި ނަގާ ލޯނުން ކުރާ ކަންކަން ކަމުގައި ވާތީއެވެ. އަދި އޮފީސްތަކުގައި ރައްޔިތުންގެ ޚިދުމަތުގައި ތިބެނީ ނުވަތަ ރައްޔިތުންގެ މަޖިލީހާއި، ޤައުމީ އެކިއެކި ޖަލްސާތަކާއި، އިޙްތިފާލު ތަކަށް ދަނީވެސް ދައުލަތުން ލިބިދީފައިވާ ފުރުޞަތަކުން ނުވަތަ ދައުލަތުގެ ދަޢުވަތަކަށް ކަމަށްވާތީއެވެ.
ދިވެހި ދައުލަތަކީ އެންމެހައި ދިވެހިން އެ ދައުލަތުގެ ޙިއްޞާދާރުން ކަމުގައިވާ ދިވެހިންގެ ފަޚުރެވެ. މި ދައުލަތުގެ ސަރުކާރަކީ އެންމެހައި ދިވެހިންގެ ބައިވެރިވުން އޮންނަ ދިވެހިންގެ ކަންކަން ހިންގުމަށް ކުރާ އިންތިޒާމެކެވެ. މިއީ ވަކި ބައެއްގެ ތަނެއް ނޫނެވެ. މިއީ ދިވެހީންގެ ރާއްޖެއެވެ. ދިވެހީންގެ ދައުލަތެވެ. ދިވެހީންގެ ޤައުމެވެ.

