މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު، ރަމަޟާންމަސް ފިޔަވައި އަހަރުގެ ބާކީ އޮތް އެގާރަ މަހުގައި ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާން ޚަތިމު ކުރުމާ އެކަހެރިވެ އެއްކިބާވެއެވެ. އެހެނަސް ރަމަޟާންމަސް އައުމާ އެކު ކީރިތި ޤުރްއާން ޚަތިމު ކުރުމަށް އަވަސްވެގަނެއެވެ. އެ މާތް ފޮތުގައިވާ، ބަސްފުޅުތަކުގެ މާނަ ދެނެގަތުމަކަށް، ނުވަތަ ތިމާމެންގެ ވެރި އިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތަކާ މެދު ވިސްނައި އެއަށް ޢަމަލު ކުރުމަކަށް އެއްވެސް މަސައްކަތެއް ކުރުމެއްނެތި، އަވަސް އަވަހަށް ކީރިތި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ނިންމޭތޯ ބަލައެވެ. އަދި ރަމަޟާންމަސް ނިމުމާ އެކު ބާއްވާ ޚަތިމު، ދެން އަނެއްކާ ވެސް ހުޅުވައިލަނީ އަނެއް ރަމަޟާންމަހުއެވެ.
ކީރިތި ޤުރްއާން ބާވައިލެއްވުނީ ރަމަޟާންމަހުގައެވެ. އެ މައްސަރަކީ ޤުރްއާންގެ މައްސަރެވެ. ނަމަވެސް ރަމަޟާންމަސް ނިމުމަކީ ޤުރްއާނަށް ފުރަގަސްދޭންޖެހޭ ސަބަބެއް ނޫނެވެ. އެ ޤުރްއާން ބާވައިލެއްވުނީ، ދިރިއުޅުމުގެ ފުރިހަމަ “ޔޫޒަރ މެނުއަލް” އެއްގެ ގޮތުގައެވެ. އިންސާނާ ޚަލްޤު ކުރެއްވި އިލާހު، އެ އިންސާނާ ވުޖޫދުގައި ލައްވައިފައިވާ ބޭނުމާއި އެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނޭ ގޮތްތަކާއި އުސޫލުތައް ވަނީ އެ ފޮތުގައި ބަޔާން ކުރައްވައިފައެވެ.
ކޮންމެ ރަމަޟާންމަހެއްގައި އަޅުގަނޑުމެން އެންމެ ގިނައިން އަޑު އަހާ އެއް އާޔަތަކީ ﴿شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ …﴾ (البقرة: ١٨٥) “ރަމަޟާންމަހަކީ އެ މަހެއްގައި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. …” އެ އާޔަތުގެ ފަހުބައިގައިވަނީ ޤުރްއާން ބާވައިލެއްވުމުގެ މައިގަނޑު މަޤްޞަދެވެ. “އެ ޤުރްއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައެވެ. އަދި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.”
މުންކަރާތްތައް އާންމުވެފައިވާ މި ޒަމާނުގައި، ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމަށް ޖެހިފައިވާ ބޭނުން، ވަޒަންކޮށްލަން ދާދި ފަސޭހައެވެ.
ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ބަސްފުޅުތަކާ މެދު ވިސްނައި، އެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ޢަމަލު ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ (النحل: ٩٠) މާނައީ: “ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެ ކަލާނގެ ނަހީކުރައްވަތެވެ. އެ ކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.”
އުންމަތުގެ އިސްވެދިޔަ ސަލަފުއްޞާލިޙުން ކީރިތި ޤުރްއާނުގައި ހިފައި، އެ ޤުރްއާނަކީ ދިރިއުޅުމުގެ މަންހަޖު ކަމުގައި ހެއްދެވިއެވެ. އެބޭކަލުންގެ ނަޞްރާއި ކާމިޔާބީއާއި ކުރިއެރުމާއި ޢިއްޒަތްކަމުގައި ވެފައިވަނީ އެ ޤުރްއާނުގެ މަގުގައި ދެމިތިއްބެވުމެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އުންމަތަށް ދެ އެއްޗެއް ދޫކުރައްވާފައި ވެއެވެ. އެ ދޭތީގައި ހިފައިފި ބަޔަކު ދުވަހަކު ވެސް މަގުފުރެދިގެން ނުދާނޭ ކަމުގައި ޙަދީޘް ކުރެއްވިއެވެ. އެއީ ކީރިތި ޤުރްއާނާއި އިތުރު އެކަލޭގެފާނުގެ ސުންނަތެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

