1952 ވަނަ އަހަރު އުމުރުން ހަ އަހަރުގައި ޕައުލް އެލެގްޒެންޑާ ޕޯލިއޯގެ ޝިކާރައަކަށްވުމުގެ ސަބަބުން އޭނާގެ ކަނދުރާއިން ތިރި ވަނީ ޕެރަލައިޒްވެފައެވެ.
އޭނާގެ އުފަން ރަށް ޑަލަސްގެ ޑޮކްޓަރުން އޭނާގެ އޮޕަރޭޝަންކޮށް އޭނާގެ ފުރާނަ ސަލާމަތްކުރި އެވެ. ނަމަވެސް މިބަލީގެ ސަބަބުން އޭނާއަށް އަމިއްލައަށް ނޭވާ ނުލެވޭތީ ޑޮކްޓަރުން ވަނީ އޭނާގެ ކަނދުރާއިން ތިރި ދަގަނޑު ސިލިންޑަރެއް ކަހަލަ ފުއްޕާމޭ އަކަށް ލާފައެވެ. ޕައުލް އަކީ ލޯ އިން ޑިގްރީ ހާސިލްކޮށްފައިވާ ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން އޭނާއަކީ ފޮތްތައް ލިޔެ ޝާއިއުކުރާ ލިޔުންތެރިއެކެވެ.
"ޕައުލް އަކީ ހިތްވަރުގަދަ ނަމޫނާއެއް." އޭނާގެ ކޮއްކޮ ފިލިޕް އެލެގްޒެންޑާ އޭނާގެ ހަނދާންތައް އާ ކުރަމުން ބުންޏެވެ.
"ޕައުލްއަކީ ހިތްހެޔޮ އޯގާތެރި ހިނިތުންވުމެއްގެ ވެރިއެއް. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެމެންވެސް ކުޑައިރު ކޮންސާރޓް ތަކަށް ގޮސް، ކުޅެ ސަކަރާތް ޖަހައި، ތަޅާފޮޅައި ހެދިން. އަހަރެން ދުވަހަކުވެސް އޭނާއަކީ ތަފާތު މީހެއް ކަމަށް ހިތަށް ނާރުވަން." ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ފިލިޕް ބުނީ ބަލީގެ ސަބަބުން އަމިއްލައަށް ކެއުން ފަދަ ކަންކަން ކުރުމަށް އޭނާ ނުކުޅެދުނު ނަމަވެސް ބޭބެގެ ހިތްވަރުގަދަ ކަމަށް އޭނާ ތައުރީފް ކުރާ ކަމަށާއި ބޭބެދެކެ ފަހުރުވެރިވާ ކަމަށެވެ.
ފާއިތުވި ހަފުތާތަކުގައި ޕައުލްގެ ހާލު މަޑުމަޑުން ގޯސްވަމުން ދިޔަ އެވެ. ފިލިޕް ބުނީ ބޭބެގެ އެންމެ ފަހު ވަގުތުތަކުގައި ބޭބެގެ ގާތުގައި ހުރެވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އޭނާގެ ދަގަނޑު ފުއްޕާމޭ އޭނާއަށް ނޭވާލުމަށް އެހީތެރިވެދެއެވެ. އޭއިން ނޭވާލުމަށް ބަންދުކުރެވިފައިވާ ތަނުގެ ވައިގެ ޕްރެޝަރު ބަދަލުކޮށްދެއެވެ. ގިނަ އަހަރުތަކެއްގެ މަސައްކަތަށް ފަހުން ޕައުލް އޭނާގެ ދަގަނޑު ފުއްޕާމޭ ބޭނުން ނުކޮށް ކުޑަ ވަގުތުކޮޅަކަށް އަމިއްލައަށް ނޭވާލާން ދަސްކުރިއެވެ.
ދަގަނޑު ފުއްޕާމޭގައި ބަހައްޓާފައި ހުރި ޕޯލިއޯއިން ސަލާމަތްވި ގިނަ މީހުންނެކޭ އެއްފަދައިން އޭނާ ވެސް މާ ގިނަ ދުވަހު ދުނިޔޭގައ ހުންނާނެ ކަމުގެ އުންމީދެއް ނެތެވެ. ނަމަވެސް 1950 ގެ އަހަރުތަކުގައި ޕޯލިއޯ ވެކްސިން އުފެއްދުމަށްފަހު، ހުޅަނގުގެ ދުނިޔެއިން މި ބަލި ނައްތާލެވުނުތާ އެތައް ޒަމާނެއް ވަންދެންވެސް އޭނާ ދިރިހުއްޓެވެ. ހައި ސްކޫލުން ދަސްވެނިވުމަށްފަހު ސަދަން މެތޮޑިސްޓް ޔުނިވާސިޓީގައި ޕައުލް ތައުލީމު ހާސިލްކުރިއެވެ. އޭނާ ވަނީ 1984 ވަނަ އަހަރު ޔުނިވާސިޓީ އޮފް ޓެކްސަސް އެޓް އޮސްޓިންއިން ލޯ ޑިގްރީ ހާސިލްކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން ބާއަށް އެޑްމިޓްކޮށް އޭނާ ވަކީލެއްގެ ގޮތުގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތްކުރިއެވެ.
އެ އަހަރު އޭނާގެ ދިރިއުޅުމާއި ބެހޭގޮތުން ފޮތެއް ޝާއިއުކުރިއެވެ. އޭނާ އެ ފޮތް ލިޔެފައިވަނީ ޕްލާސްޓިކް ދަނޑިއެއް ބޭނުންކޮށްގެން ކީބޯޑެއްގައި ޓައިޕްކޮށްގެން ރައްޓެއްސެއްގެ އެހީތެރިކަމާއެކުގައެވެ. މި ފޮތް ލިޔަން އަށް އަހަރު ހޭދަވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕޯލްގެ ކޮއްކޮ ފިލިޕް ބުނީ އޭނާގެ ބޭބެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ކިހާ ވަރެއްގެ އިންސްޕިރޭޝަނެއްކަން އޭނާއަށް އެނގުނީ އެ ފޮތް ޝާއިއުކުރުމާ ގުޅިގެން ކަމަށެވެ.
މެޑިސިންއަށް އައި ކުރިއެރުންތަކުގެ ސަބަބުން 1960 ގެ އަހަރުތަކުގައި ދަގަނޑު ފުއްޕާމޭ ބޭނުންކުރުމުގެ ބަދަލުގައި ވެންޓިލޭޓަރުތައް ބޭނުން ކުރެވެން ފެށުނެވެ. ނަމަވެސް ޕައުލް ސިލިންޑަރުގައި ދިރިއުޅެމުން ދިޔައީ، އޭނާ ބުނި ގޮތުގައި، އޭނާ އެސިލިންޑަރަށް އާދަވެފައި އޮތުމުންނެވެ. 78 އަހަރުގައި މަރުވި ޕައުލް ގިނިސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހޯދާފައިވަނީ 70 އަހަރަށް ވުރެ ގިނަ ދުވަހު ދަގަނޑު ފުއްޕާމޭގައި ހޭދަކުރުމަށްފަހު، ދަގަނޑު ފުއްޕާމެއެއްގައި އެންމެ ގިނަ ދުވަހު ދިރިއުޅުނު މީހާގެ ގޮތުގަ އެވެ.
ޕޯލިއޯގެ ޝިކާރައަކަށްވުމުގެ ސަބަބުން ޑޮކްޓަރުން އޭނާގެ އޮޕަރޭޝަންކޮށް އޭނާގެ ފުރާނަ ސަލާމަތްކުރި އެވެ. ނަމަވެސް މިބަލީގެ ސަބަބުން އޭނާއަށް އަމިއްލައަށް ނޭވާ ނުލެވޭތީ ޑޮކްޓަރުން ވަނީ އޭނާގެ ކަނދުރާއިން ތިރި ދަގަނޑު ސިލިންޑަރެއް ކަހަލަ ފުއްޕާމޭ އަކަށް ލާފައެވެ.

