އެއްވެފައިވާ ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމަތީ ހުރެ އިންސާފަށް އެދި ސަލާންޖަހަމުން އެދަނީ ޒައިނަބްގެ މަންމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދާއިރު އެފަކީރު އާދޭސް ކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަނިޔާވެރިކޮށް މަރާލެވިފައިވާ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށެވެ.
*** *** ***
އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާ އެކެވެ. ޒައިނަބަކީ އެއާއިލާގަ ހުރި އެންމެ ހަގު ކުއްޖާއެވެ. އުމުރުން ހަތް އަހަރުގެ ޒައިނަބްގެ މައިންބަފައިން ވީ އުމްރާއަށް ގޮސްފައެވެ. އޭރު ޒައިނަބާ އޭނާގެ ދޮއްޓަށް ތިބޭ ތިން ކުދިން ތިބީ ބޮޑުބޭބެ ގޭގައެވެ. ޒައިނަބަކީ ވަރަށް ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ކިޔެވުމުގެ ކަންކަމުގައި ނަމޫނާ ދަރިވަރެކެވެ. ސުކޫލު ތެރޭގައި ފިޔަޖަހާ ތަރިއެކެވެ.
އާދައިގެ މަތިން ޒައިނަބް ސުކޫލު ނިންމާލާފަ ގެޔަށް ދާން ހިނގައިގަތީ އެކަންޔެވެ. ސުކޫލާއި ގެޔާ މާދުރު ނޫންކަމުން އެއީ މާބޮޑު މައްސަލައަކަށް ވެދާނެ ކަަމަކަށް ނުބެލެވެއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ، ފަހަތުން އައީ މީހަކު ޒައިނަބްގެ އަނގަމަތީ އަތް އެޅިއެވެ. އަދި ގަދަކަމުން ދަމާފަ އެކުއްޖާ އޭނާ ގެންދިއައެވެ.
އެއީ ގޭންގެއް އުޅެމުންދާ ގުދަނެއް ފާޑުގެ ތަނެކެވެ. ޓިނު ޖަހައިގެން ހަދާފައިވާ އެތަނަށް އޭނާ ވެއްދުމަށް ފަހު، އެމީހުން ފެށީ ޒައިނަބަށް ގޯނާ ކުރާށެވެ. ގަދަކަމުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރީއެވެ. އިނގިރޭސި ބަހުން ބުނަަނީ ނަމަ "ރޭޕް" ކޮއްލީއެވެ. ހިތާމައިގެ ކޮޅެއްވެސްނެތެވެ.

ފޮޓޯ:ޑެއިލީއެކްސްޕްރެސް2018
އެދުވަހު ހަވީރު ވީއިރުވެސް ޒައިނަބްގެ ޚަބަރެއް އާއިލައަށް ނުވުމުން، އަވަހަށް ޕޮލިހަށް ރިޕޯޓް ކުރިއެވެ. ތިންދުވަސް މަތިންވެސް މުޅި އަވަށް ހޯދާ ބަލައިގެން ވެސް ޒައިނަބް ފެންނަ ގޮތެއް ނުވިއެވެ. ހަތަރު ވަަނައަށް ވީ ދުވަހު، ޕޮލިހުންނަށް ޚަބަރު ލިބިގެން އެއަވަށު ކުނިގޮަނޑު ބެލިއިރު އަސްތަޣްފިރުﷲ އެވެ. އަނިޔާވެރި ގޮތަކަށް މަރާލާ، އެއްލާލާފައި އެއޮތީ ޒައިނަބްގެ ފުރާނަ ނެތް މަސްގަނޑެވެ،
އެވަގުތުން ފެށިގެން ފުލުހުން އެލާރޓަށް ގެނެސް މި މަރުގެ ފަހަތުގައި ތިބި ޤާތިލުން ހޯދުމަށް މަސައްކަތް ފެށިއެވެ. އަދި ތަހުޤީގްގެ މަރުހަލާއަށް މަރުހޫމާގެ ހަށިގަނޑު ފުލުހުންގެ ބެލެވުމުގެ ދަށަށް ގެންދިޔައެވެ. އަދި ޒަނަބްގެ މައިންބަފައިންނަށް މި ޚަބަރު ދިނުމާއެކު، ލިބުނު ކުއްލި ހައިރާން ކަމާއި ފުންހިތާމައިގެ ސަބަބުން ވަޤުތުން ފުރައިގެން އައިއްސިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޒައިނަބުގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރީ 48 ގަޑިއިރުގެ އޮޓޮޕްސީއެއް ހެދުމަށް ފަހުއެވެ. އޮަޓޮޕްސީ ރިޕޯރޓް ބުނާގޮތުން އެ ކުއްޖާ ވަނީ ހަ ފަހަރު މަތިން ރޭޕް ކުރެވިފައެވެ. އަދި ކަރުގެ "ހައިބޮއިޑް" ކަށި ބިންދައިގެން ގޮސް ވާތީ، ބެލެވެނީ ޒައިނަބް މަރާލެވިފައިވަނީ ކަރުގައި ހިފައިގެން ނޭވާލުމަށް އުނދަގޫ ކުރުވައިގެން ކަމަށެވެ.
އާއިލާއަށް ހަވާލު ކުރިތާ 5 ގަޑިއިރު ފަހުން އޭނާގެ ޖަނާޒާ ބޭއްވުނެވެ. މި މަރުގެ އަޑީގައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުންގޮސް 2017 ވަނަ އަހަރު ޖެނުއަރީ މަހު އުމުރުން ހަ އަހަރުގެ ޒައިނަބް އަންސާރީ ރޭޕްކޮށް މަރާލި ކަމުގެ ކުށް ސާބިތުވި މީހާއަށް ޕާކިސްތާނުން ވަނީ މަރުގެ އަދަބު ދީފައެވެ.
ކުނިގޮނޑުތެރެއިން ކުއްޖާގެ ހަށިގަނޑު ފެނުމާ ގުޅިގެން ހައްޔަރުކުރި އިމްރާން އަލީގެ މަރުގެ ހުކުމް ލާހޯރުގެ ކޯޓް ލަކްޕަތު ޖަލުގައި ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ތަންފީޒުކޮށް، ދަންޖައްސައިފި ކަމަށް ފުލުހުން ކަށަވަރުކޮށްދިނެވެ. އެ އަދަބު ތަންފީޒުކުރުން އޮތީ ޒައިނަބުގެ ބައްޕައާއި ގާތްތިމާގެ އެހެން މީހުން ވެސް ހާޒިރުގައެވެ.

އިމްރާން އަލީ
ކަސޫރު ސިޓީގައި ހިނގި މިފަދަ ކުޑަކުދިންގެ މަރުގެ މައްސަލަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މައްސަލައިގެ ސަބަބުން އެގައުމުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާތައް ވެސް ކޮށްފަ އެވެ.
މިފަދަ ޖަރީމަތަށް ހިންގަމުން ދަނީ އިންސާނުންގެ ސިފައިގަ ތިއްބަސް ޖަނަވާރުންނެވެ. އެމީހުންގެ ހާލު ޖަނަވާރުންނަށް ވުރެވެސް ނުބައި ވާނެއެވެ. ދަރިއަކު ވަކިވުމުން މައެއްގެ ލަގޮނޑިއަށް ކުރާނެ އަސަރު ވިސްނިފަ އަޅުގަނޑަށް ރޮވިއްޖެއެވެ. ޒައިނަބަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ގަލަން ބާއްވާލާނަމެވެ. ޝުކުރިއްޔާ
========================
[ނޯޓް؛ މި ވާހަކައަކީ، ޕާކިސްތާނުގައި ޖިންސީ އަނިޔާ ކުރުމަށްފަހު މަރާލެވިފައިވާ އުމުރުން 9 އަހަރުގެ މުސްލިމް އަންހެން ކުއްޖާ (ޒައިނަބް)ގެ ހަނދާނުގައި އަޅުގަނޑު ލިޔުނު ވާހަކައެކެވެ. މި ވާހަކައަކީ ހާދިސާއަށް ކުޑަކޮށް ގުޅުވާލައިގެން، އަޅުގަނޑުގެ ހިޔާލަށް އައި ގޮތަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.]-ޒިދާން މުހައްމަދު-

