ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.
ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.
ރޯދައަކީ ﷲގެ އަޅާ، އޭނާގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުން ނަމޫނާ ކިޔަމަންގަތުމަކަށް ހަދާދޭ އަޅުކަމެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި ހުރިހާ ކަންތައްތަކާ ދުރުހެލިވެގެން އަހަރުގެ ހުރިހާ މައްސަރު ތަކެއްގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކާއި އަދި ޙަލާލުކުރެއްވި ބައެއް ކަންތައްތަކާ ދުރުހެލިވެގެން އުޅޭމީހެކެވެ. ރަމަޟާން މަހުގައި އޭނާގެ ޙަޔާތަކީ މާތްވެގެންވާ މަލާއިކަތުންގެ ޙަޔާތާ އެއްފަދަ ނަމޫނާ ޙަޔާތެކެވެ. މާތްﷲ އަށް އުރެދުމެއްނެތި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވާތީއެވެ.
މާތްﷲ އަށް ފުރިހަމައަށް ކިޔަމަންގަންނަ އަޅަކަށް ރޯދަވެރިޔައަށް ވެވޭނީ އަދި ރޯދައިން ފުރިހަމައަށް ފައިދާ ލިބިގަންނަ އަޅަކަށް ރޯދަވެރިއާއަށް ވެވޭނީ ރޯދައާ ގުޅުންނެތްް އެންމެހާ ނުބައި ޢަމަލުތަކުން ސަލާމަތްވެގެންނެވެ. ރޯދަވެރިޔާގެ ސުލޫކާ ނުގުޅޭ ސުލޫކުތަކާއި އުޅުންތަކާއި ގުޅުންތަކާ ދުރުހެލި ވެވިގެންނެވެ. އޭގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ހާރު ނުކެއުމެވެ.
ބައެއް މީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބެއެވެ. ނަމަވެސް ދީނީގޮތުން ބަލައިއިރު އެއީ ކީރިތި ރަސޫލާصلى الله عليه وسلمގެ ސުންނަތާ ޚިލާފު ކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ “تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً ( رواه البخارى ومسلم والنسائى وأحمد والطبرانى) – ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ.” ދަންނަބޭކަލުން ވިދާޅުވާގޮތުގައި ހާރުކެއުމަކީ ބަރަކާތްތެރިކަމެއްގެ އިތުރަށް ހަށިގަނޑަށްވެސް ބޭނުންކަމެކެވެ. ރޯދަވީއްލާއިރު ކާއެއްޗެހިން އެކަނި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބޭނެކަމަށް ކަމާބެހޭ ތަޖްރިބާކާރުން ބުނެއެވެ. ހާރުނުކައި ރޯދައަށް ހުންނަމީހާ ބޮލުގައި ރިއްސުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ކުޑަކުޑަކަމެއް ކޮށްލާއިރަށް ވަރުބަލިވުމަކީވެސް ވެދާނެކަމެކެވެ. އޭނާ ވަރަށް ބޮޑަށް ކަރުހިއްކާނެއެވެ. މިގޮތަށް އެއްމަސްދުވަސް ހޭދަކުރަން އުޅެފިނަމަ އޭނާއަށް ވަރަށްބޮޑެތި ބުރަތަކެއް އުފުއްލަން ޖެހިދާނެއެވެ.
އެންމެ އިރަކު ކައިގެން ހާރުނުކައި ރޯދައަށް ހުރުމުގެ ސަބަބުން އޭނާގެ މަޢިދާއަށާއި ގޮހޮރަށާއި ހަޖަމުކުރުމުގެ ނިޒާމަށް ގެއްލުންތަކެއް ލިބުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.
ހާރުކެއުމަކީ ޒުވާންފުރައިގެ މީހުންނަށާއި މުސްކުޅީންނަށާއި މާބަނޑުމީހުންނަށާއި ބަލިމަޑުކަމުން ފަސޭހަވެގެން ހަށިގަނޑު އަލުން އުފެދެމުންދާ ކޮންމެ މީހަކަށް ވަރަށް ބޭނުންތެރި، ޟަރޫރަތްތެރި ކަމެކެވެ.
ކީރިތިރަސޫލާصلى الله عليه وسلمޙަދީޘްކުރައްވާގޮތުގައި އަހްލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއްތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރުކެއުމެވެ. އަހްލުކިތާބީން ރޯދަހިފުމަށްޓަކައި ހާރެއް ނުކައެވެ.
ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ. “لَا تَزَالُ أُمَّتِي بِخَيْرٍ مَاأَخَّرُوا السَّحُورَ وَعَجَّلُوا الْفِطْرَ ( رواه أحمد)- ހާރުކެއުން ފަސްކޮށް، ރޯދަވީއްލުން އަވަސްކުރާނަމަ ތިމަންކަލޭގެފާނުގެ އުއްމަތް ހެޔޮކަންމަތިން ފިލައިނުގޮސް ތިބޭނެތެވެ.”ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ހާރުކެއުން ފަސްކުރުމުގެ ސަބަބުން ރޯދަވީއްލުމާ ހާރުކެއުމާ ދެމެދުގައި އަށެއްކަގަޑިއިރުގެ މުއްދަތެއްލިބޭނެއެވެ. މިއީ ރޯދަވީއްލިއިރު ކައިބޮއިހެދި އެއްޗެހި ހަޖަމުކުރުމަށް ފުދިގެންވާ ވަގުތުކޮޅެކެވެ. އޭރުން ، ކައިބޮއި ހެދިއެއްޗެހި ހަޖަމުވުމުން އުފެދޭ ކުނިބުނިތައް ނައްތައިލުމަށް ވެސް ހަށިގަނޑަށް ވަގުތުލިބޭނެއެވެ. މިކަމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް، ހަޖަމުކުރުމުގެ ތަފާތު މަސައްކަތްތަކުން އަވަދިވާނެ ވަގުތުވެސް ލިބޭނެއެވެ.
ހާރުކެއުން ލަސްކުރުމަކީ ނުކައިނުބޮއި ހުންނަންޖެހޭ ވަގުތުކޮޅު މަދުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހައިހޫނުކަމާއި ކަރުހިއްކުމުގެ އިޙްސާސް ކުޑަވެގެންދާނެއެވެ.
(އިބްރާހީމު ރަޝީދު މޫސާ/ ލިޔުންތެރިންގެ ގުޅުން)

