ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށާއި ކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން ކުށްކުރުވާ މީހުންގެ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ނެރެ އާންމުކޮށްފި އެވެ.
ޕީޖީ އޮފީހުގެ އިރުޝާދަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާ ގެ އަކުރު (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރާ ޢަމަލުތަކާ ގުޅިގެން ބަލައި ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮންނަ މަސްއޫލިއްޔަތުގެ ދަށުން ނެރުނު އިރުޝާދެކެވެ.
އެ އޮފީހުން ބުނީ އެކިއެކި ކުށް ކުރުމަށް ޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށާއި އަދި މިބާވަތުގެ ކުށްތަކަކީ އެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށްތައް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިއިރުޝާދުގެ ސަބަބުން ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމް ކޮށްގެންނާއި ރެކްރޫޓު ކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހުގީގުގައި ބަލާނެ ކަންކަމާ އަދި ދައުވާކުރުމުގައި ގެންގުޅޭ އުސޫލުތައް، މިދާއިރާގައި މަސައްކަތްކުރާ އެންމެހާ އިދާރާތަކަށް ސާފުވެފައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

