ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ކަމަށެވެ.
ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ހުޅަހެޅޭނެއެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެއެވެ.
މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެއެވެ.
ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން އަނަން ރަށެކެވެ. އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

